ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކުރައްވައިފި
3 އޯގަސްޓު 2026 | ހޯމަ 09:21މީގެ ކުރިން ބަންޑާރަނައިބުކަމާއި ސާކުގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ދިޔާނާއަށް މަޤާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ޢައްޔަންކުރައްވައިފި | ރައީސް އޮފީސް
ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާތިމަތު ދިޔާނާ ހޯމަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފި އެވެ.
އަލްއުސްތާޛާ ފާޠިމަތު ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލަރ އޮފް ލޯރސް، ޖަޕާނުގެ ޔުނިވަރސިޓީ އޮފް އޮސާކާއިން މާސްޓަރ އޮފް ލޯރސް (ލޯ އެންޑް ޕޮލިޓިކަލް ސައިންސް)، އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯރސް (އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯ) ހާސިލްކުރައްވާފަ އެވެ. އަލްއުސްތާޛާ ފާޠިމަތު ދިޔާނާ މީގެ ކުރިން ސަރުކާރާއި ދައުލަތުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައިވެސް މަތީ މަޤާމުތަކެއް ފުރުއްވާފައިވެ އެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯރޕަރޭޝަން (ސާކު) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޖެންޑަރ، ފެމިލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރުކަމުގެ މަޤާމާއި ދިވެހި ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަޤާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ހިމެނެ އެވެ.










