މުއިއްޒު ލޮޖިކް: "ކާމިޔާބެއް ވިއްޔާ މަ" "ގޯހެއް ވިއްޔާ ކުރީ ސަރުކާރު"
23 އޯގަސްޓު 2026 | އާދީއްތަ 11:36ތިލަމާލެ ބްރިޖުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާތީ މި ސަރުކާރުން އޭގެ ކްރެޑިޓް ނަގަމުންދާ ދިއުމަށް ގިނަ މީހުން ވަނީ ފާޑުކިޔާފައި. ކުރީ ސަރުކާރުން ފެށި މި މަޝްރޫއުގެ ކާމިޔާބީ އަމިއްލަ ކުރާއިރު، ދިމާވާ ދަތިތަކާއި އިޤްތިސާދީ މައްސަލަތަކުގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލުގައި އެޅުވުމަކީ "މުއިއްޒު ލޮޖިކް"


ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު | ރައީސް އޮފީސް
މަގުމަތިން ދަމުން ގޮވާލާފައި މީހަކު އަހާލިއެވެ. "ހަމަ މުއިއްޒު ދޯ އެވެ". ހައިރާން ވެފައި ކިހިނެއް ވީހޭ ބުނެފީމެވެ. ދެން ވެސް އޭނާ ކުރީ ސުވާލެކެވެ. "ދަރަނި އެއީ ކުރީ ސަރުކާރު ދޯ އެވެ". ތިލަކޮށްލަދޭން އަހައިފީމެވެ.
އޭނާ ބުނީ "ތިލަ ކުރެވޭނީ މިވަރަށެވެ. އެއީ މުއިއްޒު ލޮޖިކެވެ". އިތުރަށް ބަހެއް ނުބުނެ އޭނާ ހިނގައްޖެ އެވެ.
ވިސްނާލެވުނީ އެހާ ހިސާބުންނެވެ. އިއްޔެ ގުޅާލުމުގެ މަސައްކަތް ފެށި ބްރިޖްގެ ވާހަކަ މަތިން ހަންދާންވީ ދެނެވެ.
ހިތަށް އެރި އެވެ. ސިޔާސީ މީހުން ފާޑުވެސް ކިޔަ އެވެ. އަދި އެ މީހުންނަށް ތާއީދު ކުރާ މީހުން އޭގައި ހިފައިގެން މަލާމާތާއި ފުރައްސާރަވެސް ކުރެ އެވެ. ކުރީގެ ސަރުކާރުތައް ދެރަކޮށްލަން ވާހަކަ ވެސް ދައްކާ އުޅެ އެވެ.
ތިލަމާލެ ބްރިޖަކީ އޭގެ އިންތިހާ އެވެ. ބްރިޖް މަސައްކަތް ހަވާލު ކުރި މީހުންގެ ފެންވަރެއް ނެތްކަމެވެ. ޕީއެންސީ ކުދިން ބުނާ ގޮތަށް "ކަޑަ" ބައެކެވެ. ކަން ނުކުރެވޭ ކައްޕަޅި އިންޑިޔާ މީހުންނެވެ. ބަރަވެލި ދުވެލީގައި ކުރިއަށްދާ މަސައްކަތެވެ. ދޮލަނގުގައި އުފުލި ސިމެންތި އެވެ. ކައްޗަށް ޖެހި ތަނބު ތަކެވެ. އެ ތަނބު ދަބަރަށްވެ ހުސްވި ވާހަކަ އެވެ. އިބޫ ސޯލިހުގެ ނާގާބިލް ކަމެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އެ ބްރިޖާ ގުޅިގެން ގޮވާފައިވަނީ އެތައް ވާހަކަ އެވެ.
އިއްޔެ އެ ފެށީ މާލެއާ ވިލިނގިއްޔާ ގުޅާލުމުގެ ފަހު މަރުހަލާގެ މަސައްކަތެވެ. ހީވީ ދަށް އުޑުން ބާރަށް ގުގުރާން ފެށިހެންނެވެ. ޕީއެންސީ ކުދިންގެ ހައްޓަކު ހެއެއް ނެތެވެ. ސަރުކާރުން ފައިސާ ދީގެން ސޯޝަލް މީޑިޔާގައި އަނބުރާން ގެންގުޅޭ ކުދިން ދެނެކާ ދެނެއް ނެތެވެ. ޝުކުރިއްޔާ ރައީސް މުއިއްޒެވެ. ސާބަސް ރައީސް މުއިއްޒެވެ. މަނިކުފާނުގެ ކުޅަދާނަ ކަމެވެ. މަނިކުފާނުގެ ގާބިލް ކަމެވެ. މަނިކުފާނުގެ ދުރުވިސްނުން ފުޅެވެ. މަނިކުފާނުގެ ހިކުމަތު އަމަލީ އެވެ. އެއޮށްބޮޑު ބްރިޖް އެޅުއްވީ މަނިކުފާނެވެ. އިގްތިސާދީ ކުރިއެރުމެކެވެ. ބޮޑު މެގަ ޕްރޮޖެކްޓެކެވެ. ވެރިކަމުގައި ހޯއްދެވި ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެކެވެ. ފަށްފަށުން ޝުކުރިއްޔާ އެވެ. ޝުކުރިއްޔާ ޝުކުރިއްޔާ ޝުކުރިއްޔާ އެވެ. ތިޔަވަރު ކަމެއް ކޮށްދެއްވީތީ ހާސްފަށުން މަނިކުފާނަށް ޝުކުރިއްޔާ އެވެ. އެތައް ފޮޓޯއަކާއި ވީޑިއޯއެއް ހިމަނައިގެން އެކަކަށްވުރެ ގިނައިން އަނެކަކު ޕޯސްޓް ކުރަން އުޅުނު މައިގަނޑުގައިވެ އެވެ.
މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ބްރިޖްގެ ކްރެޑިޓް ނަގަން މިސަރުކާރުން ކުރަމުންދިޔަ މަސައްކަތެވެ. ކުރިން ކީހާ ޅެންތައް ފަރިއްސަށް ހެދި ގޮތެވެ. އެ ވާހަކަތައް އެއްފަރާތްކޮށްފައި ދައްކާންފެށި މޮޅު ވާހަކަތަކެވެ. ޚުދު ރައީސް މުއިއްޒު ވެސް ވަނީ މިއީ އެމަނިކުފާނުގެ މަސައްކަތެއްކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު ނޭނގުނީ މުޅިން އެހެން ކަމެކެވެ. ފޮޓޯ ނަގަން ނުވަތަ އެ ބްރިޖްގެ ވާހަކަ ދައްކާން ބްރިޖާ ދިމާލަށް ބަލަހައްޓައިގެން ހުރެ ރޯމާއި ދުވާލު މިގޮވެނީ ލޮލަށް ބޮލަށް ކަމަށެވެ. އަމިއްލަ މީހާ އަމިއްލަ މީހާއަށް އޮޅުވާލެވެނީ ކަމެވެ. އެއީ އާއްމު ރައްޔިތު މީހާއަށް އެނގޭ ކަމެއް އެވަރަށް އޮޅުވާލަން ކުރެވޭ ބޭކާރު މަސައްކަތް ކަމެވެ.
އެންމެން ވެސް ދަނެ އެވެ. ބްރިޖްގެ މަސައްކަތް ފެށީ ކުރީގެ ސަރުކާރުންނެވެ. އެ ވެރިން ވެސް އެއްބަސްވާ ގޮތައް ހީކުރިހާ ބާރަކަށް ކުރިއަކަށް ނުދިޔަ އެވެ. އެއީ މޫސުމަށް އައި ބަދަލުތަކާއި އަންދާޒާ ކުރިވަރަށްވުރެ އެތަނުގައި މަސައްކަތް ކުރަން އުނދަގޫވުން ކަމަށް މަސައްކަތް ކުރާ މީހުން ވެސް އެވަނީ ބުނެފަ އެވެ. އެކަމަކު ހަގީގަތަކީ ހުއްޓުމެއްނެތި 24 ގަޑިއިރު މަސައްކަތް ކުރިއަށް ދިޔަކަމެވެ. އެ ވާހަކަ އެންމެ ތަފްސީލްކޮށް ކިޔައިދީފައި އެ ވަނީ މި ސަރުކާރުން ޖަޕާނުގެ އެމްބެސެޑަރަކަށް ކަނޑައަޅާފައިވާ ކުރީގެ ޔޫތު މިނިސްޓަރު މަހްލޫފެވެ.
އިމާރާތެއްގައި އެންމެ ގިނަ އެހެންނަމަވެސް ލޮލަށް ފެންނާން ނުހުންނަ މަސައްކަތަކީ ފައުންޑޭޝަންގެ މަސައްކަތެވެ. ފައުންޑޭޝަން އަޅަައި ހަމަ ބިމާ ހަމައަށް ފަސްއަޅާލީމާ ކުރިން ގިނަ ދުވަހުން އެކުރި ގިނަ މަސައްކަތް އާއްމު މީހާއަކަށް ނޭނގެ އެވެ. ބްރިޖްގައި ވެސް ގިނަ ދުވަސް އެނެގީ ކަނޑުގެ އަޑީގައި ޖެހި ތަނބުތައް ޖެހުމު ގައެވެ. މަތިން ފެންނަ ބައިތަކުގެ މަސައްކަތް ފެށެނީ އެއަށް ފަހު އެވެ. ތަނބުތައް ޖެހުނީމާ މަތީގައި ކުރާ މަސައްކަތް ހަލުވި ވުމުގެ އިތުރަށް މަސައްކަތް ވެސް ފެންނާން ފަށާނެ އެވެ. ޕީއެންސީ ކުދިންކޮޅަށާއި މުއިއްޒަށް އެވީ އެގޮތެވެ. ދަމާ އެއްރޮއްޖަކަށް ފޫގަޅާފައި ކްރެޑިޓް ނެގޭތޯ އެބެލީ އެހެން ވެގެންނެވެ. ތިމާގެ މޮޅުކަން ދެއްކޭތޯ އެބަލަނީ އެކަމާ ގުޅުވާފަ އެވެ.
ކޮންމެއަކަސް އުޑުގައި ޖެހި ބިމުގައި ޖެހުނަސް ތިލަމާލެ ބްރިޖަކީ މި ސަރުކާރުގެ އެއްޗަކަށް ނުވާނެ އެވެ. ހަގީގަތެއް ރައްޔިތު މީހާއަކަށް އޮޅުވައެއް ނުލެވޭނެ އެވެ. އެކަމަކު މިފަހަރު ވެސް ފެނު އެހެން ހަގީގަތެއް އެބައޮތެވެ. ހާމަވި އެހެން މަންޒަރެކެވެ. މިއީ މުއިއްޒު ލޮޖިކް ކަމެވެ. "ކާމިޔާބީއެއް ވެއްޖިއްޔާ މަށެވެ. ގޯހެއް ވިއްޔާ ކުރީ ސަރުކާރެވެ." ހުޅުލޭ އެއަރޕޯޓް އަމިއްލަ ކޮށްލި ގޮތަށެވެ. ހަނިމާދޫ އެއަރޕޯޓު ވެސް ރަނގަޅުވެ ވެރިކޮށްލި ބީދައަށެވެ. އެކަމަކު އަމިއްލައަށް ނިންމި އަމީނީމަގުގެ އުތުރު ކޮޅަށް ވީ ގޮތުންނާއި ދަރަނި މެނޭޖް ނުކުރެވި ޑޮލަރުގެ އަގު ބޮޑުވި ގޮތަކީ ކުރީ ސަރުކާރު ބޮލަށް ޖެހި ގޮތަށެވެ.









