ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި
ޕުޓިންގެ ޚާއްސަ މުސީރު ޔޫރީ އުޝަކޯވް އާދީއްތަ ދުވަހު ހާމަ ކުރެއްވި ގޮތުގައި، މި ފޯނު ކޯލަކީ އަންނަ ހަފުތާގައި ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓުގެ ކުރިން ކުުރެވުނު ވަރަށް ބިނާ ކުރަނިވި މަޝްވަރާ ތަަކެއް ކަމަށް. ރަޝިޔާ އިން ބޭނުން ވަނީ އެ ޤައުމުގެ އަސާސީ އުސޫލު ތަކަށް ރިއާޔަތްކޮށް، ސިޔާސީ އަދި ޑިޕްލޮމެޓިކް ޙައްލެއް ހޯދުމަށް ކަމަށް އުޝަކޯވް ވިދާޅުވި.


އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ. | ރޮއިޓާސް
ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާާ އިން ކުރަމުން އަންނަ ހަނގުރާމަ އަށް ޙައްލެއް ހޯދުމަށް އެހީތެރި ވެދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަށް އަންގަވައިފި އެވެ.
ޓްރަމްޕް މިހެން އަންގަވާފައި ވަނީ އެމެރިކާގެ މިނިވަން ދުވަހާ ގުޅިގެން، ހޮނިހިރު ދުވަހު ޕުޓިންއާ ފޯނުން ދެއްކެވި ވާހަކައިގަ އެވެ. ގާތް ގަނޑަކަށް 90 މިނެޓަށް ކުރިއަށް ދިޔަ މަޝްވަރާ ތަކުގައި ޓްރަމްޕް ވަނީ، ހަނގުރާމަ އަވަހަށް ނިންމުމަށް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ހާމަ ކުރައްވައިފަ އެވެ.
ޕުޓިންގެ ޚާއްސަ މުސީރު ޔޫރީ އުޝަކޯވް އާދީއްތަ ދުވަހު ހާމަ ކުރެއްވި ގޮތުގައި، މި ފޯނު ކޯލަކީ އަންނަ ހަފުތާގައި ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓުގެ ކުރިން ކުުރެވުނު ވަރަށް ބިނާ ކުރަނިވި މަޝްވަރާ ތަަކެކެވެ. ރަޝިޔާ އިން ބޭނުން ވަނީ އެ ޤައުމުގެ އަސާސީ އުސޫލު ތަކަށް ރިއާޔަތްކޮށް، ސިޔާސީ އަދި ޑިޕްލޮމެޓިކް ޙައްލެއް ހޯދުމަށް ކަމަށް އުޝަކޯވް ވިދާޅުވި އެވެ.
ނަމަވެސް، ޔޫކްރެއިން އާއި ވިލާތުގެ ބައެއް ޤައުމު ތަކުން ހަނގުރާމަ އިތުރަށް ފުޅާކޮށް، އާންމުންނަށް އަމާޒުކޮށް ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންދާ ކަމަށް އުޝަކޯވް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
މި މަޝްވަރާ ތަކުގައި ޕުޓިން ވަނީ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ ސިފައިންނަށް ލިބެމުންދާ ކުރިއެރުން ތަކުގެ ތަފްސީލު ޓްރަމްޕް އަށް އަރުވާފައި އެވެ. އެގޮތުން ޔޫކްރެއިންގެ އިރުމަތީ ޑޮނެޓްސްކް ސަރަހައްދުގެ މުހިންމު ސިޓީއެއް ކަމަށްވާ، ކޮސްޓިއަންޓިނިވްކާ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ޕުޓިން ވިދާޅުވި އެވެ. ނަމަވެސް، ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ވަނީ އެ ސިޓީ އަދިވެސް އޮތީ ޔޫކްރެއިންގެ ބާރުގެ ދަށުގައި ކަމަށް ވިދާޅުވެ ރަޝިޔާގެ ވާހަކަތައް ދޮގު ކުރައްވާފައި އެވެ.
ރަޝިޔާ އިން ބުނަމުން ދަނީ ހަނގުރާމަ އަށް ހައްލެއް ލިބޭނީ ޔޫކްރެއިންގެ ޑޮންބާސް ސަރަހައްދު އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް ދޫކޮށްލުމުން ކަމަށެވެ. އެހެން ނަމަވެސް، ޔޫކްރެއިން އިން މިކަން ޤަބޫލެއް ނުކުރެ އެވެ. މި މައްސަލައިގައި ޒެލެންސްކީ ވަނީ، ޕުޓިންއާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފައި އެވެ. ނަމަވެސް، ޕުޓިން ވަނީ އެކަމަށް އިންކާރު ކުރައްވާފައި އެވެ.
މީގެ އިތުރުން، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރާޑް ކުޝްނާ ރަޝިޔާ އަށް ވަޑައިގެން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ތިއްބެވި ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް، އުޝަކޯވް ފާހަގަ ކުރެއްވި އެވެ.
ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ވެސް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައި އެވެ. ޒެލެންސްކީ ވިދާޅުވީ ޓްރަމްޕް އާއެކު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ހަގީގީ ފުރުސަތެއް އެބަ އޮތް ކަމަށެވެ. އަދި މިކަމުގައި އެމެރިކާގެ ނިންމުން ތަކަކީ ވަރަށް މުހިންމު ނިންމުން ތަކަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓްރަމްޕް އާއި ޒެލެންސްކީ ވަނީ ކުރިއަށް އޮތް ނޭޓޯ ސަމިޓުގެ ތެރެއިން މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެ ވަޑައިގެންފައި އެވެ.
މީގެ އިތުރުން، އީރާން އާއެކު އުފެދިފައިވާ ހަމަނުޖެހުން ތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެމެރިކާ އިން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތް ތަކަށް ޕުޓިން ތާއީދު ކުރައްވާ ކަމަށް ވެސް ރަޝިޔާ އިން ބުނެފައިވެ އެވެ. އަދި ރަޝިޔާ އަށް ޒިޔާރަތް ކުރެއްވުމަށް ޓްރަމްޕް އަށް ދީފައިވާ ދައުވަތު އަދިވެސް އޮތް ކަމަށް، ޕުޓިން ވަނީ ހަނދާން ކޮށްދެއްވާފައި އެވެ.
މި ވަގުތު އެމެރިކާގެ ޚާރިޖީ ސިޔާސަތު ބޮޑަށް އަމާޒުވެފައި ވަނީ އީރާންގެ މައްސަލަ އަށް ކަމުން، ޔޫކްރެއިން މައްސަލައިގައި އެމެރިކާގެ ދައުރު އިތުރަށް ފުޅާ ކުރުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
މަސްދަރު: ރޮއިޓާސް





