ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ހެދުނު ކަނޑުކޮސް
30 އޯގަސްޓު 2026 | އާދީއްތަ 12:17އިންޖިނޭރުންގެ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތައުލީމީ ޤާބިލުކަމަށް މި ލިޔުމުގައި އަލިއަޅުވާލާފައިވޭ. މީގެ ކުރިން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގައި ހުރި އިންޖިނިއަރިންގ މައްސަލަތަކަށް އިޝާރާތްކޮށް، އެމަނިކުފާނު ފަދަ ފަންނީ ބޭފުޅަކު މާކުރިން ވެރިކަމުގައި ހުންނެވިނަމަ ދައުލަތުގެ ބަޖެޓުން އިސްރާފުވާ އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވުނީހެވެ.


ރައީސް ޑރ. މުއިއްޒު ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާލައްވަނީ | ރައީސް އޮފީސް
މިއަދަކީ އުފާވެރި ދުވަހެކެވެ. މުޅި ޤައުމަށް ވެސް ފަޚުރުވެރި ދުވަހެކެވެ. ޤައުމަށް އެކަންޏެއް ނޫނެވެ. މުޅި ސަރަހައްދަށެވެ. އުފާވެރިކަމުގެ ކޮޅާ ކޮޅެއް ނެތެވެ. މިއަދަކީ އުފާވެރި "އިންޖިނޭރުންގެ ދުވަހެވެ".
ދުވަހުގެ އުފާވެރިކަން ހިތުގެ އެންމެ ފުންމިނަށް ވަންނަނީ ދުވަހާ ގުޅިފައިވާ ކަންކަމާމެދު ވިސްނާލީމަ އެވެ. ހިތަށް އެރި އެވެ. އަހަރެން ވެސް މީ ހާދަހާވާ ނަސީބުގަދަ މީހެއްތާ އެވެ. މިވަރު ޤައުމެއްގެ ރަޖިސްޓްރީގައި އޮތް ރަށްވެއްސަކަށް ވީތީ އެވެ.
އުފާވީ މިފަދަ ދުވަހެއް އަލަށް މިހާ ކުލަގަދަކޮށް ފާހަގަ ކުރަން ފެށީމައެއް ނޫނެވެ. އެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެސެޖެއް ލިބުނީތީއެއްވެސް ނުމެ ނޫނެ އެވެ. އަދި މިފަދަ އެހެން ދާއިރާތައް ހުއްޓާ ވެސް، އިންޖިނޭރުންގެ ދުވަހެއް ހުނިޖަހާލާފައި ނަގާފައި ފާހަގަ ކުރާތީއެއް ވެސް ނުމެ ނޫނެ އެވެ.
ސީދާ އުފާވާ މައިގަނޑު ސަބަބު ބުނެލުމުގެ ކުރިން ފަށްފަށްކޮށްފައި ދައުލަތުގެ ޓީވީއަށް ޝުކުރުވެރިވާނަމެވެ. ދުވަހާ ގުޅުންހުރި ދާއިރާއިން ޚާއްސަ ބޭފުޅެއްގެ ވަނަވަރު ގެނެސްދިނީތީ އެވެ. ކުރިން ނޭނގޭ އެތައް ވާހަކައެއް އޭގައި ހިމަނާލީމަ އެވެ. އުފާވާން އެނގުނީ ވެސް އެހެންވެގެންނެވެ. މިއަދު ރާއްޖޭގެ ޒައާމަތުގައި ހުންނެވީ ދުނިޔޭގެ ފެންވަރުގެ އިންޖިނޭރެއްކަން އެނގުނީތީ އެވެ.
އިންޖިނޭރުންގެ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގައި ޒައާމަތުގައި މިއަދު ހުންނެވި، އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ސިވިލް އެންޑް ސްޓްރަކްޗަރަލް އިންޖިނޭރެކެވެ.
އިންޖިނޭރުކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޓްރަކްޗަރަލް އިންޖިނޭރުކަމުގެ ދާއިރާއިން، ބެޗްލަރސް އޮފް އިންޖިނިއަރިން ވިތު ފަސްޓް ކްލާސް އޮނާސް ހާސިލުކުރެއްވީ ޔުނިވަރސިޓީ އޮފް ކޮލެޖް ލަންޑަންއިންނެވެ. ހަމަ ޔުނިވަރސިޓީން އެމަނިކުފާނު މަސްޓަރ އޮފް ސައިންސް އިން ސިވިލް އިންޖިނިއަރިން ހާސިލުކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މަތީ ތައުލީމު ހާސިލުކުރެއްވި ޔުނިވަރސިޓީ އޮފް ލަންޑަންއަކީ އިނގިރޭސިވިލާތުގައި ވެސް އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ، އެންމެ ރަނގަޅު އެއް ޔުނިވަރސިޓީ އެވެ. ރައީސުލްޖުމްހޫރިއްޔާ އެ ޔުނިވަރސިޓީއާ ގުޅިވަޑައިގެންނެވީ ލިބިވަޑައިގެންނެވި ސްކޮލަޝިޕެއްގަ އެވެ.
މަރުހަބާއާއި ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ބަރުތީލަ ކުރަމެވެ.
މި އުފާވެރިކަމުގެ އިހްސާސް ކުރެވޭއިރު މިއަދު ހިތަށް އަރަ އެވެ. އެކަމާ ހިސާބަކަށް ދެރަ ވެސް ވެ އެވެ. ތަންކޮޅެއް ލަސްވީތީ އެވެ. މިފަދަ ވެރިއަކު ޒައާމަތާ ހަވާލު ކުރަން ޖެހެނީކީ މިއަދަކު ނޫނެވެ. މާކުރިން ވެސް މިއީ ކުރަން ޖެހޭ ކަމެކެވެ. ދެރަވަނީ އެކަމާ އެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް މުއިއްޒު ވަޑައިގެންނެވުނުލެއް ތަންކޮޅެއް ލަސްވީތީ އެވެ.
ނަމައެއްގައި ކެއްކޭނޭ ރިހައެއް ނޯންނާނެ އެވެ. އެކަމަކު ވެސް ނަމައޭ ހމަ ހިތަށް އަރަނީ އެވެ. ހިތަށް އަރަ އެވެ. ރައީސް މުއިއްޒު ފަދަ އިންޖިނޭރަކު ޒައާމަތުގައި ހުންނެވިނަމަ މާލޭގެ ބޭރުތޮށީގައި ޖަޕާނު މީހުން އެތައް ދިރާސާއެއް ކޮށްފައި ޖަހާފައިވާ ގާތައް ނަގައިގެން މާލޭ ދެކުނު ފަރާތުގައި ނެރެއް ނުހެދީހެވެ. އެނެރުން ވަދެ ނުކުންނަން އުޅުމުގެ ތެރޭގައި އުރުނީ މަދެއްކަ އެއްޗިއްސެއް ނޫނެވެ. އެތައް ބަޔަކަށް އެނެރުން ގެއްލުންވެއްޖެ އެވެ. އެތައް އަގުބޮޑު މުދަލެއް ހަލާކުވެ ހިނގައްޖެ އެވެ. ހަމަ ޔަޤީނެވެ. ރައީސް މުއިއްޒު ފަދަ އިންޖިނޭރަކު ޒައާމަތުގައި ހުންނެވިނަމަ "މުއިއްޒު ނެރު" އެތާ ހެދިއަކަ ނުދެއްވީހެވެ.
ސިނަމާލެ ބްރިޖަކީ ހާދަހާވާ ވަރުގަދަ ބްރިޖެކެވެ. އިންޖިނޭރުކަމުގެ ލާމަސީލު މިސާލެކެވެ. އެކަމަކު ވެސް ހިތަށް އެރި އެވެ. އެ ބްރިޖު އެޅުއްވިއިރު ޒައާމަތުގައި ރައީސް މުއިއްޒު ހުންނެވިނަމަ ކޮންފަދަ ހެއްޔެވެ. އެހެންނަމަ އެގޮތައް އެކަން ކުރިއަކަ ނުދެއްވީހެވެ. ކުރެހުމުގައި އޮތް "ބައިސްކަލް ލޭން" ނުލައި އެތަން ހެދިޔަކު ނުދިނީހެވެ. މިއަދު ބްރިޖު ހަނިވެގެން އުޅެން މި ޖެހުނީ އެކަން އެގޮތައް ނުކުރީމަ އެވެ. ކިހާ ދެރަހެއްޔެވެ. އަޅެ އޭރު ޒައާމަތުގައި ރައީސް މުއިއްޒު ހުންނެވި ނަމަތާ އެވެ.
އިރުމަތީ ފަރާތުން އެ ފެންނަ ސަލްމާން މިސްކިތަކީ ފުރިހަމަ ރީތި ބިނާއެކެވެ. ހަމަ ގައިމު ވެސް އަހަރެން ފަޚުރުވެރިވަމެވެ. އެކަމަކު ވެސް ހިތަށް އަރަ އެވެ. އެތަނުގެ ފުރަތަމަ ކުރެހުން ދައްކާލިއިރު ހުރި ގޮތައް ގުއްބުތައް ހަމަނަމަ ހާދަހާވާ ރަނގަޅެވެ. ގުއްބު ވެސް ހިމަނާފައި ހުންނާނީ ވަރަށް ބޮޑަށް އިންޖިނޭރިންގެ ދާއިރާއިން ވެސް ބަލާފަ އެވެ. ހަމަ ޔަޤީނެވެ. ރައީސް މުއިއްޒު ކަހަލަ އިންޖިނޭރަކު ޒައާމަތުގައި ހުންނެވިނަމަ އެކަން އެހެން ވިޔަކަ ނުދެއްވީހެވެ. ގުއްބުތައް ބަރާބަރަށް ހަމަނުކޮށް އެ މިސްކިތް ނިންމިއަކަ ނުދެއްވީހެވެ.
މާލޭ މަގުތަކުގައި ފެންބޮޑުވުން ހައްލުކުރި އެވެ. ދުވަހަކު ފެންބޮޑުވި ހަނދާން ނުވާ ވަރަށެވެ. އެކަމަކު ހިތާމައަކީ އޭގެ ފަހުން ވެސް މީހުން ކަކޫތާ ފެނުގައި އުޅެން ޖެހުނެވެ. ހިތަށް އެރި އެވެ. އެކަން ކުރިއިރު ވެސް ޒައާމަތުގައި ރައީސް ޑރ. މުއިއްޒު ހުންނެވިނަމަތާ އެވެ. އޭރުން އެތައް ރުފިޔާއެއް ދުއްވާލާފައި އަލުން އެކަން ކުރާކަށް ނުޖެހުނީހެވެ.
މާލޭ ހުޅަނގު ކޮޅުގައި އެޅި ދުވާ ޓްރެކަށް ވީގޮތުން ވަރަށް ދެރަވި އެވެ. އަޅާ ނުނިމެނީސް އަނެއްކޮޅުން ހަލާކުވެ ނިމުނީތީ އެވެ. ރައްޔިތުންގެ ބޭސްފަރުވާއަށް ބަހައްޓާފައިހުރި ލާރީގެ ތެރެއިން އާސަންދަ ކުންފުނިން ދިން 9 މިލިއަން ރުފިޔާ އެކަމަށް ދުއްވާލިއިރު ވެސް އެކަމަށް ހައްލެއް ނުލިބުނީތީ އެވެ. އަނެއްކާ ވެސް ހަމަ ހިތަށް އަރަނީ އޭރު ޒައާމަތުގައި ރައީސް މުއިއްޒު ހުންނެވިނަމަ އެހެނެއް އެކަމެއް ނުވީހެވެ. އެތައް ފަހަރަކު ކުރާކަށް ނުޖެހުނީހެވެ. އިންޖިނޭރިންގެ ދާއިރާއިން އެމަނިކުފާނަކީ އެވަރުގެ ޤާބިލު ބޭފުޅެކެވެ.
ކޮންމެއަކަސް މާ ލަސްވެއްޖެ އެވެ. ދެން މިވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. އޭގެން ކުރާނެ ފައިދާއެއް ނޯންނާނެ އެވެ. ވަގުތު ފާއިތު ވެއްޖެ އެވެ. ކިޔޭނީ ނަމައެކެވެ. އެކަމަކު ވެސް ބުނާނަމެވެ. ރައީސް މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުރިނަމަ، ދެފަހަރަށް ކުރަން ޖެހިގެން ގެއްލިގެން އެދިޔަ އެތައް މިލިއަން ރުފިޔާއެއް ސަލާމަތްވީހެވެ. ކިހާ ދެރަހެއްޔެވެ. ކުރިން އެހެން އެކަން ވީނަމަތާ އެވެ. ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ކުރެވުނު ކަނޑުކޮސްތަކުން ގައިމު ސަލާމަތް ވީހެވެ.









