އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅީގެ މަގުތަކުގެ ކޯޑިނޭޓްތަކަށް އެއްބަސްވެއްޖެ
6 އޯގަސްޓު 2026 | ބުރާސްފަތި 05:29ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ކޮންޓްރޯލްކުރުމުގެ ބާރު އީރާނަށް ލިބޭގޮތަށް އޮމާނާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި. މި އެއްބަސްވުމުގެ މުހިންމު ބައިތަކަކަށް ދެ ގައުމުން އެއްބަސްވި ނަމަވެސް، ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް ކަމާބެހޭ މަސްދަރުތަކުން ވަނީ އިންކާރުކޮށްފައި. އީރާނުން ބުނާގޮތުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައި

އޮމާންގެ މުސަންދަމް އައްސޭރިފަށުން ބޭރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު | ރޮއިޓާސް
ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރު ބޭނުންކުރާނެ މަގުތަކުގެ ޖިއޮގްރަފިކް ކޯޑިނޭޓްތަކާ ބެހޭގޮތުން އީރާނާއި އޮމާނުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، މިކަމާ ގުޅޭ ރަސްމީ އިޢުލާން ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
އީރާނާއި އޮމާނާ ދެމެދު ވެވޭ މި އެއްބަސްވުމުގެ ދަށުން، ހުރްމުޒް ކަނޑުއޮޅިން ފާރިސް ކަނޑަށް (ގަލްފަށް) ވަންނަ އުޅަނދުފަހަރު ކޮންޓްރޯލް ކުރުމުގެ ބާރު އީރާނަށް ލިބިގެންދާނެ ކަމަށް އީރާނުގެ އިސް މަސްދަރަކާއި ސަރަޙައްދީ ދެ އޮފިޝަލަކު ބުދަ ދުވަހު ރޮއިޓާސްއަށް މަޢުލޫމާތު ދީފައިވެ އެވެ. މިއީ މިހާތަނަށް އީރާނަށް ދޫކޮށްލެވޭ އެންމެ ބޮޑު އެއް ދޫކޮށްލުން ކަމަށް ބެލެވެ އެވެ.
އީރާނުގެ ޝަރުޠުތަކަށް ދޫދިނުމާ ދިމާލަށް މި އެއްބަސްވުމުގެ ސަބަބުން ފިޔަވަޅެއް އެޅިފައިވީ ނަމަވެސް، ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އެއްބަސްވުމެއް ވަރަށް އަވަހަށް ގާއިމުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަށް މަސްދަރުތަކުން ވަނީ އިންކާރުކޮށްފަ އެވެ. އެ މަސްދަރުތަކުން ބުނާ ގޮތުގައި އެއްބަސްވުމުގެ މުހިންމު ތަފްޞީލުތަކަކަށް އަދިވެސް ގޮތްތަކެއް ނިންމަން ޖެހެ އެވެ.
ތެހެރާނާއި މަސްކަޓާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަކީ "ޕްރޮފެޝަނަލް" އަދި "ކުރިއެރުން ލިބެމުންދާ" މަޝްވަރާތަކެއްގެ ގޮތުގައި ބަޣާއީ ސިފަކުރެއްވި އެވެ. އަދި މިހާރު މަޝްވަރާ ކުރެވެމުންދާ ކަނޑުގެ މަގުގެ ޖިއޮގްރަފިކް ކޯޓިނޭޓްތަކާ މެދު ދެ ގައުމުން ފަހުމުނާމާއަކަށް އައިސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.










