ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު
1 ސެޕްޓެމްބަރު 2026 | އަންގާރަ 08:32ހޯމަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް ތިން އަހަރުވެގެން ދިޔައިރު އެތައް ޒަމާނެއްގެ ތެރެއިން އުފެދިފައިވާ، އެތައް ހާސް އަމިއްލަ ވިޔަފާރިތަކެއް ވަނީ ފުނޑިގެން ގޮސްފައި ކަމަށް


އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް | ސޯޝަލް މީޑިއާ
ބާރު ދުވެލީގައި ކުރިއަރަމުންދިޔަ ދިވެހިރާއްޖޭގެ އިގުތިސާދު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރަށް ފަހަތަށް ޖައްސާލައިފި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް ތިން އަހަރުވެގެން ދިޔައިރު އެތައް ޒަމާނެއްގެ ތެރެއިން އުފެދިފައިވާ، އެތައް ހާސް އަމިއްލަ ވިޔަފާރިތަކެއް ވަނީ ފުނޑިގެން ގޮސްފައި ކަމަށެވެ. އަދި މި ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަކީ ވަރަށް ގިނަ ދުވަސްވެގެންދާނެ ބުރަ މަސައްކަތެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މި ވޭތުވެދިޔަ ތިން އަހަރުތެރޭގައި ރައީސް މުއިއްޒު ކުރެއްވި ކަންތައްތަކުން އެތައް ޒަމާނެއް ވަންދެން އެތައް ޖެނެރޭޝަނަކުން ކިރިއާ އުފެދިގެން އައި ވިޔަފާރިތައް އެއޮތީ ފުނޑިގެން އެތައް ހާހަކުން ގޮއްސަ. ދެން އެއްވެސް މީހަކަށް އެ ވިޔަފާރިތައް ކޮޅައްޖެހުމަކީ ވަރަށް ބުރަ މަސައްކަތެއްފައްޔާޒް އިސްމާއީލް
ެިރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަށް ގާނޫނަށް ގެނައި ބަދަލު ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، ގާނޫނަށް މި ގެނައި އިސްލާހުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ނުލިބޭނެ ކަމަށެވެ.
ސަރުކާރުން ރިސޯޓުތަކުގެ އަތުން ނެގުމަށް ހަމަޖެހިފައިވާ 40 އިންސައްތަ އިން ދައުލަތަށް ލިބޭ ޑޮލަރު ދޭނީ އެބޭފުޅުން ބޭނުންވާ ވިޔަފާރިތަކަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ބޭސްފަރުވާގެ ބޭނުމަށް ދެމުންދާ 1000 ޑޮލަރު ވެސް ދެނީ އެމްއެމްއޭ އިން ބޭނުންވާ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ބޭސްފަރުވާގެ ބޭނުމަށް ބޭރު ގައުމުތަކުގައި ކްރެޑިޓް ކާޑުން އަދި ޑެބިޓް ކާޑުން ރުފިޔާ ކެނޑޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަ އަކީ ދޮގެއް ކަމަށެވެ. ބޭރު ގައުމުތަކުގައި ކްރެޑިޓު ކާޑުން އަދި ޑެބިޓު ކާޑުން ބިލުތައް ނުދެއްކިގެން އެތައް ބަޔަކު އުޅެން ޖެހޭ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
މި ބޭފުޅުން ކުރާ ކަމަކީ މިހާރު ނަގަން ހަމަޖެހިފައިވާ 40 އިންސައްތަ އިން އެބޭފުޅުން ބޭނުންވާ މީހުންނަށް ވިޔަފާރިތަކަށް މި ދެނީ. އެމްއެމްއޭ އިން ބޭސްފަރުވާއަށޭ ކިޔާފައި އައިޑީކާޑު ލިސްޓެއް އައީމަ 1000 ޑޮލަރު ދެނީ. ޑެބިޓު ކާޑުން އަދި ކްރެޑިޓު ކާޑުން ލާރި ކެނޑޭ ވާހަކަ ދައްކައިފި. އަޅުގަނޑުމެން ބޭރުގެ ކިތައް ފިހާރައަށް ކިތައް ހޮސްޕިޓަލަށް ވަދެފަ ލަދުން ނުކުންނަން ޖެހެނީ ކާޑުން ރުފިޔާ ނުކެނޑިގެން ބިލު ނުދެއްކިގެން. ޖެހިލުމެއް ނެތި އެތާ އިދެގެން ދޮގު ހަދަމުން އެދަނީ ގައުމު ފުނޑުފުނޑު ކޮށްލަމުން އެ ދަނީފައްޔާޒް އިސްމާއީލް
ސަރުކާރުގެ މާލީ އަދި އިގުތިސާދީ ސިޔާސަތުތައް ހަރުދަނާ ނުކުރާ ނަމަ، ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަންދެން މެދުނުކެނޑި ސީދާ ހަރަކާތް ހިންގުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ހޯމަ ދުވަހުގެރޭ ފާސްކޮށްފަ އެވެ.
މި ނިންމުން ނިންމާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރެއްގެ މައްޗަށް ބަހުސް ކުރުމަށްފަހު އެވެ. މި ގަރާރު ފާސްކުރުމަށްޓަކައި ބޭއްވި ވޯޓުގައި، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ ތެރެއިން 33 މެންބަރުން ވަނީ ޤަރާރު އޮތްގޮތަށް ފާސްކުރުމަށް ތާއީދުކުރައްވާފަ އެވެ.
މި ގަރާރާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެންމެހައި ރައްޔިތުން ނިކުތުމަށް އެމްޑީޕީގެ ފަރާތުން ވަނީ ގޮވާލައިފަ އެވެ.











