ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ
10 އޯގަސްޓު 2026 | ހޯމަ 05:55ސިއްރުން ރަން އެތެރެކުރި މައްސަލައިގައި އެއް އަހަރަށް ޖަލަށްލައި، ރަންތައް ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސްރީލަންކާގެ ރައްޔިތަކު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި. އޭނާގެ ފަރާތުން އެދިފައިވަނީ ކުށުގެ އުންސުރުތައް ފުރިހަމަނުވާތީ ހުކުމް ބާތިލްކޮށް، އަތުލައިގަތް 2.2 ކިލޯގެ ރަން އަނބުރާ ރައްދުކޮށްދިނުމަށް. މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން މިހާރު ވަނީ ފަށާފައި


މި މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން | ރާއްޖެ އެމްވީ
ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މުހައްމަދު ސުލައިމްހާން ރާއްޖެއަށް ސިއްރުން ރަން އެތެރެކުރި މައްސަލައިގައި ކުށްވެރިކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށް، މައްސަލައިގެ އަޑުއެހުންތައް ފަށައިފި އެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ އޮކްޓޯބަރު މަހު ހުކުމްކުރީ އޭނާ އެއް އަހަރަށް ޖަލަށްލުމަށާއި ސިއްރުން އެތެރެކުރި މުދާ ކަސްޓަމްސްއަށް ނެގުމަށެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އޭނާގެ ފަރާތުން އެދިފައިވަނީ ރަންތައް އަނބުރާ ރައްދުކޮށްދިނުމަށާއި އޭނާ މިނިވަން ކޮށްދިނުމަށެވެ.
އޭނާ ރާއްޖެއަށް ރަން އެތެރެކުރިކަން އެނގުނީ ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަގެޖު ސްކޭން ކޮށްގެން ނުކުންނަށް ދަނިކޮށް ކަސްޓަމް އޮފިސަރުން އޭނާ ހުއްޓުވައި ސުވާލުކޮށް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
އޭނާގެ ދަބަސް ބަލައިފާސްކުރިއިރު ދުބާއީން އޭނާ ރަން ގަނެ ރަން ޑިކްލެއަރ ކޮށްފައިވާކަމަށް ފެނުނު ލިއުންތަކާ ގުޅިގެން އޭނާގެ ހަށިގަނޑު ސްކޭންކޮށް ބެލުމުން އެ ރަންތައް ވަނީ ފެނިފަ އެވެ. އެގޮތުން އޭނާގެ ހަށިގަނޑު އިތުރަށް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސުގެ ޖީބުތަކުންނާއި ލައިގެންހުރި ބޮކްސާތެރެއިން 2252 ގްރާމްގެ ރަން ވަނީ ފެނިފަ އެވެ.
އިސްތިއުނާފުގައި ސުލައިމްހާން ބުނާގޮތުގައި މި މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައި ނުވެ އެވެ. އަދި ކުށުގެ އުންސުރުތައް ފުރިހަމަ ނުވާކަމަށް ވެސް އޭނާގެ ފަރާތުން ބުނެ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އޭނާ މިނިވަންކޮށްދިނުމަށް އޭނާގެ ފަރާތުން ވަނީ އެދިފަ އެވެ. އަދި އެ ރަންތައް އަނބުރާ ދިނުމަށް ޙުކުމްކޮށްދިނުމަށް ވެސް އޭނާ އެދެއެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ޝަނީޒް އަބްދުއްލާއާއި ފަނޑިޔާރު އަލްއުސްތާޛު ހުސައިން މަޒީދު އަދި ފަނޑިޔާރު އަލްއުސްތާޛާ ހުޒައިފާ މުހައްމަދު އެވެ.









