މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު
31 އޯގަސްޓު 2026 | ހޯމަ 06:46ސަރުކާރަށް އިގުތިސާދު މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު ޔައުގޫބު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައި. ޚާއްޞަކޮށް ޑްރޯން ގަތުމާއި ފުށިދިއްގަރުފަޅު ހިއްކުން ފަދަ ކަންކަމަށް ބޮޑެތި ޚަރަދުތަކެއްކޮށް، ޑޮލަރު އިސްރާފުކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. އެހެންކަމުން، ގައުމުގެ އިގުތިސާދީ ހާލަތު ގޯސްވުމުގެ ފުރިހަމަ ޒިންމާ ރައީސް މުއިއްޒު އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ޔައުގޫބު ވިދާޅުވި


ރަސްމާލެ ހިއްކުމުގެ މަޝްރޫއު: ޑްރޯން ގަތުމާއި ފުށިދިއްގަރުފަޅު ހިއްކުން ފަދަ ކަންކަމަށް ބޮޑެތި ޚަރަދުތަކެއްކޮށް، ޑޮލަރު އިސްރާފުކުރަމުންދާ ކަމަށް ޔައުގޫބު ވިދާޅުވި | އެމްއޭސީއެލް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން، ބޭކާރު ގޮތުގައި މި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފު ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ މި ސަރުކާރަށް ގައުމުގެ އިގުތިސާދު މެނޭޖުކުރަން ނޭނގި އެކަމުގެ ގެއްލުން ރައްޔިތުންނަށް ވަމުންދާ ކަމަށެވެ.
އެންމެ ފުރަތަމަ ވެސް ސަރުކާރާ ހަވާލުވުމަށްފަހު އަގުބޮޑުކޮށް، ޑްރޯންތަކެއް ގަތް ކަމަށާއި އެކަމަށް ވެސް 200 މިލިއަން ޑޮލަރު ހޭދަކުރި ކަމަށް ޔައުގޫބު ވިދާޅުވި އެވެ. އަދި އެ ކަމުގެ ތެރެއިން ވެސް ނާޖާއިޒު ފައިދާ އެމަނިކުފާނު ނެންގެވި ކަމަށާއި، އަމިއްލަފުޅު ޖީބަށް ވެސް އެކަމުގެ ތެރެއިން 'ކަޓު' ނެންގެވި ކަމަށް ޔައުގޫބު ތުހުމަތު ކުރެއްވި އެވެ.
އެކަން ފުލުހުންނާ ސިފައިންގެ އިތުރުން ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ފުށިދިއްގަރުފަޅު ހިއްކުމުގެ ނަމުގައި ވެސް އެތައް މިލިއަން ޑޮލަރެއް އިސްރާފު ކުރައްވަމުން އެމަނިކުފާނު ގެންދަވާ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.
އެ 1.2 ބިލިއަން ޑޮލަރަކީ ހަގީގަތުގައި ވެސް މިގައުމުން ބޭރުނުކޮށް، ފަރުޖެއްސޭނެ އަދަދެކޭ. އެ ޑޮލަރު އެވަރަށް ހުރި ނަމަ، މިއަދު މިހާލަތެއް ނާންނާނެ. ދެން ސުވާލަކީ ކޮން ކަމަކުން ހޭ ބޭރުކުރީ. މިސާލަކަށް ފުށިދިއްގަރު. އެތަނަށް 400، 500 މިލިއަން ޑޮލަރު. މިއަދު ރާއްޖޭގެ ރައްޔިތުންނެއް ނޫޅޭ ކޮންމެހެން ފުށިދިއްގަރު ނުހިއްކިގެނެއް. އެއީ މިހާރު ކަންކަން ޕްރަޔޯރަޓައިޒް ކުރާއިރު ފުށިދިއްގަރަކީ ކޮންމެހެން ހިއްކަން ޖެހޭ ތަނެއް ނޫނޭ. މިހާރު ވެސް އެބައޮތޭ ހިއްކާފަ އޮތް ތަންތަން. އެ ތަންތަން ޑިވެލޮޕްކޮށްގެން އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތްތައް ހަދަންވީޔައުގޫބު އަބްދުﷲ
ދައުލަތައް ލިބެމުންދާ އާމްދަނީ މަހުން މަހަށް އިތުރުވަމުން ދިޔަ ނަމަވެސް ޑޮލަރުން ކުރާ އިސްރާފުތައް މަދު ނުވާ ކަމަށާއި އެހެންކަމުން ޑޮަލަރުގެ ހާލަތު، ދަށްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަތީޖާ އަކީ ރައްޔިތުންނަށް އެކަމުން ހުރިހާ ތަކުލީފެއް ޖެހުން ކަމަށާއި މިއަދު ގައުމުގެ އިގުތިސާދު މި އަނދަވަޅަށް ވެއްޓިފައިވާއިރު، މިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ ސީދާ މި ސަރުކާރާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ޔައުގޫބު ވިދާޅުވި އެވެ.











