ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު
27 އޯގަސްޓު 2026 | ބުރާސްފަތި 13:00ގައުމުގެ އިޖުތިމާއީ ފޭރާމާއި އެއްބައިވަންތަކަން ގެއްލޭ ގޮތަށް ދޮގު ޚަބަރު ފެތުރުމާއި ސިޔާސީ ބޭނުމަށް ވެރިންގެ އަގުވައްޓާލުމަކީ ގައުމާ ދެކޮޅަށް ކުރެވޭ ކަންތައްތަކެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ. އަމިއްލަ އެޖެންޑާ އިސްކޮށް ގައުމުގެ މަސްލަހަތު ނަގާލުމަކީ މިނިވަންކަމަށްޓަކައި ކީރިތި އަބުތޯލުން ވީ ގުރުބާނީ އަށް ހަރާމްކޯރުވުން ކަމަށް ވެސް ރައީސް ވިދާޅުވި


ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ގައުމުގެ ވެރިންނާއި ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމާއި، އެއްބައިވަންތަ ބައެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގައި މިއޮތް އަސްލުތަކާއި ބަހާތައް ފުނޑުފުނޑުވެ، ވީރާނާ ވާ ގޮތަށް ކުރެވޭ ކަންކަމަކީ ގައުމާއި ދެކޮޅަށް ކުރެވޭ ކަންކަން ކަމަށެވެ. އަދި ކުރިން ވެސް މިފަދަ ކަންކަން ކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން ލިބުނު ގެއްލުންތައް ވެސް އެނގެން އެބަ ހުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެކި ކަހަލަ ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އެއްވެސް ހިޔާލު ތަފާތުވުމެއް، ގައުމުގެ ވިސްނުމަށްވުރެ މައްޗަށް ގެންގޮސްގެން ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން އެންމެ ގިނައިން ހިޔާލު ތަފާތުވުން ހުންނަނީ ސިޔާސީ ގޮތުން އަމިއްލަ އެޖެންޑާއެއް ކުރިއަށް ގެންދިޔުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެފަދަ ފަރާތްތަކުން ގައުމާއި ދެކޮޅަށް ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގައުމަށް ފައިދާއެއް ވާނެ ކަހަލަ ކޮންމެ ކަމަކާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ގައުމާއި ދެކޮޅުވުން، ޓޫރިޒްމަ ދާއިރާ ހަލާކު ކުރަން، މަސްވެރިކަން ހަލާކުކުރަން. ގައުމާއި ދެކޮޅަށް ކުރެވުނު ކަންކަން އިޖުތިމާއި ފޭރާން ހަލާކުކޮށްލުން، އޭރު ހަމަ ހަދާން ހުންނާނެ ހަމަ ސްޓްރެޓިޖިޓިކަލީ ރާވައިގެން ކުރި ކަންކަން އޭރު އެކި ނަން ކަމުގައި ހެދި ވެބްސައިޓުތަކުގައި ލިޔަމުން ދިޔަ އެއްޗެހި، އަޅުގަނޑުމެން ވެރިންނަށް ތިބި މީހުންނާއި ދިމާލަށް ގޮވަމުން ދިޔަ އެއްޗެހި، އެކި ކަހަލަ ވަނަންތައް ހަދައިގެން އެމީހުންގެ އަގު ވައްޓާލައިގެންރައީސް މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ މުޅި މުޖުތަމައުގައި ވެރިންނަށް ކުރާ އިހުތިރާމް ކުޑަކޮށްލާ ކުރަމުން ދިޔަ ކޮންމެ ކަމަކީ ގައުމާއި ދެކޮޅު ކަންކަން ކަމަށެވެ. އަދި ވެރިކަމާއި ބާރާއި ނުފޫޒު ބޭނުން ވެގެން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން މިހާރު އަދި ކުރިން ވެސް ފެނުނު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން، ގައުމާއި ދެކޮޅުވުމަކީ މި ގައުމުގެ އަބުތޯލުން ގައުމުގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު މިނިވަންކަން ހޯދައި ދިނުމަށް ވެދެއްވި ގުރުބާނީއަށް ހަރާމްކޯރުވުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ހަމައެއާއެކު ގަލަމުން ލިޔާ ކޮންމެ ދޮގު ވާހަކައަކީ އަދި ކޮންމެ ދޮގު ހަބަރަކީ ގައުމާއި ދެކޮޅަށް ބުނެވޭ އެއްޗެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި ވީ ނަމަވެސް އިދިކޮޅުގައި ތިއްބަވައިގެން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ވަނަން ހެދައި، އެމަނިކުފާނަށް ނިސްބަތްކޮށް ބޮޑެތި ދޮގު ވާހަކަތައް ފަތުރާފައިވެ އެވެ. އަދި އަވަށްޓެރި އިންޑިއާއާ ޖައްސާލާ އެގައުމުގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީއަށް ނިސްބަތްކޮށް މާލި ހަދާ މާލެ މަގުތައް މަތީ އުޅެފައިވާކަން ފާހަގަކުރެވެ އެވެ.











