ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު
23 އޯގަސްޓު 2026 | އާދީއްތަ 07:56ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މަޖިލީހުގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުން ހުރަސްއަޅާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް. އަދި މިހާރު ގެންނަ ބަދަލުތަކަކީ ރަށްރަށުގެ ބާރުތައް ފޭރިގަތުން ކަމަށް ކުރާ މަސައްކަތެއް ކަމަށް މެންބަރު ޒިޔާދު ވިދާޅުވި


ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ | މަޖިލިސް
ލާމަރުކަޒީ ގާނޫނާއި ނާލާފުށީ ފަގީރަށް ގެރި ދިން ގޮތާ ކުޑަ ވެސް ތަފާތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަމުން މެންބަރު ޒިޔާދު ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރަށްރަށުގެ ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް މިހާރު ސަރުކާރުން ނިގުޅައިގަނެ، އެ މަސައްކަތް ފުޅާ ކުރަމުންދާ ކަމަށެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން އެކި ނަންނަމުގައި ހިންގަމުން އައި ނަމަވެސް، ލާމަރުކަޒީ ނިޒާމަކީ އަތޮޅުތެރޭގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ހޯދި ބާރެއް ކަމަށެވެ. އަދި މި ހައްގު ރައްޔިތުންގެ އަތުން ފޭރިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
މެންބަރު ޒިޔާދު ސިފަކުރެއްވި ގޮތުގައި މިއަދު ލާމަރުކަޒީ ގާނޫނު އޮތީ ނާލާފުށީ ފަގީރަށް ގެރި ދިން ފަދަ ގޮތަކަށެވެ.
މި ގާނޫނުއަސާސީ މިހެން އޮއްވާ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނެއް ހެދީ، އޭގެ ފަހުން ޕީއެންސީ ވެސް އެކިއެކި ނަންނަމުގައި ވެރިކަންކުރަމުން މިއަދާ ހަމައަށް މި އޮތް. އިއްޒަތްތެރި ރައީސް، ތީ މިއީ ރާއްޖެތެރޭގެ ރައްޔިތުންނަށް މި ބާރު ހޯދައިދޭން އޭރުގައި އެންމެ މަސައްކަތްކުރެއްވި އެއް ބޭފުޅާ. އޭރުގައި މާލޭގައި ތައުލީމު ހާސިލުކުރުން އައި އުޅުއްވިއިރު އެނގޭނެ، އިހުސާސްކުރެވޭނެ އުޅުނު ހާލު. ހަމަ އެހެން އޭދަފުށީ ދާއިރާގެ މެންބަރު މި ހައްގު ރާއްޖެތެރޭގެ ރަށްރަށުގެ ރައްޔިތުންނަށް ލިބުނީމާ އެ ފޭރިގަނެގެން މިއަދު އެތާނގައި މިއީ ފަޚުރުވެރި ދުވަހެކޭ މިތާ އަޅުގަނޑުމެން ދެއްކީމަ ކާކުތޯ އަޅުގަނޑުމެންނަށް އިހުތިރާމުކުރާނީ؟ މީގައި ރަށްރަށުން ކައުންސިލުތަކުން އެބަ ޖެއްސުންކުރޭ، އުނދަގޫކުރޭ. ކުރާނެ. ކޮންމެ ގާނޫނެއްގެ ފަހަތުގައި އެބައޮތް އެއާ އަމަލުނުކޮށްފިއްޔާ ހަދާނެ ގޮތް. މީގައި ވެސް އެބައޮތް. މިދިޔަ އަހަރު ތި ބޭފުޅުން ގާނޫނަށް އިސްލާހުކުރީ އެލްޖީއޭއިންނޭ ބިމާ ބެހޭގޮތުން ގޮތުން ގޮތް ނިންމާނީ. ރަށްރަށުގައި ގޯތި ދޭން އޭރުގައި ވެސް އަންނަނީ އަތޮޅުވެރިން. މިއަދު މިހެން މި ހަދަނީ އިއްޒަތްތެރި ރައީސް. ލާމަރުކަޒީ ގާނޫނެކޭ މިއަދު ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ، ކުޑަވެސް ތަފާތެއް ނެތްހުސައިން ޒިޔާދު
މީގެ އިތުރުން ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުން ހުރަސްއަޅާ ކަމަށް ދެކެވޭ ވާހަކަތަކަށް މެންބަރު ޒިޔާދު ވަނީ ވަރަށް ވަރުގަދަ ރައްދެއް ދެއްވާފަ އެވެ.
އެގޮތުން ދިއްދޫ އެއަރޕޯޓާއި އައްޑޫ ބްރިޖާއި ކުރިނބީގެ ނަރުދަމާގެ އިތުރުން ވައިކަރަދޫ ދަނޑުގައި ޓާފު އެޅުން ފަދަ މަޝްރޫއުތައް ނުނިމި ލަސްވަނީ ކޮން ކައުންސިލަކުން ހުރަސްއަޅައިގެންތޯ މެންބަރު ޒިޔާދު ސުވާލު އުފެއްދެވި އެވެ. އަދި ރަށްރަށުގެ ބިންތަކަކީ އަބަދުވެސް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ހުޅުވާލެވިފައިވާ ތަންތަން ކަމަށް ވެސް ވިދާޅުވި އެވެ.
މީގެއިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހަށް އިޝާރާތްކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، އެ ބަދަލަކީ މަޖިލިސް އަޅުވެތިކޮށް، ރަށްރަށަށް ލިބިފައިވާ ބާރުތައް ނިގުޅައިގަތުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ ބަދަލުތައް އަނބުރާ ގެންދިއުމަށް މެންބަރު ޒިޔާދު ވަނީ ގޮވާލައްވާފަ އެވެ.











