ފޯކައިދޫ އިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އަޑު އުފުލައި، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި
31 އޯގަސްޓު 2026 | ހޯމަ 05:13އާދިއްތަ ދުވަހުގެރޭ ފޯކައިދޫ ރައްޔިތުން ކުރި އިހުތިޖާޖުގައި ރައީސް މުއިއްޒު އަށް ވެރިކަން ނުކުރެއްވޭ ނަމަ އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފައި. އަދި އެ ރަށުގެ ފެނަކަ ބްރާންޗުގެ އިސްވެރިން ވެސް އިސްތިއުފާ ދިނުމަށް ވަނީ ގޮވާލާފައި

ފޯކައިދޫ ރައްޔިތުން އާދީއްތަ ދުވަހުގެރޭ ކުރި އިހުތިޖާޖުގެ ތެރެއިން | ސޯޝަލް މީޑިއާ
ށ. ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެ ރަށުގައި އިހުތިޖާޖުކޮށްފި އެވެ.
އާދިއްތަ ދުވަހުގެރޭ ފޯކައިދޫ ރައްޔިތުން ކުރި އިހުތިޖާޖުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ނުކުރެއްވޭ ނަމަ އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފަ އެވެ. އަދި އެ ރަށުގެ ފެނަކަ ބްރާންޗުގެ އިސްވެރިން ވެސް އިސްތިއުފާ ދިނުމަށް ވަނީ ގޮވާލާފައި އެވެ.
މި އިހުތިޖާޖުގައި ފޯކައިދޫ ރައްޔިތުން ވަނީ އެ ރަށު ރައްޔިތުންނަށް ދެމުންދާ އަނިޔާ ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި ވަޒީފާތަކުން ވަކިކުރުމުގެ ސަބަބުން ގެއްލުން ވަނީ މުވައްޒަފުންނަށް އެކަނި ނޫން ކަމަށާއި، އެ މީހެެއްގެ ބެލުމުގެ ދަށުގައިވާ އެންމެންނަށް އެ ގެއްލުންތައް ތަހައްމަލު ކުރަން ޖެހޭ ކަމަށް ރައްޔިތުން ވަނީ ބުނެފަ އެވެ.
އެއްވެސް އިންޒާރަކާ ނުލައި ފޯކައިދޫ ފެނަކަ ބްރާންޗުން އާދިއްތަ ދުވަހު ވަނީ 13 މުވައްޒަފަކު ވަކިކޮށްފަ އެވެ. ފޯކައިދޫ ކައުންސިލުން ވަނީ މިކަން ކުށްވެރިކޮށް ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުން ވަޒީފާ އިން ވަކިކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ބުނެފަ އެވެ.
ފޯކައިދޫ ކައުންސިލުން ވަނީ ވަޒީފާ އިން ވަކިކުރި މީހުންނާ ބައްދަލުކޮށް، މި ހިތްދަތި ވަގުތުގައި އެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކާއެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދީފައި އެވެ. މީގެ އިތުރުން ފޯކައިދޫ ކައުންސިލް އިން ވަނީ އެކަށް ކުށްވެރިކޮށް، ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ވެސް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ ޚިލާފު ވަމުން އަންނަ ކަމަށް ފާހަގަކޮށްފައި އެވެ.
ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ދަނީ ކުންފުނިތަކުން ނުހައްގުން އެތައް ބަޔަކު ވަކިކުރަމުންނެވެ. އާދިއްތަ ދުވަހު އެކަނި ވެސް ފ. ފީއައްޔާއި މަގޫދޫ އަދި ފުވައްމުލައް ސިޓީ އިން ވެސް އެތައް މުވައްޒަފަކު ވަނީ ކުންފުނިތަކުން ވަކިކޮށްފައި އެވެ.











