މި ސަރުކާރުން މިހާތަނަށް 6.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވޭ: އަމީރު
26 އޯގަސްޓު 2026 | ބުދަ 09:41ދިވެހިރާއްޖެ އަށް މިހާރު ދިމާވެގެން އުޅޭ މައްސަލަތަކުގެ ސަބަބުން ގެންނަންޖެހޭ ބަދަލުތަކެއް ދައުލަތުގެ ވަޒީރުންނަށް ފަހުމުވެވަޑައިނުގަންނަވާ ކަމަށް ފާހަގަކުރައްވާ އަމީރު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ރައްޔިތުންނަށް ވެސް، ވިޔަފާރިތަކަށް އަދި ބޭރުގެ އިންވެސްޓަރުންނަށް އެއްވެސް ކަހަލަ އިތުބާރެއް ނުދެއްވުނު ކަމަށް


ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު | ސޯޝަލް މީޑިއާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް 6.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޝާއިއު ކޮށްފައިވާ ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީއާ ހިލާފަށް، ސަރުކާރަށް ބޭނުންވާ ވަރަކަށް ފައިސާ ދޫކުރަމުންދާކަން ތަފާސްހިސާބުތަކުން އެނގިގެންދާ ކަމަށެވެ.
އެމްއެމްއޭ އިން ޝާއިއުކޮށްފައިވާ އެބޭފުޅުންގެ ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީއާ ހިލާފަށް ސަރުކާރުން ބޭނުން ވަރަކަށް ސަރުކާރަށް ފައިސާ ދޫކުރަމުންދާކަން އަޅުގަނޑުމެންނަށް މިހާރުވެސް ތަފާސްހިސާބުތަކުން އެބަ ފެނިގެންދޭ. މިހާތަނަށް ގާތްގަޑަކަށް 6.2 ބިލިއަން ރުފިޔާ މި ބޭފުޅުން ޗާޕުކޮށްފިއިބްރާހީމް އަމީރު
ދިވެހިރާއްޖެ އަށް މިހާރު ދިމާވެގެން އުޅޭ މައްސަލަތަކުގެ ސަބަބުން ގެންނަންޖެހޭ ބަދަލުތަކެއް ދައުލަތުގެ ވަޒީރުންނަށް ފަހުމުވެވަޑައި ނުގަންނަވާ ކަމަށް ފާހަގަކުރައްވާ އަމީރު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ރައްޔިތުންނަށް ވެސް، ވިޔަފާރިތަކަށް އަދި ބޭރުގެ އިންވެސްޓަރުންނަށް އެއްވެސް ކަހަލަ އިތުބާރެއް ނުދެއްވުނު ކަމަށެވެ.
އަމީރު ވިދަޅުވީ އެމްއެމްއޭގެ ގަވަރުނަރު އެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގައި އެކްސެސް ފައިސާގެ ގޮތުގައި 8 ބިލިއަން ރުފިޔާ ހުރިކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށެވެ. ނަމަވެސް އޭރު ސަރުކާރު ބަދަލުވީއިރު އޯވަނައިޓް ޑިޕޮސިޓްގައި ވެސް 5 ބިލިއަނެއްހާ ރުފިޔާ ހުންނާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ 2020 އަދި 2021 ވަނަ އަހަރު ދިމާވީ އިގްތިސާދީ ހާއްސަ ހާލަތެއް ކަމަށާއި، މިހާރު މި ދިމާވެގެން މިއުޅެނީ ދައުލަތުގެ ވެރިންގެ ނާގާބިލު ކަމާއި، ގެންނަން ޖެހޭ ސިޔާސަތުތައް ނޭނގި އަމިއްލަ އަށް އުފައްދާފައިވާ ކާރިސާއެއް ކަމަށެވެ.
ގަވަރުނަރުގެ ވާހަކައިގައި ވަރަށް ބޮޑަށް ފާހަގަ ކުރެއްވި ގަވަރުނަރުކަމާ ހަވާލުވިއިރު އެކްސެސް މަނީ ގާތްގަޑަކަށް 8 ބިލިއަން ރުފިޔާ ހުއްޓޭ. އެއީ ހަމަ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުމެން އޭރު ސަރުކާރު ބަދަލުވެގެން ދިޔަ އިރުވެސް އޯވަނައިޓް ޑެޕޮސިޓްގައި ހުންނާނެ ގާތްގަޑަކަށް 5 ބިލިއަނެއްހާ ރުފިޔާއިބްރާހީމް އަމީރު
ބޭރު ފައިސާގެ ގާނޫނަށް އިތުރު ބަދަލުތައް ނުގެނެސް ސަރުކާރުން ޚަރަދުތައް ކުޑަކޮށް، އެމްއެމްއޭގެ ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީ އޭގެ ޒާތުގައި ހިންގަން ޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި އެމްއެމްއޭގެ ރިޒާވް މަތިކޮށް، ރާއްޖޭގައި މިހާރު އޮތް ޑޮލަރުގެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރުމަށް އަމީރު ވަނީ ސަރުކާރަށް ގޮވާލައްވާފައި އެވެ.
ދިވެހިރާއްޖޭގައި މިހާރު ޑޮލަރުގެ އަގު ކޮންމެ ދުވަހަކު ބޮޑުވަމުންދާކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް މި މައްސަލަ އަށް އެދެވޭ ހައްލެއް ގެނައުމުގެ ބަދަލުގައި ސަރުކާރުން ދަނީ ކަޅުބާޒާރުގައި ޑޮލަރު ގަނެ ވިއްކުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ޖޫރިމަނާ ކުރުމަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައި އެވެ.











