އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި
28 ޖުލައި 2026 | އަންގާރަ 06:51އެ ބައްދަލުވުމުގައި ޕުޓިން ވިދާޅުވެފައި ވަނީ މެދުއިރުމަތީގެ ސަރަހައްދުގައި ހިނގަމުން އަންނަ ހަނގުރާމައިގެ ކަންކަމަށް ބެލުމަށް އެދޭ ކަމަށް. އެގޮތުން އީރާން އިން އެ މީހުންގެ މަދިރި ފްލީޓް ބޭނުން ކޮށްގެން ހަނގުރާމައިގައި ވަރަށް ހުނަރުވެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ޕުޓިން ވަނީ ވިދާޅުވެފައި


ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން | ގެޓީ އިމޭޖަސް
އީރާންގެ މޮސްކިޓޯ ފްލީޓް، ނުވަތަ މަދިރި ފްލީޓް ހުނަރުވެރި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ތައުރީފު ކުރައްވައިފި އެވެ.
ރަޝިޔާގެ ސަރުކާރުން ހިންގާ ސްޕަޓްނިކް ނޫސް އެޖެންސީ އިން ބުނެފައި ވަނީ، އާދީއްތަ ދުވަހު ރަޝިޔާގެ ނޭވީ އޮފިސަރުންނާ ބައްދަލު ކުރައްވަމުން ޕުޓިން އެކަމަށް ތައުރީފު ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ޕުޓިން ވިދާޅުވެފައި ވަނީ މެދުއިރުމަތީގެ ސަރަހައްދުގައި ހިނގަމުން އަންނަ ހަނގުރާމައިގެ ކަންކަމަށް ބެލުމަށް އެދޭ ކަމަށެވެ. އެގޮތުން އީރާން އިން އެ މީހުންގެ މަދިރި ފްލީޓް ބޭނުން ކޮށްގެން ހަނގުރާމައިގައި ވަރަށް ހުނަރުވެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ޕުޓިން ވަނީ ވިދާޅުވެފައި އެވެ.
މިއީ އައު ޓެކްނޮލޮޖީތަކުގެ މައްސަލައެއް ކަމަށާއި، ރަޝިޔާ އަށް ވެސް އެފަދަ ކުދި ބޯޓުތައް ލިބިފައިވާ ކަމަށް ޕުޓިން ފާހަގަ ކުރެއްވި އެވެ. އެއީ ކުދި ބޯޓުތަކަކަށް ވީ ނަމަވެސް، އެ ބޯޓުތަކުގައި ހަރުކަށި އަދި ޒަމާނީ ހަތިޔާރުތައް ހަރުކޮށްފައިވާ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
އާދީއްތަ ދުވަހު ރަޝިޔާގެ ނޭވީ އޮފިސަރުންނާ ބައްދަލު ކުރައްވަައި ޕުޓިން ވާހަކަ ދައްކަވަނީ.
ސްޕަޓްނިކް އިން ބުނާ ގޮތުގައި އީރާންގެ މަދިރި ކަމަށް ކިޔާ ފްލީޓުގައި ހިމެނެނީ ގާތް ގަނޑަކަށް "ޣާދީރު ކްލާހުގެ 20 މިޖެޓް ސަބްމެރިން އާއި އެތައް ހާސް ފަސްޓް މިސައިލް އަދި އެސޯލްޓް ބޯޓު" ތަކެވެ. ލުއި އަދި ނިމްބަލް މި އުޅަނދުތައް އީރާންގެ ހިލަ ކަނޑުގެ އައްސޭރީގައި ޤާއިމު ކޮށްފައިވާ ޓަނަލްތަކުގައި ރައްކާތެރިކަމާ އެކު ބެހެއްޓޭތީ، އެމެރިކާގެ ދުރު ރާސްތާގެ ހަތިޔާރުތަކުން ވެސް ނައްތާލުމަށް ދަތި ވާނެ ކަމަަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ޕުޓިން ވިދާޅުވެފައި ވަނީ، މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރުމަކީ ހަނގުރާމައިގައި ކާމިޔާބު ހޯދުމަށް ވަރަށް މުހިންމު ކަމެކެވެ. އީރާން އިން މިފަދަ ކުދި ބޯޓުތައް ބޭނުން ކޮށްގެން މިހާރު ވެސް ކުރަމުން އަންނަ ހަނގުރާމައިގައި ހޯދާފައިވާ ކާމިޔާާބީތަކަކީ، މިސާލެއް ކަމަށް ޕުޓިން ވަނީ ވިދާޅުވެފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










