ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި
13 އޯގަސްޓު 2026 | ބުރާސްފަތި 13:35ލ. މުންޑޫ، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި މުޙައްމަދު ޝަނޫންގެ މައްޗަށް އިއްވި މަރުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފި. މި މައްސަލައިގައި ދެން ދައުވާލިބޭ އަލީ ސިފާމްގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި. މި ހާދިސާ ހިނގީ ބަނގުރާ ބޯން ތިބުމުގެ ތެރޭގައި އުފެދުނު ދެބަސްވުމެއް މާރާމާރީއަކަށް ބަދަލުވެގެން


މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ، އަލީ ސިފާމްގެ މައްޗަށް | ރާއްޖެއެމްވީ
ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ލ. މުންޑޫއަށް ނިސްބަތްވާ މުޙައްމަދު ޝަނޫންއަށް އިއްވި މަރުގެ ހުކުމް ދަމަހައްޓައިފި އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން ދައުވާ އުފުލީ ލ. މުންޑޫއަށް ނިސްބަތްވާ މުހައްމަދު ޝަނޫންއާއި އަލީ ސިފާމްގެ މައްޗަށެވެ. ދެމީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ހުށައަޅާފައިވާ ހެކިތަކާ ހަވާލާދީ ޝަރީއަތުން ފާހަގަކޮށްފައިވާ ގޮތުގައި، ޒިޔަދަމްއާއި ސިފާމް އަދި ޝަނޫންއަކީ ވެސް އެއްކޮށް އުޅުނު 3 މީހުންނެވެ. މި ހާދިސާ ހިނގި ރޭ އެމީހުން އެއްކޮށް ތިބީ ބަނގުރާ ބޯން ކަމަށާއި، ހަމަނުޖެހުން އުފެދެން މެދުވެރިވީ ޒިޔަދަމް ސިފާމްގެ ކޮށްކޮއާ ގުޅޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެންކަން ޝަރީއަތުން ހެކިތަކާ ހަވާލާދީ ފާހަގަ ކުރެއްވިއެވެ.
އެވަގުތު ޒުވާބު ކުރުމުގެ ތެރޭގައި އަލީ ޒިޔަދަމްއާއި ސިފާމްއާ ދެމެދު މާރާމާރީ ހިނގަން ފެށުމުން، ޝަނޫން ވެސް އައިސް ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގާފައިވެ އެވެ. އަދި ޝަނޫން ވަނީ ތިލައިގައި 8 އިންޗި ހުންނަ ވަޅިއެއް ޒިޔަދަމްގެ ބުރަކައްޓާއި ފަޔަށް ހަރާފަ އެވެ. އެހިސާބުން، ޒިޔަދަމް ދުވެފައި ގޮސް އެރަށު ވަގުތީހިޔާގޭގެ ބަދިގެއަށް ވަދެ ދޮރު ލެއްޕުމުން ވެސް ޝަނޫންއާއި ސިފާމް ވަނީ އައިސް އޭނާއަށް ހަމަލާދީ މާރާމާރީ ހިންގާފަ އެވެ.
އެހެންނަމަވެސް، އެ މާރާމާރީގައި ސިފާމް ބައިވެރިވިނަމަވެސް، އޭނާ ޒިޔަދަމްއަށް ވަޅިން ހަމަލާދިންތަން ފެނުނުކަމަށް އެއްވެސް ހެކިވެރިއަކު ހެކިބަސް ދީފައެއް ނުވެ އެވެ. ބަދިގޭގައި ހުރިއިރު އޭނާ އަތުގައި ވަޅިއެއް އޮތްތަން ފެނުނު ކަމަށް ބުނުން ފިޔަވައި، އެ ބަހަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނެތެވެ.
އޭގެ ތެރެއިން ޝަނޫންގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނިންމާފަ އެވެ.
އެހެންނަމަވެސް، ސިފާމްގެ މައްޗަށް އެ ކުށް ސާބިތު ކުރެވޭ މިންވަރަށް ކުށުގެ ރުކުންތައް ދައުލަތުން ސާބިތުކޮށްދެވިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއަށް ބަލާއިރު، ދައުވާ އުފުލާފައިވާ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތްނަމަވެސް، ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ރުކުންތައް ސާބިތުވާނަމަ، އެ ކުށެއް އޭނާގެ މައްޗަށް ސާބިތުވާކަމަށް ނިންމިދާނެ ކަމަށެވެ.
އެގޮތުން ބަލާއިރު، ސިފާމް ވެސް މި އަމަލު ހިންގުމުގައި އެހީތެރިވެފައިވާކަމާއި ޒިޔަދަމްއާއި މަރާމާރާރީ ހިންގުމުގެ އިތުރުން، އޭނާ މަރުވެގެން ދިޔަ އަމަލުތައް ހިންގުމުގައި މަގުފަހި ކޮށްދީފައިވާކަން ޝަރީއަތަށް ހުށައެެޅިފައިވާ ހެކިތަކުން ސާބިތުވާކަމަށް ގާޒީ ވިދާޅުވި އެވެ. ވުމާއެކު، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ގާޒީ ނިންމެވި އެވެ.
ޝަނޫންއަށް ކްރިމިނަލް ކޯޓުން ވަނީ މަރުގެ އަދަބު އިއްވާފަ އެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޒިޔަދަމްގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައިވާތީ އެވެ.
ޝަނޫންއަށް މި މައްސަލައިގައި އިއްވި މަރުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ.











