ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟
28 އޯގަސްޓު 2026 | ހުކުރު 13:46ރާއްޖޭގެ ޕާސްޕޯޓު ހިދުމަތަށް ދިމާވި މައްސަލައަކީ ބިލުތަކަށް ފައިސާ ނުދެއްކުމުން ދިމާވި ކަމަކަށް ވީނަމަވެސް، ސަރުކާރުން އެކަމުގެ ޒިންމާ ޖަރުމަނުގެ ޑާމަލޮގް ކުންފުނީގެ ބޮލުގައި އެޅުވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަގުވެއްޓޭނެ ކަމެއް. މިފަދަ ޒިންމާދާރުކަން ކުޑަ ދޮގު ބަޔާންތަކުގެ ސަބަބުން ޖަރުމަނާއި ރާއްޖޭގެ ޒަމާންވީ ސިޔާސީ އަދި އިގްތިސާދީ ގުޅުމަށް ބުރޫއަރައި، ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެތީ ސަރުކާރުން އަމިއްލަ ނާގާބިލުކަން ގަބޫލުކޮށް ޒިންމާ ނެގުން މުހިންމު


މި ސަރުކާރުން ޕާސްޕޯޓް ނުލިބިގެން އުޅެނީ ރާއްޖެއަށް ޕާސްޕޯޓް ފޯރުކޮށްދޭ ޖަރުމަނު ކުންފުނީގެ ޕްރިންޓްހައުސްގެ މެޝިންތަކަށް މައްސަލަތަކެއް ދިމާވެގެން ކަމަށް ވަނީ ބުނެފައި | ރާއްޖެއެމްވީ ގްރެފިކްސް
މި ސަރުކާރުގެ ކަންކަން ހުރި ގޮތުން މިއަދު އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ، މި މީހުންނަށް އަމިއްލަ ނާގާބިލުކަމާ ކުރިމަތިލާން ނުކެރެނީ ކީއްވެ ތޯ އުފެދޭ ސުވާލެވެ. ޕްރޮޖެކްޓެއް ނުހިނގާ ނަމަ އެއީ ކުރީގެ ސަރުކާރުގެ އިހުމާލެވެ. ނުވަތަ ބޮޑު ހިލަ ލިބުމުގައި ހުރި ދަތިތަކެވެ. ނުވަތަ ބޭނުންވާ މެޝިނަރީ ނެތީ އެވެ. ގައުމަށް ޑޮލަރުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ވެސް ކުރީގެ ސަރުކާރުން ކަންކަން ކުރި ގޮތުން ކަމަށް ބުނެ ހުރިހާ ކަމެއް ޖަހާލީ ކުރީ ސަރުކާރު ބޮލަށެވެ. ތަކެތީގެ އަގު ބޮޑުވަނީ ވެސް ކުރީ ސަރުކާރުގެ ސަބަބުންނެވެ. މަޝްރޫއުތައް ގިނަވެ، ފުނި ޖެހެނީ، ރައްޔިތުންގެ ހިތްމަތިވުމުންނެވެ. ރައްޔިތުން މާ ގިނަ ކަންކަމަށް ކިޔާތީ އެވެ. މިއަދު އަނެއްކާ ކަމަކާ ދިމާވުމުން އެ އޮތީ ޖަރުމަނުވިލާތުގެ ބޮލުގައި ބޮޑު މާސިންގާ ތުހުމަތެއް އަޅުވާފަ އެވެ. މި މީހުންނަށް ކޮންމެ ކަމެއް ދިމާވިޔަސް އަމިއްލަ ޒިންމާ ނެގުމުގެ ބަދަލުގައި އަބަދުވެސް އެހެން ފަރާތްތަކުގެ ބޮލުގައި ޒިންމާތައް އެޅުވުމަކީ އާންމު އާދައަކަށް ވެއްޖެ އެވެ.
ރާއްޖޭގެ ޕާސްޕޯޓު ފޯރުކޮށްދިނުމުގެ ނިޒާމަށް ދިމާވި ލަދުވެތި ހާލަތުގެ ފުރިހަމަ ޒިންމާ ނުނަގައި، މި ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ޖަރުމަނުވިލާތުގެ ސަރުކާރާއި އެ ގައުމުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޑާމަލޮގް" ގެ ބޮލަށް އެކަން ނަގައި ޖަހައިފި އެވެ. އެ ކުންފުނި ބަދުނާމުކުރުމަކީ މުޅި ދިވެހިރާއްޖޭގެ ނަން ބައިނަލްއަގުވާމީ މައިދާނުގައި ކިލަނބުވެގެންދިޔަ، ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޖަރީމާއެކެވެ. ޖަރުމަނުގެ ޓެކްނޮލޮޖީއާއި އިންޖިނިއަރިންގެ އެންމެ ކުރީގައި އޮތް، އަދި 2016 ވަނަ އަހަރުން ފެށިގެން އެއްވެސް މައްސަލައެއް ނެތި ރާއްޖެއަށް ފެންވަރު ރަނގަޅު ޕާސްޕޯޓު ފޯރުކޮށްދެމުން އައި ބައިނަލްއަގުވާމީ ބޮޑު ކުންފުންޏަކީ ކުއްލިއަކަށް ޕްރިންޓިން މައްސަލައަކާ ހެދި މަސައްކަތް ހުއްޓާލަންޖެހުނު ބައެއް ކަމަށް ސަރުކާރުގެ އިމިގްރޭޝަން ޑިޕާޓުމެންޓުން ރަސްމީ ގެޒެޓުގައި ކަނޑައެޅިގެން ޝާއިއުކުރުމަކީ ހަގީގަތް ފޮރުވަން ދައްކާ ބުއްދި ގަބޫލުނުކުރާ ކަމެކެވެ.
މިއީ ސަރުކާރުން ބޭރު ފައިސާ ނުވަތަ ޑޮލަރުގެ ދަތިކަމާ ހެދި ބިލުތައް ނުދެއްކިގެން، ކުންފުންޏަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން ހިދުމަތް ކަނޑާލުމުން، އެކަމުގެ ހަގީގީ ސަބަބު ރައްޔިތުންނަށް ސިއްރުކޮށް އަމިއްލަ ނާގާބިލުކަން ފޮރުވަން ހިންގާ ނުބައި ޖަރީމާއެކެވެ. މިއަށްވުރެ ބޮޑު ލަދަކަށް ވަނީ، މި ކުންފުނީގެ 22.43 އިންސައްތަ ހިއްސާ ޖަރުމަނު ސަރުކާރުގެ ރަސްމީ ފެޑެރަލް ޕްރިންޓިން އޮފީސް ކަމަށްވާ "ބުންޑަސްޑްރަކޭ" މެދުވެރިކޮށް ސީދާ އެ ގައުމުގެ ސަރުކާރުން އޮންނަކަން ނޭނގި، ނުވަތަ އެކަމަށް ވެސް ބެލުމެއްނެތި، ސީދާ ބޭރުގެ ސަރުކާރަކަށް އަމާޒުކޮށް މިފަދަ ދޮގު ބަޔާންތައް ނެރެމުން ދިއުމެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ، އުސޫލުތަކަށް ނުހަނު ބޮޑަށް ފަރުވާތެރިވާ ޔޫރަޕްގެ ބާރުގަދަ ގައުމެއްގެ ސަރުކާރާއި އެ ގައުމުގެ އެންމެ ބޮޑު ބަޔޮމެޓްރިކް ކުންފުނި ކުއްލިއަކަށް ކުދިކުދި މައްސަލަތަކާ ހެދި ޕާސްޕޯޓު ފޯރުކޮށްނުދެވިގެން އުޅޭ ކަމަށް ދައްކާ ވާހަކައަކީ، ރާއްޖޭގެ ވެރިންގެ ހާލަތާއި، ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެފައިވާ މިންވަރު ބައިނަލްއަގުވާމީ މައިދާނަށް ހާމަވެގެންދިޔަ ކަމެކެވެ. މީގެ ކުރިން ވެސް ޑޮލަރުގެ މައްސަލަތަކާއި އިގްތިސާދީ އެކި ދަތިތައް ދިމާވުމުން ކަމުގެ ހަގީގަތާ ކުރިމަތިލުމުގެ ބަދަލުގައި، ސަރުކާރުން އަބަދުވެސް އަމަލުކުރަމުން އައީ އެހެން ފަރާތްތަކުގެ ބޮލުގައި އިތުބާރު ނެތް ތުހުމަތުތައް އަޅުވައިގެން ސަލާމަތްވާ އުކުޅެކެވެ.
ޖަރުމަނުވިލާތް ފަދަ ޓެކްނޮލޮޖީގެ ބާރެއް އޮތް ގައުމަކަށް ކުޑަކުޑަ ޕާސްޕޯޓު ފޮތްތަކެއް ނުފޯރުކޮށްދެވޭ ވަރަށް ކަންކަން ގޯސްވީ އެ ކުންފުނީގެ މައްސަލައަކުން ނޫން ކަމާއި، ދިވެހި ސަރުކާރުން ބިލުތައް ނުދެއްކުމުގެ ސަބަބުން ދިމާވި ފައިސާގެ މައްސަލައެއްކަން ޔޫރަޕްގެ މީޑިއާތަކަށާއި ބައިނަލްއަގުވާމީ މާހިރުންގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ވެސް މިއަދު އެނގެ އެވެ. މިފަދަ ދޮގު ބަޔާންތަކުން ބޭރު ދުނިޔެއަށް ރާއްޖެއާމެދު މިފަދަ މެސެޖުތައް ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ.
މިފަދަ ނުރައްކާތެރި ދޮގުތަކުގެ ސަބަބުން ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އޮތް ޒަމާންވީ ސިޔާސީ އަދި އިގްތިސާދީ ގުޅުމަށް ބުރޫ އަރައި، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ އެކަހެރިވެ، ޑިޕްލޮމެޓިކް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ އެވެ. ޚާއްސަކޮށް، ރާއްޖޭގެ މައިގަނޑު އިގްތިސާދު ކަމަށްވާ ފަތުރުވެރިކަމަށް ބަރޯސާވެފައި ވަނީ ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިންނަށެވެ. ޖަރުމަނުވިލާތާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ސަރަހައްދުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެހާ މަތިވާއިރު، ސަރުކާރުގެ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ޑިޕްލޮމެޓިކް ބެކްލޭޝެއް ނުވަތަ ސިޔާސީ އަދި އިގްތިސާދީ ގޮތުން ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނީ ފޫނުބެދޭ ފަދަ ބޮޑު ގެއްލުމެކެވެ.
ގައުމުގެ އިގްތިސާދު ފުނޑިގެންދާ ވަގުތެއްގައި، އަމިއްލަ ނާގާބިލުކަމާއި އިހުމާލު ފޮރުވަން ބޭރުގެ ގައުމުތަކާއި ކުންފުނިތައް ބަދުނާމުކޮށް، ދޮގު ހަދައިގެން ސަލާމަތްވެވެން ނެތްކަން މި ސަރުކާރުން މިހާރުން މިހާރަށް ދެނެގަންނަންޖެހެ އެވެ. އެހެންކަމުން، މިފަދަ ނުރައްކާތެރި، ބައިނަލްއަގުވާމީ ގުޅުންތައް ކަނޑުވާލާ ފަދަ ދޮގު ވާހަކަތައް ދެއްކުން ވަގުތުން ހުއްޓާލައި، ސަރުކާރުގެ މާލީ ނުކުޅެދުންތެރިކަމާއި އިހުމާލު އަމިއްލައަށް ގަބޫލުކޮށް، ގައުމުގެ މުސްތަގުބަލާއި އިގްތިސާދު ސަލާމަތްކުރުމަށްޓަކައި މި ސަރުކާރުން ޒިންމާ ނެގުން އަޅެ މާ ބުއްދިވެރިއެއް ނޫންތޯ އެވެ.








