ވެރިކަން ކުރުމަކީ ޕީއެޗްޑީ އާއި މަތީ ފާސް އޮވެގެން ކުރެވޭ ކަމެއް ނޫން: ޑރ. ޑީޑީ
17 އޯގަސްޓު 2026 | ހޯމަ 03:21ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ބޭފުޅަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ޑރ. އިބްރާހީމް ޑީޑީ ވިދާޅުވެއްޖެ. ރައީސް ސޯލިހުގެ ސަރުކާރުން ރަށްތަކުގެ މެދުގައި ތަފާތުކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގަވާފައިވާކަން ފާހަގަކުރައްވައި، ޑީޑީ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް


އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީ | ރާއްޖެ ޓީވީ
ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަކީ ދީނީ އިލްމުވެރިޔަކަށް ވެގެން، މަތީ ފާސްތަކެއް އޮވެގެން ނުވަތަ ޕީއެޗްޑީ އޮވެގެން ކުރެވޭ ކަމެއް ނޫން ކަމަށް، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ޑީޑީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ، އެންމެ ކުރިންސުރެ އަޑު އިވޭ އެއް ވާހަކައެއް އޮންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ކުރެވޭނީ މަތީ ފާސްތަކެއް އޮވެގެން، ނުވަތަ ދީނީ އިލްމުވެރިޔަކަށް ވެގެން ކަމަށް، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު އަޑު އިވުނު ކަމަށް ޑީޑީ ވިދާޅުވި އެވެ.
އެހެން ނަމަވެސް، ދިގު 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރު ފެނުނީ އެފަދަ މަންޒަރެއް ނޫން ކަމަަށް ފާހަގަ ކުރައްވައި ޑީޑީ ވިދާޅުވީ، އެކަމުގެ ތަފްސީލަށް ވަޑައިނުގެންނެވި ނަމަވެސް ރައްޔިތުންނަށް އެކަން ސާފު ވާނެ ކަމަށެވެ. އެއާ އެކު ޑީޑީ ވިދާޅުވީ، ދީނީ އިލްމުވެރިޔަކަށް ވެގެން، މަތީ ފާސްތަކެއް އޮވެގެން، ނުވަތަ ޕީއެޗްޑީ އޮތުމަކީ ރާއްޖޭގެ ވެރިކަން ކުރުމާާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދުމަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ.
ދަންނަވަން މި އުޅޭ ވާހަކަ އަކީ، ކޮންމެހެން ދީނީ އިލްމުވެރިޔަކަށް ވެގެން، މަތީ ފާސްތަކެއް އޮވެގެން، ޕީއެޗްޑީ ހޯލްޑަަރަކަށް ވެގެންވާ ކަމެއް ނޫންކަން ރާއްޖޭގެ ރައްޔިތުންނަށް ވެރިކަމުގެ ފަރާތުން ލިބޭ މަންފާ އާއި، ރައްޔިތުންގެ ހައްގު މިންވަރު ލިބިގެންދާ ދިޔުމަކަށް ބޭނުންވަނީޑރ. އިބްރާހީމް ޑީޑީ
މީގެ އިތުރުން ޑީޑީ ވިދާޅުވެފައި ވަނީ، މި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް، ޕްރޮފެޝަނަލް ބޭފުޅަކަށް ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ. އެގޮތުން ހއ.ތުރާކުނުން ފެށިގެން، އައްޑޫ ހުޅުދޫ އަށް ބަލާލި ނަމަވެސް، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކޮށްދެއްވާފައިވާ ކަންކަން ފެންނާނެ ކަމަށެވެ.
ޚާއްސަކޮށް ކޮވިޑުގެ ދަތި ހާލަތުގައި ވެސް، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި، ރައީސް ސޯލިހުގެ ވައުދުތައް ފުއްދެއްވުމަށް ކުރެއްވި މަސައްކަތްތައް މިއަދު ވެސް ފެންނަން އެބަހުރި ކަމަށް ޑީޑީ ވިދާޅުވި އެވެ. ހަމަ އެހެންމެ، ތައުލީމީ ޖީލެއް ބިނާ ކުރުމަށްޓަކައި، ރާއްޖޭގެ ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހި ކޮށްދެއްވުމަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ކުރެއްވި ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ޑީޑީ ސިފަ ކުރެއްވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ.











