އީޔޫއާ އަލުން ގުޅުމުގެ މަޝްވަރާތައް ފެށުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި އައިސްލެންޑުގެ ރައްޔިތުން ބުނީ "ނޫނެކޭ"
30 އޯގަސްޓު 2026 | އާދީއްތަ 10:04އައިސްލެންޑުގެ ދައުލަތުގެ މީޑިއާ، އާރުޔޫވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވޯޓުގެ ބޮޑުބައި ގުނާ ނިމިފައިވާއިރު، އީޔޫއާ ގުޅުމާ ދެކޮޅަށް 52.5 އިންސައްތަ މީހުން ވަނީ ވޯޓު ދީފައި. މަޝްވަރާތައް ފެށުމަށް ތާއީދުކޮށް ވޯޓު ދީފައި ވަނީ 47.5 އިންސައްތަ ރައްޔިތުން


ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު އަލުން ގުޅުމުގެ މަޝްވަރާތައް ފެށުމާ ދެކޮޅު ރައްޔިތުން ބޭއްވި އެއްވުމެއްގެ ތެރެއިން | ރޮއިޓާސް
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު އަލުން ގުޅުމުގެ މަޝްވަރާތައް ފެށުމާ މެދު އައިސްލެންޑުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި، އެ ޤައުމުގެ ރައްޔިތުން އެކަމާ ދެކޮޅަށް ވޯޓު ދީފި އެވެ.
އައިސްލެންޑުގެ ދައުލަތުގެ މީޑިއާ، އާރުޔޫވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޯޓުގެ ބޮޑުބައި ގުނާ ނިމިފައިވާއިރު، އީޔޫއާ ގުޅުމާ ދެކޮޅަށް 52.5 އިންސައްތަ މީހުން ވަނީ ވޯޓު ދީފައި އެވެ. މަޝްވަރާތައް ފެށުމަށް ތާއީދުކޮށް ވޯޓު ދީފައި ވަނީ 47.5 އިންސައްތަ ރައްޔިތުންނެވެ.
މި ނަތީޖާ އާއެކު އައިސްލެންޑުގެ ރައްޔިތުން އީޔޫއާ ގުޅުމުގެ މަޝްވަރާތަކަށް ނޫނެކޭ ބުނެފައިވާކަން އާރުޔޫވީ އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. މިއީ އީޔޫގެ މެންބަރުކަން އިތުރުކޮށް، މުއްސަނދި ޤައުމެއް އެ އިއްތިހާދަށް ވެއްދުމަށް ބެލްޖިއަމް އިން ކުރަމުން ދިޔަ އުންމީދުތަކަށް ލިބުނު ވަރަށް ބޮޑު ނުތަނަވަސް ކަމެކެވެ. އައިސްލެންޑު ރުއްސުމަށްޓަކައި، އީޔޫ އިން ވަނީ އެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާ އާއި އެހެނިހެން ހައްސާސް ކަންކަމުގައި ދޫދިނުމަށް ތައްޔާރަށް އޮތްކަން މީގެ ކުރިން ހާމަކޮށްފަ އެވެ.
އައިސްލެންޑުގެ ބޮޑުވަޒީރު ކްރިސްޓްރޫން ފްރޮސްޓަޑޯޓިރް މިދިޔަ އޮގަސްޓު މަހު ވިދާޅުވެފައި ވަނީ، މިއީ އީޔޫއާ ގުޅުމަށް ލިބޭ "މިހާރު ނޫނީ ދެން ދުވަހަކު ވެސް ނުލިބޭނެ" ފުރުސަތެއް ކަމަށެވެ. އަދި ރައްޔިތުން މިކަމަށް ނޫނެކޭ ބުނެފި ނަމަ، އޭނާގެ ދައުރު ނިމޭ 2028 ވަނަ އަހަރާ ހަމައަށް މި މައުޟޫއު އިތުރަށް ސިޔާސީ މައިދާނަށް ނުގެންނަވާނެ ކަމަށް ބޮޑު ވަޒީރު ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.
ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަށް ސަރުކާރުން އިހުތިރާމް ކުރާނެ ކަމަށާއި، ކުރިއަށް އޮތް ރޭވުންތައް ހާމަކުރުމަށް އާދިއްތަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
އީޔޫއާ ގުޅުމަށް ތާއީދުކުރި ފަރާތްތަކުން ބުނަމުން ދިޔައީ، އެ އިއްތިހާދާ ގުޅުމުން އިންޓްރެސްޓް ރޭޓުތައް ދަށްވެ، ޔޫކްރެއިން ހަނގުރާމަ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔެ އަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ތެރޭގައި އައިސްލެންޑަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ. ނަމަވެސް، މިކަމާ ދެކޮޅު ހެދި ފަރާތްތަކުން ބުނަނީ އީޔޫއާ ގުޅުމަކީ އައިސްލެންޑުގެ މިނިވަންކަމާއި އެ ޤައުމުގެ އެންމެ މުހިންމު ސިނާއަތް ކަމަށްވާ މަސްވެރިކަމުގެ ކަނޑުތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތުގެ 90 އިންސައްތަ ކުންފުނި ތަކުން އީޔޫއާ ގުޅުމާ ދެކޮޅު ހަދާފައިވާއިރު، އީޔޫގެ އެންލާޖްމަންޓް ކޮމިޝަނަރު މާޓާ ކޮސް ވަނީ އައިސްލެންޑުގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޚާއްސަ ހާލަތްތަކަށް ރިއާޔަތްކޮށް، އުފެއްދުންތެރި ހައްލުތަކެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، ރައްޔިތުންގެ ނިންމުން މިވަނީ އެހެން ގޮތަކަށް ނިމިފަ އެވެ.
އައިސްލެންޑަކީ މިހާރު ވެސް ޔޫރަޕިއަން އިކޮނޮމިކް އޭރިއާ އަދި ޝެންގެން ޒޯންގެ މެންބަރަކަށް ވާތީ، އީޔޫއާ އެކު ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. މި ވޯޓުގެ ނަތީޖާއާ އެކު ވެސް އެ ގުޅުން ތަކަށް ބަދަލެއް ނާންނާނެ އެވެ.
އައިސްލެންޑުން އެންމެ ފުރަތަމަ އީޔޫއާ ގުޅުމަށް އެދުނީ 2009 ވަނަ އަހަރު އެ ޤައުމަށް ކުރިމަތިވި އިގުތިސާދީ ކްރައިސިސްއާ ގުޅިގެންނެވެ. ނަމަވެސް 2013 ވަނަ އަހަރު އައި ސަރުކާރުން ވަނީ އެ މަޝްވަރާތައް ހުއްޓާލާފަ އެވެ. ސަރުކާރުން ބުނެފައި ވަނީ އީޔޫ އަށް ހުށަހަޅާފައިވާ މެންބަރުކަމުގެ އެޕްލިކޭޝަން ރަސްމީކޮށް އަނބުރާ ގެންދިއުމާ މެދު ގޮތެއް ނިންމާނީ ޤާނޫނު ހަދާ މަޖިލީހުން ކަމަށެވެ.
މަސްދަރު: އަލް ޖަޒީރާ









