އީރާނުން އަމިއްލައަށް އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން ފަހުގެ ހަނގުރާމައިގައި ދުޝްމަނުންގެ 200 އަށްވުރެ ގިނަ މަތިންދާބޯޓު ވައްޓާލި
1 ސެޕްޓެމްބަރު 2026 | އަންގާރަ 12:37އީރާނުގެ ވައިގެ ދިފާއީ ބާރުން ގައުމުގެ 3،800 އަށްވުރެ ގިނަ ސަރަހައްދުގައި އަމިއްލަ އުފެއްދުންތަކާއެކު ފޯރިމަރަމުންދާއިރު، މިއީ ގައުމީ ސަލާމަތް ރައްކާތެރިކޮށްދޭ އެންމެ މުހިންމު އެއް ތަނބު ކަމަށް އެ ގައުމުގެ އަސްކަރީ އިސްވެރިން ވިދާޅުވެއްޖެ. ދުޝްމަނުންގެ ނުރައްކާތަކުން ވައިގެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އީރާނުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން ފަހުގެ ހަނގުރާމަތަކުން ސާބިތުވެފައިވާކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި

އީރާނުގެ ވެރިރަށް ތެހެރާންގައި އެ ގައުމުން އަމިއްލައަށް އުފައްދާފައިވާ ޓޭންކުތަކާއި މިސައިލްތައް، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ދައްކާލަނީ | ގެޓީ އިމޭޖަސް
އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ކުރި ހަނގުރާމައިގައި އީރާނުން އަމިއްލައަށް އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން ދުޝްމަނުންގެ 200 އަށްވުރެ ގިނަ މަތިންދާބޯޓު ވައްޓާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާގެ އެއާ ޑިފެންސް ފޯސްގެ ޗީފް ކޮމާންޑަރު ވިދާޅުވެއްޖެ އެވެ. އަދި އީރާނުން އަމިއްލައަށް ތަރައްގީކޮށްފައިވާ ބައެއް ސިސްޓަމްތަކަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ފެންނަން ނެތް ފަދަ ކުރިއަރާފައިވާ ސިސްޓަމްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އަންގާރަ ދުވަހު ފާހަގަކުރި އެއާ ޑިފެންސް ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ބްރިގޭޑިއާ ޖެނެރަލް އަލީރިޒާ އިލްހާމީ ވިދާޅުވީ، އީރާނުން އެއާ ޑިފެންސް ސިސްޓަމްތައް ތަރައްގީކޮށް ބޭނުންކުރަމުންދަނީ އެ ގައުމުގެ އަސްކަރީ ބޭނުންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ. އަދި ހަނގުރާމައިގެ ތެރޭގައި ދުޝްމަނުންގެ މަތިންދާބޯޓުތަކަށް ހަމަލާދިނީ އީރާނުގެ ކޮން ސިސްޓަމްތަކަކުންކަން ވެސް ބައެއް ފަހަރު ދުޝްމަނުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފަހުގެ ހަނގުރާމައިން ލިބުނު ތަޖުރިބާއިން އެނގިގެންދިޔައީ އީރާނުގެ ވައިގެ ދިފާއީ ބާރު ވަރުގަދަކުރުމުގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން ކަމަށެވެ.
އީރާނުގެ 3،800 އަށްވުރެ ގިނަ ސަރަހައްދެއްގައި އެއާ ޑިފެންސް ޔުނިޓްތައް ވަނީ ގާއިމުކޮށްފައި
މި މުނާސަބަތާ ގުޅިގެން އަސްކަރިއްޔާގެ ކޯޑިނޭޓިން ޑެޕިއުޓީ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސާދިގިއާން ވިދާޅުވީ، މުޅި ގައުމުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އެއާ ޑިފެންސް ފޯސްއިން މައިގަނޑު ހަތަރު ޒިންމާއެއް އަދާކުރާ ކަމަށެވެ. އެއީ ވައިގެ ސަރަހައްދަށް ވަންނަ ތަކެތި ދެނެގަތުމާއި، އެއީ ކޮން އެއްޗެއްކަން ކަށަވަރުކުރުމާއި، އެ ތަކެތި ހުއްޓުވުމުގެ އިތުރުން ބޭނުންވެއްޖެ ހިނދެއްގައި ހަމަލާދީ ނައްތާލުމެވެ.
"އެއާ ޑިފެންސްގެ މައިގަނޑު މަގްސަދަކީ އީރާނުގެ ވައިގެ ސަރަހައްދާއި، އަދި އެއަށްވުރެ ބޭރުން ވެސް އުދުހޭ ކޮންމެ އެއްޗެއް ދެނެގަތުން،" އޭނާ ވިދާޅުވި އެވެ. އަދި އެއީ ކޮން އެއްޗެއްކަން ދެނެގަތުމަށްފަހު، ފައިޓާ ޖެޓްތައް ބޭނުންކޮށްގެން އެ އެއްޗެއް ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށާއި، މަޖުބޫރުވެއްޖެ ހާލަތެއްގައި މިސައިލާއި އެއާ ޑިފެންސް ސިސްޓަމްތައް ބޭނުންކޮށްގެން ހަމަލާދޭނެ ކަމަށް އޭނާ ތަފްސީލުކޮށްދެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެއާ ޑިފެންސްގެ އެންމެ ފަހުގެ މަގްސަދަކީ ދުޝްމަނުންގެ މަތިންދާބޯޓުތަކުން ދޭން އުޅޭ ހަމަލާތައް ހުއްޓުވައި، ބޭނުންވެއްޖެ ހިނދެއްގައި އެ ތަކެތި ގޮއްވާލުން ކަމަށެވެ.
އީރާނުގެ އެއާ ޑިފެންސް ފޯސްތައް ގައުމުގެ 3،800 އަށްވުރެ ގިނަ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ދިއުމަށް ދަތި އުނދަގޫ ސަރަހައްދުތައް ވެސް ހިމެނޭ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އީރާނުގެ އެކި ކަހަލަ ގުދުރަތީ ސަރަހައްދުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ސަހަރާތަކާއި، އަތިރިމަތީ ސަރަހައްދުތަކާއި، ރަށްތަކުގެ އިތުރުން ފަރުބަދަމަތީ ސަރަހައްދުތަކުގައި ވެސް އެއާ ޑިފެންސް ފޯސްތައް ފޯރިމަރަމުންދާ ކަމަށެވެ.
އަސްކަރިއްޔާގެ ކޮމާންޑަރު މޭޖާ ޖެނެރަލް އަމީރު ހާތަމީ ވެސް ވަނީ އެއާ ޑިފެންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އޭނާ ވިދާޅުވީ، ފަހުގެ ހަނގުރާމަތަކުން ލިބުނު ތަޖުރިބާއިން، ގައުމުގެ ވައިގެ ސަރަހައްދު ހިމާޔަތްކުރުމުގައި އެއާ ޑިފެންސް އަދާކުރާ މުހިންމު ދައުރު އަނެއްކާވެސް ސާބިތުވެފައިވާ ކަމަށެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި އެއާ ޑިފެންސްއަކީ ގައުމުގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމުގައި އީރާނުގެ ދިފާއީ ބާރާއި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މިންވަރު ރަމްޒުކޮށްދޭ ނިޝާނެކެވެ.
އަސްކަރިއްޔާގެ ކޯޑިނޭޓިން ޑެޕިއުޓީ ކޮމާންޑަރު ރިއާ އެޑްމިރަލް ހަބީބުﷲ ސައްޔާރީ ވިދާޅުވީ، އެއާ ޑިފެންސްއަކީ ގައުމުގެ ދިފާއީ ބާރުގެ މައިގަނޑު އެއް ތަނބު ކަމަށާއި، އެއީ ގައުމީ ސަލާމަތް ރައްކާތެރިކޮށްދޭ ހުށިޔާރު އައްޑަނައެއް ކަމަށެވެ. އަދި ގައުމުގެ ނާޒުކު އަދި މުހިންމު ސަރަހައްދުތައް ހިމާޔަތްކުރުމަށްޓަކައި އެ ފޯސްއިން އަބަދުވެސް ތިބެނީ ފާރަވެރިކަމާއެކު ތައްޔާރީ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނޭވީ ކޮމާންޑަރު ރިއާ އެޑްމިރަލް ޝަހްރާމް އީރާނީ ވެސް ވަނީ ފަހުގެ ހަނގުރާމައިގައި އެއާ ޑިފެންސްގެ މުވައްޒަފުން ދެއްކި ހިތްވަރަށް ތައުރީފު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުގެ އުދުވާނާ ކުރިމަތިލުމުގައި އެ މުވައްޒަފުން ބޭނުންކުރީ އީރާނުގެ އަމިއްލަ ތަޖުރިބާކާރުން އުފައްދާފައިވާ ސިސްޓަމްތައް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މުޅި ހަނގުރާމައިގެ ތެރޭގައި އެއާ ޑިފެންސްގެ މުވައްޒަފުން އީރާނުގެ ވައިގެ ސަރަހައްދު ދިފާއުކުރީ ނުހަނު ހުށިޔާރުކަމާއި، ކެރުމާއި، ތައްޔާރީ ހާލަތުގައި ތިބެގެންނެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން ވަނީ ތެހެރާނާއި އީރާނުގެ އެހެން ސިޓީތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުން އަވަހާރަކޮށްލައި، އަސްކަރީ މަރުކަޒުތަކާއި އާންމުންގެ މުހިންމު ވަސީލަތްތައް ވަނީ ހަލާކުކޮށްލާފަ އެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.










