އީރާންގެ ރައީސް ޕެޒެޝްކިއާން އާއި ރަޝިޔާގެ ރައީސް ޕުޓިން ބައްދަލު ކުރައްވަނީ
31 އޯގަސްޓު 2026 | ހޯމަ 07:06މި ދަތުރުފުޅުގެ ތެރެއިން ރަޝިޔާގެ ވްލަޑިމިއަރ ޕުޓިން އާއެކު އީރާންގެ ރައީސް ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ބެލެވޭ.


އީރާންގެ ރައީސް ޕެޒެޝްކިއާން އާއި ރަޝިޔާގެ ރައީސް ޕުޓިން | ރޮއިޓާސް
ކިރިގިސްތާނުގެ ބިޝްކެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ އަހަރީ ސަމިޓުގައި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ދަތުރުފުޅުގެ ތެރެއިން ރަޝިޔާގެ ވްލަޑިމިއަރ ޕުޓިން އާއެކު އީރާންގެ ރައީސް ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ބެލެވެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓު ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ. މި ސަމިޓުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ ލަފާކުރެވިފައި އެވެ. މި ސަމިޓުގެ ކުރިން، މިދިޔަ ޖުލައި މަހު ބޭއްވި އެސްސީއޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން އީރާން އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ.
އީރާން އަކީ 2023 ވަނަ އަހަރު އެސްސީއޯގެ ފުރިހަމަ މެންބަރަކަށް ވީ ޤައުމެކެވެ. އެ ޤައުމުން އަންނަނީ ރަޝިޔާ އާއެކު އަސްކަރީ ގޮތުން ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. މީގެ އިތުރުން، ދުނިޔޭގެ ބާރެއް ކަމަށްވާ ޗައިނާ އާއެކު ހަކަތައިގެ ދާއިރާ އިން ވެސް އީރާން އިން އަންނަނީ ވަރުގަދަ އިޤްތިސާދީ ގުޅުމެއް ދަމަހައްޓަމުންނެވެ.
މި ސަމިޓުގެ ތެރެއިން ރަޝިޔާ އާއި އީރާންގެ ރައީސުން ބައްދަލު ކުރައްވާއިރު، މިއީ ސަރަހައްދީ ސަލާމަތާއި އިޤްތިސާދީ އެއްބާރުލުން އިތުރު ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތް ތަކުން ދެކެ އެވެ.
ޚާއްސަކޮށް ހުޅަނގުގެ ޤައުމުތަކުން އީރާން އާއި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި، މި ދެ ޤައުމުގެ ގުޅުން ބަދަހިވުމަކީ ބައިނަލްއަޤުވާމީ ސިޔާސީ މަސްރަހަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










