ބައްޕަގެ މަރަށް ފަހު، މެސީ ހުންނާނީ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި
12 އޯގަސްޓު 2026 | ބުދަ 05:22ބައިނަލްއަޤުވާމީ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ބައްޕަގެ މަރަށް ފަހު މެސީ ނިންމާފައި ވަނީ މިވަގުތު ކުޅުމާ ދުރުގައި މަޑުކޮށްލުމަށް. އެގޮތުން މި ދުވަސްކޮޅު މެސީ ބޭނުން ވަނީ، އޭނާގެ އާއިލާ އަށް ވީ އެންމެ ގިނައިން ވަގުތު ދިނުމަށް


ބައްޕަ މަރުވުމުން މެސީ އެނބުރި އާޖެންޓީނާ އަށް އައިސް، އޭނާގެ ޖެޓުން ފައިބާ މަންޒަރު | ގެޓީ އިމޭޖަސް
އާޖެންޓިނާގެ ކެޕްޓަން ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވުމާ އެކު، ދުވަސް ކޮޅެއް ވަންދެން މެސީ ހުންނާނީ ފުޓުބޯޅަ ކުޅުމާ ދުރުގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ބައިނަލްއަޤުވާމީ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ބައްޕަގެ މަރަށް ފަހު މެސީ ނިންމާފައި ވަނީ މިވަގުތު ކުޅުމާ ދުރުގައި މަޑުކޮށްލުމަށެވެ. އެގޮތުން މި ދުވަސްކޮޅު މެސީ ބޭނުން ވަނީ، އޭނާގެ އާއިލާ އަށް ވީ އެންމެ ގިނައިން ވަގުތު ދިނުމަށް ކަމަށާއި، މިވަގުތު އާއިލާ އަށް އެހީތެރިކަން ދިނުމަށް މެސީ ބޭނުންވެ އެވެ.
އެހެންކަމުން ކުލަބުގެ އިތުރުން، ޤައުމީ ޓީމާ ވެސް މިވަގުތު މެސީ ހުންނާނީ ދުރުގައި ކަަމަށް ބުނެފައިވާއިރު، މިއީ ކިހާ މުއްދަތެއް ކަމަށް ބުނެފައި ނުވެ އެވެ. އަދި މެސީ އަލުން އެނބުރި ކުޅެން ފަށާނެ ދުވަހެއް ހާމަކޮށްފައި ނުވެ އެވެ. މެސީ އަކީ އެމެރިކާގެ އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ، އެ ޓީމުގެ ކެޕްޓަން އެވެ.
މެސީގެ ބައްޕަ މަރުވެފައި ވަނީ މި ހިނގާ އޮގަސްޓު މަހުގެ އަށެއްވީ ހޮނިހިރު ދުވަހު އެވެ. އުމުރުން 68 އަހަރުގައި މެސީގެ ބައްޕަ މަރުވީއިރު، މެސީގެ ބައްޕަ ގެންދިޔައީ ސިއްހީ ބައެއް ކަންކަމުގައި ފަރުވާ ހޯދަމުން ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައި އެވެ. މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރޭގައި މެސީގެ އާއިލާ އިން ވަނީ، އޭނާގެ ބައްޕަ ސިއްހީ ޗެކްއަޕްތަކެއް ހަދަމުން އަންނަ ކަމަށް ބުނެފައި އެވެ.
ވޯލްޑް ކަޕަށް ފަހު މެސީ އެނބުރި މިއާމީއާ ގުޅިފައިވާއިރު، އޭނާގެ ބައްޕަ މަރުވީ ލީގްސް ކަޕްގައި މިއާމީ އިން މޮންޓެރޭއާ ދެކޮޅަށް މެޗު ކުޅެން ތައްޔާރުވަމުން އަންނަނިކޮށެވެ. އެއާ އެކު މެސީ ވަނީ ވަގުތުން ޓީމު ދޫކޮށް، އެނބުރި އާޖެންޓީނާ އަށް ގޮސްފައި އެވެ. އެއަށް ފަހު ބައްޕަގެ ޖަނާޒާގެ ކަންކަމުގައި ވެސް މެސީ ބައިވެރިވެފައިވާއިރު، ސޯޝަލް މީޑިއާގައި ވެސް އެ ފޮޓޯތައް ވަނީ އާންމުވެފައި އެވެ.
ޖޯޖް މެސީ އަކީ، މެސީގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ މުހިންމު ދައުރު އަދާ ކުރާ ފަރާތެވެ. އޭނާ އަކީ މެސީގެ އެޖެންޓުގެ އިތުރުން، މެސީގެ ހުރިހާ ވިޔަފާރި މުއާމަލާތެއް ބަލަހައްޓަމުން ވެސް އައި ފަރާތެވެ.










