މައިމޫން ހައްޔަރުކުރީ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް، އޭނާ މިނިވަން ކުރުމަށް ރައީސް ސޯލިހު އާއި ރައީސް ނަޝީދު ގޮވާލައްވައިފި
1 ސެޕްޓެމްބަރު 2026 | އަންގާރަ 08:26އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު ވަނީ މައިމޫން މިނިވަން ކުރުމަށް ގޮވާލެއްވުމާ އެކު، އެއްވެ އުޅުމަކީ އަސާސީ ހައްގެއް ކަމަށް ވިދާޅުވެފައި


އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫން | ރާއްޖެއެމްވީ
އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫން އަހުމަދު މިނިވަން ކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްވެރިން ގޮވާލައްވައިފި އެވެ.
އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ސޯލިހު ވަނީ މައިމޫން ވަގުތުން މިނަވަން ކުރުމަށް ގޮވާލައްވައިފަ އެވެ. ރައީސް ސޯލިހުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ މައިމޫން މިނިވަން ކުރުމަށް ގޮވާލައްވައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު އެއްވެ އުޅުމަކީ އަސާސީ ހައްގެއް ކަމަށް ވިދާޅުވެފަ އެވެ. ހޯމަ ދުވަހުގެ ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާ ކުރަން ނިންމައިފަ އެވެ.
މައިމޫން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަންގާރަ ދުވަހު ފުލުހުން ބުނެފައި ވަނީ، މައިމޫން ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހުގެރޭ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް މަސައްކަތް ކުރުމުން ކަމަށެވެ. އެގޮތުން މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑުތައް ހުރަސްކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް އޭނާ ވަދެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ އެކި ފަހަރު މަތިން މައިމޫން ހައްޔަރުކޮށްފަ އެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެމްޑީޕީ އިން ކުރި މުޒާހަރާއެއްގެ ތެރެއިން ވެސް މައިމޫން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޝަރީއަތަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލައިފަ އެވެ.











