މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި
19 އޯގަސްޓު 2026 | ބުދަ 06:50މޭ 6 ގެ ހަމަލާއާ ގުޅިގެން ދައުވާލިބޭ އަލީ ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ކްރިމިނަލް ކޯޓުން ނަގައިފި. މި މައްސަލައިގެ ތަހުމީނާއި ނާޒިމްގެ ދިފާއީ ހެކިބަސް ނަގައި ނިމިފައިވާއިރު، ހަމަލާއަށް ފަންޑުކުރި މީހުންގެ ތަހުގީގު އަވަސްކުރުމަށް ޕީޖީން ވަނީ ފުލުހުންނަށް އަންގާފައި


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވަނީ | ޕޮލިސް
2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލައިގައި، ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށްފަހު، ދައުވާލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ކްރިމިނަލް ކޯޓުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ މި މައްސަލައިގައި ދައުވާލިބޭ އަލީ ހައިޝަމްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ހައިޝަމްގެ ފަރާތުން ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް މި އަޑުއެހުމުގައި ވަނީ ނަގާފަ އެވެ.
މި އަޑުއެހުމުގައި ހެކިބަސް ދިން މީހުން މައިގަނޑު ގޮތެއްގައި ވާހަކަދައްކާފައިވަނީ ހާދިސާ ހިނގި ދުވަސްވަރު އަލީ ހައިޝަމް އުޅުނު ތަންތަނާއި އޭނާގެ ހަރަކާތްތައް ހުރި ގޮތުގެ މައްޗަށެވެ. މީގެ އިތުރުން އޭނާގެ މިޒާޖާއި އުޅުމާ ގުޅޭގޮތުން ދިފާއުން ސާފުކޮށްދޭން ބޭނުންވި ބައެއް ކަންކަމާ ގުޅޭގޮތުންވެސް ހެކިން ވަނީ މައުލޫމާތު ދީފަ އެވެ.
މިއީ ހާދިސާ ހިނގި ވަގުތު އޭނާ ހުރި ތަނާއި އޭނާގެ މޫވްމަންޓުތައް ސާފުކޮށްދިނުމަށް ދިފާއުން ހުށަހެޅި ހެކިތަކެކެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި، ދައުވާލިބޭ ތަހުމީނު އަހުމަދާއި މުހައްމަދު ނާޒިމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައި ވަނީ ނިންމާލާފަ އެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ މައްސަލައިގައި ދެން ހިމެނޭ މީހުންގެ ދިފާއީ ހެކިބަސް ނެގުމުގެ މަސައްކަތްތަކެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މަޖީދީމަގުގައި އައިއީޑީއެއް ގޮއްވާލައިގެން ދިން މި ހަމަލާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ ސޮފްއަތު ހަބީބެވެ.
މި މައްސަލައާ ގުޅޭ ހާދިސާއަށް ގިނަ އަހަރުތަކެއްވަމުންދާއިރު، މި ހަމަލާއަށް ފަންޑު ކުރި މީހުންގެ ބައިގެ ތަހުގީގު އަވަސްކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ޕީޖީއިން ފުލުހުންނަށް ވަނީ ދާދި ފަހުން އަންގާފައެވެ. ޕީޖީ އޮފީހުން ބުނީ ޓެރަރިޒަމްގެ މި އަމަލަށް ފައިނޭންސް ކުރި މީހުންގެ ބައިގެ ތަހުގީގު އަވަސްކޮށް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޕީޖީ އޮފީހަށް އެކަން ހުށަހެޅުމަށް އެދި 8 އޭޕްރީލް ގައި ފުލުހުންނަށް ލަފާ ދީފައިވާ ކަމަށެވެ.











