ރާއްޖޭގެ ފަޅެއްގައި އާދަޔާޚިލާފު ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި
8 އޯގަސްޓު 2026 | ހޮނިހިރު 07:51ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގެ ފަޅެއްގައި "ދަ އެޑަޕްޓިވް އެޓޯލް" ނަމަކަށް ކިޔާ އާދަޔާ ހިލާފު ރިސޯޓް ކޮންސެޕްޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި. ކަނޑުގެ އަޑީގައި އަޅާފައިވާ ރޭލު ނިޒާމެއްގެ އެހީގައި ދަތުރުކުރާ މި ކިއްލާތަކަކީ އިރުގެ ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ޒަމާނީ އިންޖިނިއަރިންގެ މަޝްރޫއެއް ކަމަށް ބުނޭ. އަމަލީ މަސައްކަތް އަދި ނުފެށޭ މި މަޝްރޫއުގެ ދަށުން ދިގު މުއްދަތުގެ ލީސް އުސޫލުން ފަޅު ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބުނޭ

"ދި އެޑެޕްޓިވް އެޓޯލް" އަކީ 155 އޭކަރުގެ ސާފު، ފުން ފަޅެއްގެ ތެރޭގައި ހިއްކި ބިމެއް ނެތް ގޮތަށް ފަރުމާކޮށްފައިވާ އަމިއްލަ ރަށެއް | އިންސްޓަގްރާމް
ދިވެހިރާއްޖޭގެ ފުން ފަޅެއްގެ ތެރޭގައި ހިމެނޭ 155 އޭކަރުގެ ސަރަހައްދެއްގައި، ދުނިޔޭގެ އެންމެ މުއްސަނދި 1 އިންސައްތަ މީހުންނަށް އަމާޒުކޮށްގެން ތިމާވެއްޓާ ރައްޓެހި "ޑޫމްސްޑޭ ބަންކަރެއް" ނުވަތަ ރައްކާތެރި ކިއްލާއެއްގެ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެއް 450 މިލިއަން ޑޮލަރަށް ވިއްކަން ހުޅުވާލައިފި އެވެ.
ނަމަވެސް މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މިއީ އަދި އަމަލީ ގޮތުން ބިނާކޮށްފައިވާ ތަނަކަށް ނުވުމެވެ.
"ދަ އެޑަޕްޓިވް އެޓޯލް" ގެ ނަމުން ނަންދީފައިވާ މި ރިސޯޓް ކޮންސެޕްޓަކީ، ކަނޑުގެ އަޑީގައި އަޅާފައިވާ ރޭލު ނިޒާމެއްގެ އެހީގައި ދަތުރުފަތުރުކުރާ، އަދި ބޭނުންވާ ގޮތަކަށް ބަދަލުކޮށްލެވޭ "މަދަރ-ޝިޕް" "ކިއްލާތަކެއް" ހިމެނޭ ތަނެކެވެ. ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަނަކީ ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރެއްގެ މައްޗަށް އިމާރާތް އުސްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، ޒަމާނީ އިންޖިނިއަރިންގެ ފުރިހަމަ ނަމޫނާއެކެވެ.

މިއީ މުސްތަޤުބަލަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ، ކަނޑުގެ ލެވެލް އުފުލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކޮންސެޕްޓެއް | ޕްރައިވެޓްއައިލެންޑްއިންކް
މި މަޝްރޫއު އިސްތިހާރުކުރާ "ޕްރައިވެޓް އައިލެންޑްސް އިންކް" ގެ ވެބްސައިޓުގައިވާ ގޮތުން، މި އާދަޔާ ހިލާފު ކޮންސެޕްޓުގެ ސަބަބުން ކަނޑު އުފުލުގެ ސަބަބުން އަޑިއަށް ދިއުމުގެ ބިރުން ސަލާމަތްވެވޭނެ އެވެ. އަދި މިއީ ޔަގީންކަމެއް ނެތް ދުނިޔެއެއްގައި ދާއިމީ ހައްލެއް ލިބިގެންދާނެ ފަދަ ޓެކްނޮލޮޖީއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. "ޕްރައިވެޓް އައިލެންޑްސް އިންކް" ގެ ބާނީ ކްރިސް ކްރޯލޯ އެމެރިކާގެ "ނިއުޔޯކް ޕޯސްޓް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، "ދަ އެޑަޕްޓިވް އެޓޯލް" އަކީ ރިސޯޓާއި ބިމާ އޮންނަ ގުޅުން ކަނޑާލައިގެން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލެއް ކަމަށެވެ. އޭނާގެ ކުންފުނިން މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 1،000 ރަށް ވިއްކުމަށް ނުވަތަ ކުއްޔަށް ދިނުމަށް އިސްތިހާރު ކުރެ އެވެ.

މި ރިސޯޓަކީ "ޔަގީންކަމެއް ނެތް ދުނިޔެއެއްގައި ދާއިމީ ހައްލެއް" ކަމަށް ބުނެ އިޝްތިހާރު ކުރަމުންދާ ތަނެއް | ޕްރައިވެޓްއައިލެންޑްއިންކް
ގިރަމުންދާ ދޮންވެލި ފަސްގަނޑެއްގެ ބަދަލުގައި، މި ރަށް ބިނާކޮށްފައިވަނީ ފަޅުގެ އަޑީގައި ހަރުކޮށްފައިވާ، ބިންހެލުންތަކަށް ކެތްކުރާ ފަދަ ވަރުގަދަ ރޭލު ނިޒާމެއްގެ މައްޗަށެވެ. ފެންނަން ނޯންނަ މި ރޭލު ދަގަނޑުތަކުގެ އެހީގައި، މޫދުގައި ހަދާފައިވާ ކޮޓަރިތައް (ސުއީޓްސް) އެއްވެސް އަޑެއްނެތި ފެންމަތިން ދަތުރުކޮށް، އިރުގެ ހަކަތައިން ހިންގާ ބޮޑެތި ބިނާތަކާ ގުޅާލެވެ އެވެ.
މި މަޝްރޫއުގެ އަގަކީ 450 މިލިއަން ޑޮލަރު ކަމަށް އަންދާޒާކޮށްފައިވާއިރު، އަދި އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެ އެވެ. ނަމަވެސް، ކްރޯލޯ ބުނާ ގޮތުގައި މިކަމަށް ބޭނުންވާ ޓެކްނޮލޮޖީއަކީ މިހާރުވެސް ކަނޑުގެ އަޑީގެ ބޮޑެތި އިންޖިނިއަރިން މަސައްކަތްތަކުގައި ބޭނުންކުރާ، އިތުބާރު ހުރި ވަރުގަދަ ނިޒާމެކެވެ.
އިންޑިއާ ކަނޑުގެ ނޫ ފެންގަނޑެއްގެ ތެރޭގައި ހިމެނޭ 155 އޭކަރުގެ މި ސަރަހައްދަކީ ދިވެހިރާއްޖޭގައި ހަގީގަތުގައިވެސް އޮތް ފިޒިކަލް ސައިޓެއް ކަމަށް ބުނެފައިވެ އެވެ. މިތަނުގެ ބިމުގެ މިލްކުވެރިޔަކަށް ވާނީ ދިވެހި ސަރުކާރު ކަމަށާއި، މި ތަން ގަންނަ ފަރާތަކަށް ލިބިގެންދާނީ ދިގު މުއްދަތުގެ ލީސް އުސޫލުން އެ ފަޅު ބޭނުންކުރުގެ ހައްގު ކަމަށް ވެސް ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ޕްލޭންގައިވާ ގޮތުން، ދާއިމީ 10 "ކިއްލާ" ބިނާކުރެވޭނެ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި 30 ނުވަތަ އެއަށްވުރެ ގިނަ ކޮޓަރި މީގެ ތެރެއަށް އިތުރުކުރެވޭނެ އެވެ. "މަދަރ-ޝިޕް" ގެ ނަމުން ނަންދީފައިވާ މި ބޮޑު ކިއްލާއަކީ މުޅި ރަށަށް ބޭނުންވާ ކަރަންޓު 100 އިންސައްތަ އިރުގެ ހަކަތައިން ފޯރުކޮށްދޭނެ މަރުކަޒެވެ.










