ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ
23 އޯގަސްޓު 2026 | އާދީއްތަ 10:03ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި އާދަމް އަދްލާންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ގެނެސްފި. މި މައްސަލައިގައި ދައުވާ ކުރިއަށް ނުގެންދަން ނިންމީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު، ކުށް ސާބިތުވިޔަސް އިތުރު އަދަބެއް ތަންފީޛުކުރަން ނުޖެހޭނެތީ


ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް ޕީޖީން އަނބުރާ ނަގައިފި | ޕޮލިސް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ވިއްކައި ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ތ. ވިލުފުށި، މޫނިމާގެ، އާދަމް އަދްލާން ލަތީފްގެ މައްޗަށް އުފުލި ދައުވާތައް ކުރިއަށް ނުގެންގޮސް އަނބުރާ ގެންނަން ނިންމީ އެކަށީގެންވާ ހެކިނެތިގެންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
މި މައްސަލައިގައި އަދްލާންގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ނިންމީ، އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނުވާތީ އެވެ.
މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދިވެހި ފުލުހުންގެ ޚިދުމަތުން ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައިވަނީ 2026 މޭ 5 ވަނަ ދުވަހު އެވެ.
މައްސަލައިގެ ލިޔުންތައް ދިރާސާކުރުމަށްފަހު، ދައުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ނެތް ކަމަށް ފެންނާތީ ޕީޖީ އޮފީހުން ފުރަތަމަ ނިންމީ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލުމަށެވެ. ނަމަވެސް، ފުލުހުން އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދުމުން، ދައުވާކުރުމުގެ ޤާނޫނީ މުއްދަތު ހަމަވެދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 2026 މޭ 19 ގައި އަދްލާންގެ މައްޗަށް ދެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ.
އަދްލާންގެ މައްޗަށް އޭރު އުފުލާފައިވަނީ ޤާނޫނުލްއުޤޫބާތުގެ 246 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ކޮމްޕިއުޓަރ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާއާއި، 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
އެހެންނަމަވެސް، ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު އިތުރަށް މުރާޖައާކުރިއިރު، އޭނާގެ މައްޗަށް ކުރެވުނު މައިގަނޑު ތުހުމަތު ކަމަށްވާ ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކައި ވިޔަފާރިކުރިކަން ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގިނަ އަދަދެއްގެ ޑިޖިޓަލް ޑިވައިސްތަކެއް ގެންދިޔަ ނަމަވެސް، އޭގެ ތެރެއިން ގިނަ ތަކެއްޗަކީ އަދްލާން ޒިންމާކުރުވޭނެ ފަދަ ހެކި ހުރި ތަކެއްޗެއް ނޫނެވެ. އަދި އޭނާއާ ގުޅުންހުރި ޑިވައިސްތަކުން އޮރިޔާން ކާޑު ފެނުނު ކަމުގައިވިޔަސް، އެއީ ކުޑަކުދިންގެ އޮރިޔާން ކާޑުކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ، ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި އަދްލާންގެ މައްޗަށް ކުރިއަށްގެންދެވެން އޮތް ހަމައެކަނި ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. ނަމަވެސް އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށްވެފައި، އަދްލާން މިހާރުވެސް ތަޙުޤީޤު މަރުޙަލާގައި 28 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، ދައުވާ ސާބިތުވިޔަސް އޭނާ އިތުރަށް ތަންފީޛުކުރަންޖެހޭނެ އަދަބެއް ނޯންނާނެ އެވެ.
އެހެންކަމުން، ދައުވާ ކުރިއަށްގެންދިއުމުގެ މަޞްލަޙަތެއް ނެތް ކަމަށް ފެންނާތީ ޕީޖީން ވަނީ އެ ދައުވާތައް ކޯޓުން އަނބުރާ ގެނެސްފަ އެވެ.











