ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!
24 އޯގަސްޓު 2026 | ހޯމަ 09:14ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށްވުރެ ބޮޑަށް، ރައީސް މުއިއްޒު އިސްކޮށް ދައްކުވައިދޭ ފިލްމީ އުފެއްދުމެއްގެ ގޮތުގައި ފާހަގަކުރެވޭ. މި ބައްދަލުވުންތަކުގެ މަންޒަރުތައް ސިނަމެޓިކްކޮށް ގެނެސްދޭއިރު، ރައްޔިތުންގެ ހަގީގީ ތަކުލީފުތައް މީޑިއާ ކޮންޓެންޓަކަށް ހަދާފައިވާކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި


ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް! | ރާއްޖެއެމްވީ ގްރެފިކްސް
އެއީ ހަގީގީ މައްސަލަތައް ކުރިމަތިވެފައިވާ އާންމު ރައްޔިތުންނެވެ. އާދައިގެ ރައްޔިތުންނެވެ. ބޮޑެތި، ސީރިއަސް އެތައް ކަންބޮޑުވުންތަކާ އެކު، އިތުރު ގޮތެއް ނެތިގެން ވެރިމީހާ އަރިހަށް ސަލާންޖަހަން ދާން ޖެހިފައި ތިބި ނިކަމެތި ރައްޔިތުންނެވެ.
އެ ރައްޔިތުން މިދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ އަޑު އިއްވައިދޭށެވެ. ހަގީގީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެދި އާދޭސް ކުރާށެވެ. އެވެސް ރައީސް އަމިއްލަފުޅަށް ހުޅުވާލެއްވި ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.
އެހެންނަމަވެސް ފެންނަނީ އެ ރައްޔިތުންނަކީ ސައިޑް އެކްޓަރުންގެ ގޮތުގައި ބޭނުންކޮށް، ރައީސް މުއިއްޒު މެއިން ކެރެކްޓަރުގެ ގޮތުގައި ފިލުމު ކުޅުއްވަމުންދާ މަންޒަރެވެ.
ސަރުކާރުން އަލަށް ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާގެ އުފެއްދުންތެރިކަމުގެ ފެންވަރަށް ބަލާއިރު، ކެމެރާގެ ފުރަގަހުގައި ބަޔަކު ތިބީ އެންމެ މަންޒަރެއް ވެސް ބޭކާރުވިޔަނުދީ ދެއްކުމަށް ތައްޔާރުވެގެންކަން ހާމަވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރަސްމީކޮށް މި ސިލްސިލާ ފަށާފައިވަނީ، މިއީ ރައްޔިތުންނަށް ވަކިވަކިން ރައީސް މުއިއްޒާ ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް ސީދާ ރައީސަށް ހުށަހެޅުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ސިފަކުރަމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި، ރައީސާ ބައްދަލުކުރުމަށް ރަޖިސްޓްރީވާ ރައްޔިތުންނަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި ހަރަކާތް، ރާއްޖޭގެ ހުރިހާ އިންތިޚާބީ ދާއިރާތަކަށް ފުޅާކުރެވޭނެ އެވެ. މިހާތަނަށް މި ސިލްސިލާގެ ފުރަތަމަ އަދި ދެވަނަ އެޕިސޯޑް ވަނީ ސޯޝަލް މީޑިއާ އާއި ޓީވީ މެދުވެރިކޮށް ބްރޯޑްކާސްޓްކޮށްފަ އެވެ.
އެހެންނަމަވެސް، މި ބައްދަލުވުމުގެ މަންޒަރުތަކަށް ބަލާއިރު، ބޮޑަށް ވައްތަރީ ވަރަށް ފަރުވާތެރިކަމާއެކު އުފައްދާފައިވާ ރިއަލިޓީ ޓީވީ ޕްރޮގްރާމަކާ އެވެ. ސްކްރީނުގައި އެކަނި ވެސް މަލްޓި ކެމެރާ އެތައް ވިންޑޯއެއް އެއްފަހަރާ ދައްކަމުންދެ އެވެ.
ރައްޔިތު މީހާ ހަމައެކަނި ރައީސް އޮފީހަށް އަންނަނީއެއް ނޫނެވެ. އެމީހާ ލިފްޓަށް ވަންނަ މަންޒަރު އަހަރެމެންނަށް ފެނެ އެވެ. އިންތިޒާރުގައި އިންނަ މަންޒަރު ފެނެ އެވެ. ގާތުން ނަގާފައިވާ "ކްލޯޒް-އަޕް" މަންޒަރުތައް ފެނެ އެވެ.
ބައެއް ފަހަރު ފެންނަނީ އަތެކެވެ. އަނގޮޓިއެކެވެ. ނުވަތަ ގަޑިއެކެވެ. ޤައުމުގެ އެންމެ ބާރުގަދަ ވެރިޔާއާ ބައްދަލުކުރުމަށް ރައްޔިތު މީހާ ކެތްތެރިކަމާއެކު އިންތިޒާރުގައި އިންނައިރު، އޭނާގެ އިނގިލިތައް ހަރަކާތްކުރާ ގޮތެވެ. ބައްދަލުވުމުގެ ކުރިއަށް އޭނާ މައިކް ޖަހާ މަންޒަރު ވެސް އެކި އަރިއަރިން ދައްކަ އެވެ.
ބައްދަލުވުން އޮންނަ ކޮޓަރިކޮޅަށް އޭނާ ހިނގާފައި އަންނަ މަންޒަރުތައް ވެސް އެކި އޭންގަލްތަކުން ދައްކަ އެވެ. މި މަންޒަރު ބޮޑަށް ވައްތަރީ ލަވަ މުބާރާތެއްގެ އޮޑިޝަނަށް މީހުން ދައްކާއިރު ދައްކާ ކަހަލަ މަންޒަރަކާ އެވެ.
ދެން އޮތީ ބައްދަލުވުމެވެ. ރައީސް އަޑުއައްސަވަނީ އެވެ. ރައްޔިތު މީހާ ވާހަކަދައްކަނީ އެވެ. ކެމެރާގެ އޭންގަލް ބަދަލުވެ އެވެ. އަނެއް ކެމެރާއިން ރައީސްގެ މޫނުފުޅުމަތީގެ އަސަރުތައް ދައްކައިދެ އެވެ. އަދި އެހެން މަންޒަރަކުން ރައްޔިތު މީހާ ފެނިގެންދެ އެވެ.

ސަރުކާރުން އަލަށް ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވަނީ | ރައީސް އޮފީސް
ދެން ފެންނަނީ މުޅި މި އުފެއްދުމުގައި ބޭނުންކުރާ އެންމެ މުހިންމު ސާމާނެވެ. އެއީ ރައީސްގެ ނޯޓުފޮތެވެ. އިރުއިރުކޮޅާ ރައީސް މުއިއްޒު އިސްޖައްސަވައިގެން އިންނަވައި ކޮންމެ ވެސް އެއްޗެއް ލިޔުއްވާތަން ފެނެ އެވެ. ނަމަވެސް ރައީސް ނޯޓު ނަންގަވާ މަންޒަރާއި އެ ވަގުތު ރައްޔިތު މީހާ ދައްކާ މުހިންމު ވާހަކައަކާ ދިމައެއް ނުވެ އެވެ. އެހެނީ އެއް ފަހަރު ރައީސް ނޯޓު ކުރެއްވީ މީހެއްގެ މައިދައިތަގެ ވާހަކަ އެވެ. ދެން ފެނުނީ ދަގަނޑާ ބެހޭ ވާހަކައެއް ދައްކަނިކޮށް ނޯޓު ކުރެއްވިތަނެވެ. މިހެން ގޮސް އެންމެ އަޖާއިބުވީ ރައީސަށް ޝުކުރު ދެންނެވި ވަގުތުކޮޅު ވެސް އެއްޗެއް ނޯޓު ކުރެއްވި މަންޒަރު ފެނުމުންނެވެ.

ސަރުކާރުން އަލަށް ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވަނީ | ރައީސް އޮފީސް
ކޮންމެ ހަރަކާތެއް އެހާމެ ސިނަމެޓިކް އެވެ. ރައީސަށް ރައްޔިތު މީހާގެ ތަކުލީފަކީ މީޑިއާ "ކޮންޓެންޓް" އަކަށް ވެ ނިމިއްޖެ އެވެ.
ރައްޔިތަކު ރައީސްގެ ކުރިމަތީގައި އިށީނދެ، މާލީ ދަތިކަމާއި ބޯހިޔާވަހިކަމާއި ވަޒީފާއާއި ސިއްހީ ކަންކަމާއި އާއިލީ މައްސަލަތައް ނުވަތަ ދައުލަތާ މެދު ހުރި މާޔޫސްކަމުގެ ވާހަކަ ދައްކާއިރު، އެއީ އެމީހުންގެ ހަގީގީ ކަންބޮޑުވުންތަކެވެ.

ސަރުކާރުން އަލަށް ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވަނީ | ރައީސް އޮފީސް
ރައްޔިތުންގެ އަޑު ސިލްސިލާގެ ޝޯވްތަކުގެ ޕްރޮޑަކްޝަން ފެންވަރާ ދޭތެރޭގައި ސުވާލެއް ނެތެވެ. ޑައިރެކްޝަންއާއި ސިނަމެޓޮގްރަފީއާ ދޭތެރޭގައި ވެސް ސުވާލެއް ނެތެވެ. އެޑިޓިންގއާއި ޕޯސްޓް ޕްރޮޑަކްޝަން ވެސް އެހާ ފުރިހަމަ އެވެ. ޝޮޓްތަކާއި ޑޮލީގެ މަންޒަރުތަކާ ދޭތެރޭގައި ވެސް ބުނާނެ އެއްޗެއް ނެތެވެ.
އެހެނަސް ރައީސް މުއިއްޒު އެވެ. ރައީސަކީ އޮސްކާ ވިނިންގ އެކްޓަރަކަށް ވެދާނެ އެވެ. ނަމަވެސް ރައްޔިތުންނަކީ ފިލްމީ ކެރެކްޓަރުންނެއް ނޫނެވެ.









