ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!
13 އޯގަސްޓު 2026 | ބުރާސްފަތި 02:10އެ ޕޯސްޓުގައި މެސީ ބުނެފައި ވަނީ، އޭނާގެ ބައްޕަ ނެތް ދުނިޔެއެއްގައި ފުޓުބޯޅަ ކެރިއަރު ކުރިއަށް ގެންދާނެ ގޮތެއް ނޭނގޭ ކަމަށް. އެއާ އެކު މުސްތަޤުބަލުގައި މެސީ ނިންމާނެ ނިންމުމަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައި. މިވަގުތު މެސީ އާޖެންޓީނާގައި ހުރިއިރު، އޭނާ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި ހުންނާނެ ކަމަށް ރިޕޯޓުތަކުގައި ވަނީ ކުރިން ވެސް ބުނެފައި


އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އޭނާގެ ބައްޕަ ޖޯޖް މެސީ | ސޯޝަލް މީޑިއާ
ބައްޕައާ ނުލައި ކެރިއަރުގައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަމަށް ބުނެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހިތްދަތި ޕޯސްޓެއް ކޮށްފި އެވެ.
ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މެސީ ވަނީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށް، ގިނަ ވާހަކަތަކެއް ހިއްސާކޮށްފައި އެވެ. ބައްޕަގެ ހަނދާނުގައި ލިޔެފައިވާ އަސަރުގަދަ މެސެޖެއްގައި މެސީ ބުނީ، ބައްޕަ ނެތް ދުނިޔެއްގައި ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތެއް އޭނާ އަށް ނޭނގޭ ކަމަށެވެ. މެސީ ބުނީ ބައްޕަ ޖޯޖް މެސީ އަކީ އޭނާގެ ކެރިއަރު ފެށި ދުވަހުން ފެށިގެން، އެންމެ ފަހު ދުވަހާ ހަމައަށް ވެސް އެންމެ ކައިރީގައި ހުރި އެހީތެރިޔާ ކަމަށެވެ.
މެސީ ބުނީ މިދިޔަ ޖުލައި މަހު ނިމުނު ފީފާ ވޯލްޑް ކަޕްގައި އޭނާ ކުޅުމަކީ ބައްޕަގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ނަމަވެސް، މުބާރާތް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ބައްޕަގެ ބަލި ހާލަތު ގޯސްވި ކަމަށް މެސީ ބުންޏެވެ. އަދި މިއީ މެސީ ކުޅުނު މުބާރާތެއްގައި، އޭނާގެ ބައްޕަ ނެތް ފުރަތަމަ ފަހަރު ކަމަށް ވެސް މެސީ ވަނީ ބުނެފައި އެވެ. ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން މުބާރާތުގެ މެޗެއް ބަލާލުމަށް ބައްޕަ އަށް ނާދެވުނު ނަމަވެސް، މެސީ ހުރީ ބައްޕަ އަށް ފައިނަލް ދައްކާލުމުގެ އުންމީދުގައި އެވެ.
ބައްޕައާ ބެހޭ ގޮތުން އިތުރަށް މެސީ ބުނީ، ޖޯޖް މެސީ އަކީ ހަމައެކަނި އޭނާގެ ބައްޕަ ނޫން ކަަމަށެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި އޭނާގެ ރެޕްރެޒެންޓޭޓިވް ކަމަށް ވެސް މެސީ ވަނީ ބުނެފައި އެވެ. ކުޑައިރުއްސުރެ ވަޒީފާ ނިންމާފައި އައިސް އޭނާ ގޮވައިގެން ފަރިތަކުރުންތަަކަށް ދިޔުމާއި، ކޮންމެ މެޗެއް ބައްޕަ ބަލާ ކަމަށް ވެސް މެސީ ބުންޏެވެ. އަދި އޭނާގެ ކުޅުމާާ މެދު ފާޑު ކިޔުމާ އެކު، ރަނގަޅު އިރުޝާދު ދިނުމުގައި ބައްޕަ ދެމި ހުރި ކަަމަށް މެސީ ވަނީ ބުނެފައި އެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި މެސީ ބުނެފައި ވަނީ، އޭނާގެ ބައްޕަ ނެތް ދުނިޔެއެއްގައި ފުޓުބޯޅަ ކެރިއަރު ކުރިއަށް ގެންދާނެ ގޮތެއް ނޭނގޭ ކަމަށެވެ. އެއާ އެކު މުސްތަޤުބަލުގައި މެސީ ނިންމާނެ ނިންމުމަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައި އެވެ. މިވަގުތު މެސީ އާޖެންޓީނާގައި ހުރިއިރު، އޭނާ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި ހުންނާނެ ކަމަށް ރިޕޯޓުތަކުގައި ވަނީ ކުރިން ވެސް ބުނެފައި އެވެ.
މެސީ ބުނީ އޭނާގެ ބައްޕަ އެންމެ އުފާވާނީ އެ އާއިލާގެ ހިނިތުންވުން ފެނުމުން ކަމަށެވެ. އޭނާ ކުޅޭ މަަންޒަރު ބަލަން ހުރުމަކީ ބައްޕަ ވަރަށް އުފަލުން ކުރާ ކަމެއް ކަމަށާއި، ބައްޕަ ވަކިވެ ދިޔުމުން ހިތްވަރު ދޫވެފައިވާ ކަމަށް މެސީ ވަނީ ބުނެފައި އެވެ. އެއާ އެކު މެސީ ބުނީ ބައްޕަ އޭނާ އަށް ދީފައިވާ ތަރުބިއްޔަތު، އޭނާގެ އަމިއްލަ ދަރިންނަށް ވެސް ދޭނެ ކަމަށެވެ. އަދި ބައްޕަގެ ހަނދާން އަބަދު ވެސް ހުންނާނެ ކަަމަށް މެސީ ބުނެފައިވެ އެވެ.
މެސީގެ ބައްޕަ ޖޯޖް މެސީ އަކީ، މެސީގެ ކެރިއަރުގައި އޭނާ އަށް އެންމެ ބޮޑަށް އެހީތެރިވި މީހާ އެވެ. އަދި ޖޯޖް މެސީ އަކީ މެސީގެ އެޖެންޓު ކަަމަށްވާއިރު، ފުޓުބޯޅައިގެ އިތުރުން މެސީގެ ވިޔަފާރީގެ ކަންކަން ވެސް ބަލަހައްޓަމުން އައީ އޭނާ އެވެ. އުމުރުން 68 އަހަރުގައި ޖޯޖް މެސީ މަރުވީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު އެވެ.










