ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
24 ޖުލައި 2026 | ހުކުރު 07:10ވައިގެމަގުން ރާއްޖެއަށް އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖެމެއިކާ މީހަކާއި ދިވެއްސަކު 15 ދުވަހަށް ވަނީ ބަންދުކޮށްފައި. ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކުރި ނަމަވެސް، އޭގެ ތެރެއިން އެކަކު ކޯޓުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައި


ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން | މޯލްޑިވްސް ޕޮލިސް ސާރވިސް
ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކުރި ނަމަވެސް އެކަކު ޝަރުތުތަކާއެކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއްކަމުގައިވާ އެންޑްރޫ ލޮއިޑް ކޯބިން (53އ) އާއި ނޯރައިޓްގެ / ނ. ޅޮހި، އިބްރާހީމް އަތޫފް (20އ) އާއި އިތުރު ދިވެއްސެއް ކަމަށެވެ.
އެ މީހުންގެ ތެރެއިން އެންޑްރޫ ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެންނެވެ.
މީގެ އިތުރުން އަތޫފް އާއި އަނެއް މީހާ ހައްޔަރުކޮށްފައިވަނީ އެންޑްރޫއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުލައި 20 ވަނަ ދުވަހު ހުޅުމާލެއިން ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން އެންޑްރޫ އާއި އަތޫފް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް މީހާއަށް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އަދި އެމީހާގެ ވަނަވަރު ފުލުހުން ހާމަ ކޮށްފައިނުވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.









