ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި
17 އޯގަސްޓު 2026 | ހޯމަ 10:04ޣައްޒާގެ ރައްޔިތުންނަކީ ދިރިތިބުމުގެ ހައްގު އޮތް ބައެއް ނޫން ކަމަށް ބުނެ، އެމީހުން މަރާލުމަށް އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ގޮވާލައިފި. ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން އޭނާ ވަނީ ފަލަސްތީނު މީހުން ޣައްޒާއިން ބޭރުކޮށް، އެ ބިމަކީ އިސްރާއީލުގެ މިލްކެއްގެ ގޮތުގައި ހެދުމަށް ބާރުއަޅައި ހަރުކަށި އިންޒާރުތަކެއް ދީފައި

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، 2026 ޖެނުއަރީ 28 ގައި އިސްރާއީލުގެ ދެކުނުގައި އޮންނަ މެއިތާރުގައި ބޭއްވި ރަހީނުކޮށްފައިވާ އިސްރާއީލު މީހެއް ކަމަށްވާ ރޭން ގްވިލީގެ ޖަނާޒާގައި ވާހަކަދައްކަނީ | ގެޓީ އިމޭޖަސް
ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި އެވެ.
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، އެ ގައުމުގެ ސިފައިންނަށް ގޮވާލާފައިވަނީ ކޮންމެ ރެއަކުވެސް ޣައްޒާގެ 30 އާއި 40 އާ ދެމެދުގެ އަދަދަކަށް ފަލަސްތީނު މީހުން މަރާލުމަށެވެ.
ބެން-ގްވީރު މިހެން ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސްއިން ދިން ހަމަލާތަކުގެ ތެރެއިން ޣައްޒާގައި ރަހީނުކޮށްފައި ހުރި ރޯމް ބްރަސްލާވްސްކީއާ އެކު ކުރިއަށް ގެންދިޔަ ޕޮޑްކާސްޓް އިންޓަވިއުއެއްގަ އެވެ. އާދިއްތަ ދުވަހު އާންމުވި މި އިންޓަވިއުގެ ބައިތައް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ވަރަށް ބޮޑަށް ފަތުރާފަ އެވެ.
މި އިންޓަވިއުގެ ތެރޭގައި، ޣައްޒާގެ ފަލަސްތީނު ރައްޔިތުންނަކީ ދިރިތިބުމުގެ ހައްގު އޮތް ބައެއް ނޫން ކަމަށާއި، އެއީ "އިންސާނުންވެސް ނޫން" ކަމަށް ސިފަކޮށް، އެމީހުން މަރާލުމަށް ބެން-ގްވީރު ވަނީ ގޮވާލާފަ އެވެ.
އޭނާ ބުނީ، "އެތަނުގައި (ޣައްޒާގައި) ދިރިތިބުމުގެ ހައްގު ނެތް ބަޔަކު އެބަތިބި. އެމީހުން ދިރިތިބެގެން ނުވާނެ. އެއީ އިންސާނުންނެއްވެސް ނޫން،" ކަމަށެވެ.
މި ވާހަކަތަކަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ މުހިންމު މެންބަރެއް ކަމަށްވާ ބެން-ގްވީރު މިހާތަނަށް ދައްކާފައިވާ ހަރުކަށި އެތައް ވާހަކަތަކެއްގެ ތެރެއިން އެންމެ ފަހުން ދެއްކި ވާހަކަ އެވެ. އޭނާއަކީ އިސްރާއީލުގެ ފުލުހުންނާއި ޖަލުތަކުގެ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިޔާ އެވެ.
އިސްރާއީލުގެ ކަނާތު ފިޔައިގެ ހައްދުފަހަނަ އެޅި މިނިސްޓަރު މިފަދަ މޭރުމަކުން ވާހަކަދައްކާފައި މިވަނީ، އޮކްޓޫބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ބަރުލަމާނީ އިންތިޚާބާ ދިމާކޮށެވެ.
މީގެ އިތުރުން، މިހާރު އޮތް "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް މަދުކުރުމަށް ނަތަންޔާހޫ ނިންމެވި ނިންމެވުމަށް ބެން-ގްވީރު ވަނީ ފާޑުކިޔާފަ އެވެ. އަދި ހަމައެކަނި ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވޭ މީހުންގެ ބަދަލުގައި، އަމާޒުކޮށްގެން މީހުން މެރުމުގެ ސިޔާސަތު އަލުން ފެށުމަށް އޭނާ ވަނީ ބާރުއަޅާފަ އެވެ.
އިންޓަވިއުގެ އެހެން ހިސާބެއްގައި ބެން-ގްވީރު ވަނީ، އިސްރާއީލުގެ ވަޒަންވެރިންނަށް ހަމަލާދޭ ފަލަސްތީނު މީހުން މެރުމަށް އަސްކަރީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމުގައި ބްރަސްލާވްސްކީއަށް ބައިވެރިވެވޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެފަ އެވެ. މިއީ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް އިސްރާއީލުން ދާދި ފަހުން ފާސްކުރި ގާނޫނުގެ ދަށުންނެވެ.
ބްރަސްލާވްސްކީ ވަނީ ކުށްވެރިވާ ގައިދީން އޭނާ އަމިއްލައަށް މަރާލަން ބޭނުންވާ ކަމަށް ބުނެ މިނިސްޓަރުގެ ކިބައިން އެކަމަށް ފުރުސަތު ދިނުމަށް އެދިފަ އެވެ.
އޭނާ އިތުރަށް ބުނީ، "އަހަރެން ބޭނުމީ ދަންމަޅިއެއް ނޫން؛ އަހަރެން ބޭނުމީ ބަޑިއެއްގެ ފިތަށް އޮބާލަން. އަހަރެންގެ އަމިއްލަ އަތުން އިސްރާއީލުގައި ތިބި ކޮންމެ ޓެރަރިސްޓަކު މަރާލާނަން،" ކަމަށެވެ.
ޖަވާބުގައި ބެން-ގްވީރު ވަނީ އެކަން ހަގީގަތަކަށް ހެދުމަށްޓަކައި އޭނާގެ ބާރުގެ ދަށުގައިވާ ހުރިހާ ކަމެއް ކުރާނެ ކަމަށް ވައުދުވެފަ އެވެ.
އޭނާ ބުނީ، "އެކަން އަހަރެން ކުރުމަށްޓަކައި ދުނިޔެ އެކޮޅުކޮޅުވެސް ޖަހާނަން. އަހަރެން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރާނަން، އެކަން ކާމިޔާބުވަންދެން ދުނިޔެ އެކޮޅުކޮޅުން ޖަހާނެ ކަމަށް ވައުދުވަން."
މީގެ އިތުރުން، ފަލަސްތީނު މީހުން ޣައްޒާއިން ދާއިމީކޮށް ބޭރުކުރުމަށް ހިތްވަރު ދިނުމަށާއި، އެ ސަރަހައްދުގައި އިސްރާއީލުގެ ވަޒަންވެރިން އާބާދުކުރުން އިތުރުކުރުމަށް އޭނާ ކުރާ ތާއީދު އަލުން ތަކުރާރުކުރި އެވެ. އަދި މުޅި ޣައްޒާ ކަރައަކީ އިސްރާއީލަށް މިލްކުވެގެންވާ ތަނެއްގެ ގޮތުގައި ދެކޭ ކަމަށްވެސް އޭނާ ބުންޏެވެ.
ބައިނަލްއަގުވާމީ ގާނޫނީ މާހިރުން ވަނީ، ފަލަސްތީނު ރައްޔިތުން ގަދަކަމުން ނުވަތަ މަޖުބޫރުކޮށްގެން ފުޅާދާއިރާއެއްގައި އެމީހުންގެ ވަޒަނުން ބޭރުކުރުމަކީ ނަސްލު ނައްތާލުމުގެ (އެތްނިކް ކްލެންސިންގ) އަމަލަކަށް ވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް، އިސްރާއީލުން ދިން ހަމަލާތަކުގައި 1,250 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.










