ސިޔާސަތުތަކާއި ގާނޫނާއި ގަވައިދުތައް ދޯދިޔާވެ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހީނަރުވުމުގެ ނުރައްކާ ބޮޑުވަނީ
26 އޯގަސްޓު 2026 | ބުދަ 12:40ރާއްޖޭގެ ކަނޑުތައް ތަޣައްޔަރުވުމާއި އީ.އައި.އޭ ހެދުމުގެ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށާއި އިގްތިސާދަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަން ދިރާސާތަކުން ވަނީ ހާމަވެފައި. މިގޮތުން ބިންހިއްކުމާއި ޕްލާސްޓިކް ކުނީގެ ސަބަބުން ފަރުތައް ހަލާކުވެ، މަސްވެރިކަމާއި ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާތީ، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ތިމާވެށި ހިމާޔަތްކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކުރުން މިއަދު ވަނީ ކޮންމެހެން ލާޒިމުކަމަކަށް ވެފައި

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮނޑުދޮށް ކުނިން ތަޣައްޔަރުވެފައި - ސަރުކާރުން މިހާރު ވަނީ ރިސޯޓުތަކުން މީހުން އުޅޭ ރަށްރަށަށް ކުނި ގެންދިއުމަށް އޮތް ގާނޫނީ ހުރަސް ނައްތާލާފައި | އެލަމީ
ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހީނަރުވަމުންދާ މައިގަނޑު ހަތަރު ސަބަބަކީ ކަނޑުތައް އިންތިހާއަށް ތަޣައްޔަރުވުމާއި، އައްސޭރިފަށުގެ ސަރަހައްދުތައް ތަރައްގީކުރުމާއި، ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން ކަނޑުގެ ލޮނުގަނޑު ހޫނުވުން ކަމަށް ވޯލްޑް ބޭންކުން ތައްޔާރުކޮށްފައިވާ ދިރާސާއެއްގައި ވަނީ ބުނެފަ އެވެ. ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރާ އަދި ވަޒީފާގެ ފުރުސަތުތަކުގެ ދެބައިކުޅަ އެއްބައި ބިނާވެފައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަކީ، ކަނޑުތަކާއި އައްސޭރިފަށުގެ ދިރުންތަކުގެ ދުޅަހެޔޮކަމަށް ނުހަނު ބޮޑަށް ބަރޯސާވާ ދެ ސިނާއަތެވެ.
ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަބަބަކީ އެއްގަމުގައި އުފެދޭ ކުނި ވަރަށް އަވަހަށް ވަށައިގެންވާ ކަނޑުގެ ސަރަހައްދަށް ފޯރާތީ އެވެ. ރާއްޖޭގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ ވަސީލަތްތައް މަދުވުމާއި، ފަތުރުވެރިކަން ހަލުވިކަމާއެކު ތަރައްގީވުމާއި، އާބާދީ އިތުރުވުމުގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދުތައް ފުޅާވެގެން ދިއުމުގެ ސަބަބުން އުފެދޭ ކުނީގެ މިންވަރު ވަނީ އިތުރުވެފަ އެވެ. ވޯލްޑް ބޭންކުގެ ރިޕޯޓެއްގައި އަންދާޒާކޮށްފައިވާ ގޮތުން، ރާއްޖޭގައި ދުވާލަކު 860 މެޓްރިކް ޓަނަށްވުރެ ގިނަ ކުނި އުފެދޭއިރު، މީގެ ތެރޭގައި ފާހަގަކުރެވޭ މިންވަރަކަށް ޕްލާސްޓިކްގެ ބާވަތްތައް ހިމެނެ އެވެ. ރަނގަޅު ގޮތުގައި ނައްތާނުލެވޭ ޕްލާސްޓިކް ކުނި ކަނޑަށް ވާސިލުވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނުރައްކާވެ، މުރަކައިގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. ހަމައެއާއެކު ފުޑްޗޭނުގެ ތެރެއިން އިންސާނުންގެ ހަށިގަނޑަށް ޕްލާސްޓިކް ވާސިލުވެ ސިއްހަތައް އޭގެ ގެއްލުންތައް ފޯރުމަށް މަގުފަހިވެ އެވެ.
ޕްލާސްޓިކްގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުންދިއުމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތައާރުފް ކުރި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވުމަށާއި ޕްލާސްޓިކް ކޮތަޅާ ދުރަށް ދިއުމަށް ހިތްވަރު ދިނުމަށް ތައާރުފް ކުރި ސިޔާސަތުތަކާއި ގާނޫނުތަކަށް ބަދަލު ގެނެސް އެތަކެތި ބޭނުންކުރުމަށް ހުރި ހުރަސްތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ނައްތާލާފަ އެވެ. އޭގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް ގެންދެވޭނެ މަގުވެސް ވަނީ ތަނަވަސްކޮށްދީފަ އެވެ.
ވޯލްޑް ބޭންކުން ބުނާ ގޮތުގައި ކުނީގެ މައްސަލައަކީ ހަމައެކަނި ޕްލާސްޓިކް ފުޅިއާއި ފުޅި ފަދަ ތަކެއްޗަށް ޚާއްސަވެފައި އޮތް މައްސަލައެއް ނޫނެވެ. ނަޖިސް ފެނާއި، ބޭނުންކޮށްފައިވާ ފެނާއި، މަސްވެރިކަމަށް ބޭނުންކުރާ އާލާތްތަކާއި، ކެމިކަލްގެ އިތުރުން އެހެނިހެން ތަޣައްޔަރުކުރަނިވި މާއްދާތައް ވެސް ދަނީ ގޮނޑުދޮށާއި ކަނޑުގެ ސަރަހައްދަށް ޖަމާވެ މައްސުނިވަމުންނެވެ. މިފަދަ ތަޣައްޔަރުވުމުގެ ސަބަބުން ފެނުގެ ކޮލިޓީ ދަށްވެ، ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށް އިތުރު ނޭދެވޭ އަސަރުތައް ކުރެ އެވެ. ކާނާއާއި އާމްދަނީ ހޯދުމަށް ގިނަ ބަޔަކު ސީދާ ކަނޑަށް ބަރޯސާވާ ގައުމެއްގައި، ފެނުގެ ފެންވަރު ދަށްވުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އިތުރުން، އެހެނިހެން ގިނަ ދާއިރާތަކަކަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މުރަކަ ފަރުތަކަކީ ރާއްޖޭގެ ތިމާވެށީގެ އަދި އިގްތިސާދީ ނިޒާމުގެ މައިބަދަ އެވެ. އެއީ މަސްމަހާމެހީގެ މާހައުލެއް ފޯރުކޮށްދީ، ފަތުރުވެރިން ޝައުގުވެރިކުރުވައި، ރާޅުތަކާއި ތޫފާންތަކުން ރަށްތައް ސަލާމަތްކުރުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މިކަން މިހެން އޮތް ނަމަވެސް ސަރުކާރުން ވަނީ ތިމާވެށި ރައްކައުތެރިކުރުމުގެ މުހިންމު ފަންނީ ވަސީލަތެއް ކަމަށްވާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ މިންގަނޑުތައް ދަށްކޮށް، އަދި ބައެއް މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭ ގޮތަކަށް ގަވައިދުތައް ބަދަލުކޮށްފަ އެވެ. މިކަންކަން މިހެން ކުރުމުގެ އިތުރުން، ސަރުކާރުން ހިންގާ ބިންހިއްކުން ފަދަ ތިމާވެއްޓަށް ގެއްލުން ބޮޑު އެތައް މަޝްރޫއެއް އީއައިއޭ ހެދުމެއްނެތި ފަށައިގެން ކުރިއަށް ގެންގޮސްފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ތިމާވެށި ރައްކައުތެރިކުރުމަކީ މުހިންމު ކަމެއް ނޫންކަމެއް ދޭހަވާ ކިތަންމެ ކަމެއް ސަރުކާރުން ކުރަމުން ގެންދާއިރު، އަނެއްކޮޅުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާއިރު، ބެލުމެއްނެތި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތަޣައްޔަރުވުމާއި ފަރުތަކަށް ލިބޭ ޖިސްމާނީ ގެއްލުންތަކުގެ ސަބަބުން، އެ ފަރުތައް އަމިއްލައަށް އިއާދަވުމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ.
ދުނިޔޭގެ ހޫނުމިން 2 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފިނަމަ، ރާއްޖޭގެ ތިލަ ފަރުތަކުގެ މުރަކަތައް މުޅިންހެން ނެތިގެން ހިނގައިދާނެކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފަ އެވެ.
މާޒީގައި ކުރިމަތިވި ގާ ހުދުވުމުގެ ހާދިސާތަކުން މި ނުރައްކަލުގެ ސީރިއަސްކަން ހާމަވެ އެވެ. އެގޮތުން 1998 ވަނަ އަހަރާއި 2016 ވަނަ އަހަރު ކުރިމަތިވި ގާ ހުދުވުމުގެ ބޮޑު ދެ ހާދިސާގައި ފަރުތަކުގެ މުރަކަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އޭގެ ފަހުން ބައެއް ފަރުތައް ވަނީ އެކި މިންވަރަށް އިއާދަވެފަ އެވެ. ސައިންސްވެރިން އިންޒާރު ދޭ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގާ ހުދުވުމުގެ ހާދިސާތައް ކުރިއަށްވުރެ ގިނައިން އަދި ކުރިއަށްވުރެ ބޮޑަށް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. މީގެ ސަބަބުން އެއް ހާދިސާއާއި އަނެއް ހާދިސާއާ ދެމެދު ފަރުތައް އިއާދަވުމަށް ލިބޭ ވަގުތު މަދުވާނެ އެވެ.
މީގެ ސަބަބުން މަސްވެރިކަމަށް ކުރާނެ ނޭދެވޭ އަސަރުތައް ވެސް ވަރަށް ބޮޑުވާނެ އެވެ. ކަނޑުގެ ލޮނުގަނޑުގެ ހޫނުމިނާއި، އެސިޑިޓީ އަދި އޮކްސިޖަން ހުންނަ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތައް އުޅޭ ސަރަހައްދުތަކާއި އެ ތަކެތީގެ އާބާދީއަށް ބަދަލު އާދެ އެވެ. ކަނޑުމަހުގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަމުގެ އިތުރުން މަސްވެރިކަމުގެ އެހެނިހެން ބާވަތްތަކަކީ ދިވެހިންގެ އިގްތިސާދާއި ސަގާފަތާ ނުހަނު ބޮޑަށް ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން، ފަރުތަކުގެ މާހައުލަށް ލިބޭ ގެއްލުމަކީ ކާނާގެ ރައްކާތެރިކަމާއި، ވަޒީފާގެ ފުރުސަތުތަކާއި، އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީއަށް އޮތް ނުރައްކަލެކެވެ. ވޯލްޑް ބޭންކުގެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކަނޑުގެ ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ.

ޕްލާސްޓިކުން ތަޣައްޔަރުވުން - ރާއްޖޭގެ ކަނޑުތަކުގައި އޮޔާދާ ޕްލާސްޓިކް ފުޅިއާއި ކުނިބުނި | އެލަމީ
ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އޮތީ މިފަދަ ނުރައްކަލެކެވެ. ފަތުރުވެރިން ރާއްޖެ އަންނަނީ މައިގަނޑު ގޮތެއްގައި ރާއްޖޭގެ ގޮނޑުދޮށްތަކާއި، ފަރުތަކާއި، ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ބަލާލުމަށެވެ. ފަރުތައް ހަލާކުވެ، ގޮނޑުދޮށްތައް ގިރައި، ތަޣައްޔަރުވާނަމަ، ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ކުޑަވެދާނެ އެވެ. އެހެންކަމުން، ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ސަބަބުން އާމްދަނީ ދަށްވެ، ވަޒީފާގެ ފުރުސަތުތައް މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކުންޏާއި ކިސަޑުއެޅި ރީތި ފަރެއް ހަލާކުވެފައި | އެލަމީ
ސަރުކާރުން ތިމާވެށި ބެލެހެއްޓުމުގައި ފާޅުގައި އިހުމާލުވަމުން ދިޔަނަމަވެސް ތިމާވެއްޓަށް ކުރިމަތިވެފައިވާ މި ގޮންޖެހުންތަކަކީ މިހާރު އާންމުންގެ މެދުގައި ނުހަނު ކަންބޮޑުވުން އޮތް މައުޟޫއެކެވެ. އެގޮތުން 2026 ވަނަ އަހަރުގެ އޮގަސްޓް މަހު، ރާއްޖޭގެ ތިމާވެށީގެ ހަރަކާތްތެރިން ވަނީ ގޮނޑުދޮށްތައް ގިރުމާއި، ޕްލާސްޓިކުން ތަޣައްޔަރުވުމާއި، އިންތިހާއަށް ތަރައްގީކުރުމުގެ ސަބަބުން ކުޅި ފާތަކާއި ފަރުތަކަށް ލިބޭ ގެއްލުންތަކަށް ސަމާލުކަން ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އައްޑޫ ސިޓީގައި ހިމާޔަތްކޮށްފައިވާ ކުޅި، ފާ ފަދަ ތަންތަނަށް އަސަރުކުރާ ގޮތަށް ބިން ހިއްކާތީ އެކަމާ ދެކޮޅަށް ހަރަކާތްތެރިން އަޑުއުފުލާފައިވާއިރު، މާލެއާއި ހުޅުމާލޭގެ ޒުވާނުން ވަނީ ސާފުކުރުމުގެ ޕްރޮގްރާމްތަކާއި ޕްލާސްޓިކާ ދެކޮޅު ކެމްޕޭންތައް ހިންގާފަ އެވެ.

ރާއްޖޭގެ ރަށެއްގެ ފަޅު ކޮންނަނީ | އެލަމީ
ނަމަވެސް، ތިމާވެށި ހިމާޔަތްކުރުމަކީ ހަމައެކަނި ދޭތެރެއަކުން ގޮނޑުދޮށް ސާފުކޮށްލުމެއް ނޫނެވެ. ރާއްޖެއަށް ބޭނުންވަނީ ތިމާވެށި ރައްކައުތެރިކުރުމަށް ހަރުދަނާ ސިޔާސަތުތަކާއި، ރަނގަޅު ގާނޫނީ އަދި އިދާރީ އޮނިގަނޑަކާއި، ކުނި އެއްކުރުމާއި ރީސައިކަލް ކުރުމުގެ ފުރިހަމަ ނިޒާމަކާއި، ނަޖިސް ފެން ސާފުކުރާނެ ރަނގަޅު ނިޒާމަކާއި، އައްސޭރިފަށުގައި ހިންގާ މަޝްރޫއުތައް ހަރުދަނާކޮށް ކޮންޓްރޯލްކުރުމުގެ އިތުރުން ކަނޑުތައް ތަޣައްޔަރުވާ މިންވަރު ބެލޭނެ ވަރުގަދަ ނިޒާމެކެވެ. ބިން ހިއްކުމާއި، ރިސޯޓް ހެދުމާއި، މިފަދަ ބޮޑެތި މަޝްރޫއުތައް ފެށުމުގެ ކުރިން ހަދާ ތިމާވެށީގެ އަސަރު ބަލާ ރިޕޯޓުތަކަށް (އީ.އައި.އޭ) ހެދުން ހަރުދަނާކޮށް، ފުރިހަމައަށް އަމަލުކުރަން ޖެހެ އެވެ.
ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ، ގެއްލުން ލިބިފައިވާ ފަރުތަކާއި، މަސްމަހާމެހީގެ އާބާދީއާއި، އެހެނިހެން ދިރުންތައް އިއާދަވުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މި ގޮތުން ހިމާޔަތްކޮށްފައިވާ ތަންތަން ރަނގަޅަށް މެނޭޖުކޮށް ބަލަހައްޓަން ޖެހެ އެވެ. އެގޮތުން މައި ސަރުކާރުން ހުރިހާ ކަމެއް ކުރާން އުޅުމުގެ ބަދަލުގައި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ރަށްރަށުގެ ރައްޔިތުންނާއި، މަސްވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ޒުވާނުން ބައިވެރިކުރަން ޖެހެ އެވެ. ތިމާވެށީގެ ސިޔާސަތުތައް ކާމިޔާބުވާނީ، ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުން އޭގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބޭކަން ގަބޫލުކުރެވިގެންނެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރު، އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި، 2100 ވަނަ އަހަރާ ހަމައަށް ދާއިރު ކަނޑުގެ ލޮނުގަނޑު 0.9 މީޓަރަށް އުފުލިދާނެ އެވެ. އަދި ފަރުތައް ހަލާކުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިގްސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. މިފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުމުގެ ނުރައްކާ އޮތް އިރު ގުދުރަތީ ވެށީގެ ވިލުންތެރިކަން ދެމެހެއްޓުމަށް ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ގައުމީ ފެންނަވަރުގައި ގިނަ މަސައްކަތްތަކެއްވަނީ ކުރާން ޖެހިފަ އެވެ.
ރާއްޖެއަށް މިއަދު އޮތް އިޚްތިޔާރު ވަރަށް ސާފެވެ. އިގްތިސާދީ ތަރައްގީ ކުރިއަށް ގެންދަންވާނީ ތިމާވެށި ގުރުބާންކޮށްގެންނެއް ނޫނެވެ. ތިމާވެށީގެ ގާނޫނުތަކާއި ގަވައިދުތައް ކޮށާމަށާ، ހީނަރުކޮށްގެން ވަގުތީ ފައިދާތަކެއް ހާސިލުކޮށްގެންނެއް ނޫނެވެ. ކަނޑުތައް ތަޣައްޔަރުވުމާއި، ކޮންޓްރޯލެއް ނެތް ތަރައްގީއާއި، މޫސުމީ ނުރައްކާތަކުގެ ސަބަބުން ގުދުރަތީ ވަސީލަތްތައް ހަލާކުވަމުންދާނަމަ، އޭގެ ބަދަލު ދައްކަންޖެހޭނީ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އަންނަން އޮތް ޖީލުތަކެވެ. އެހެންކަމުން، ކަނޑުތައް ހިމާޔަތްކުރުމަކީ ހަމައެކަނި ތިމާވެށީގެ ޒިންމާއެއް ނޫނެވެ. އެއީ ގައުމުގެ ދެމިއޮތުމަށާއި، ތަނަވަސްކަމަށާއި، ދިވެހިވަންތަކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.









