މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި
31 އޯގަސްޓު 2026 | ހޯމަ 12:21ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިޞްލާޙާއެކު، މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ހަރުދަނާކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. މީގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑުތައް ކަނޑައަޅައި، ބައިނަލްއަޤުވާމީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރެވޭނެ އުސޫލުތައް މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވަނީ | ރައީސް އޮފީސް
މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ލިބިދޭގޮތަށް ޤާނޫނު ނަންބަރު 2010/3، (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިދާރީ ބާރުތަކާއި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓުތަކާއި ތަޙްޤީޤުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި، ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް އުސޫލުތައް އިތުރަށް ހަރުދަނާކޮށްފައިވެ އެވެ. މިގޮތުން، ޓެކުހާގުޅޭ ޤާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މަޢުލޫމާތު ހުރި ކޮންމެ ފަރާތަކުން، އެ މަޢުލޫމާތު މީރާއަށް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިދޭގޮތަށް ޤާނޫނު ވަނީ އިޞްލާޙުކޮށްފަ އެވެ.
މީގެ އިތުރުން، ޓެކުހާގުޅޭ އިތުރު ކުށްތަކާއި ކުށުގެ އަދަބުތައްވެސް ޤާނޫނަށް ގެނައި އިޞްލާހުގައި ކަނޑައަޅައިފައި އެވެ. މީގެއިތުރުން ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި މީރާއިން ރިޢާޔަތްކުރާނެ ކަންކަމާއި، ނުވަތަ މީރާއިން ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި ބޭނުންކުރާނެ މަޢުލޫމާތު އިޞްލާހުގައި ބަޔާންކޮށްފައިވެ އެވެ. މި އިޞްލާޙުގައި ޓެކްސް ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، ޓެކްސް ބަޔާން ހުށަހެޅުމަށް ދެވޭނެ މުއްދަތުތަކާއި، ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުން، އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާކަމާއި، އެކަމުގެ އުސޫލުތައްވެސް ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން، ބޭރުގެ އިދާރާތަކާއެކު ގުޅިގެން ޓެކްސް އެގްޒެމިނޭޝަން ހިންގުމާއި، ކަންޓްރީ-ބައި-ކަންޓްރީ (ސީބީސީ) ރިޕޯޓިންގ އަދި ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް (ސީއާރްއެސް) އުޞޫލުތައް ޤާނޫނަށް ގެނައި އިޞްލާހުގައި ވަރުގަދަކޮށްފައިވެ އެވެ. އަދި ސީއާރްއެސް އިލްތިޒާމްތަކާ ޚިލާފުވާ ފަރާތްތައް 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރެވޭނެ ގޮތަށް އިޞްލާހުގައި ހިމަނާފައިވެ އެވެ.
މި އިޞްލާހުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އޮޑިޓަރ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތީން މާލީ ބަޔާން އާންމުކުރުން ވަނީ ޤާނޫނީގޮތުން ލާޒިމްކޮށްފަ އެވެ.
މި އިޞްލާޙުގައި، މި ޤާނޫނުގެ ދަށުން މަދަނީ އަދި ޖިނާޢީ ދަޢުވާ އުފުލޭނެ މުއްދަތުތައްވެސް ބަޔާންކޮށްފައިވެ އެވެ.
މި އިޞްލާޙު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް ގެނެވުނު 4 ވަނަ އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ އެވެ.










