ރާއްޖެ އިން ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދޭނެ ކަމަށް ބުނުމަށް ފަހު، މިހާރު އެ ދެނީ ނ. އަތޮޅުން އެއްބައި: ޒިޔާދު
22 އޯގަސްޓު 2026 | ހޮނިހިރު 07:35މެންބަރު ޒިޔާދު ވިދާޅުވީ ޓައުންޝިޕްގެ ސަބަބުން އެސްއީޒެޑްގެ ގާނުނަށް ގެނައި ބަދަލުތަކުން ރާއްޖޭގައި ވަޒަންވެރިވުމަށް އަންނަ ބޭރު މީހުން ދައުލަތަށް ޓެކްސް ދައްކާކަށް ނުޖެހޭ ކަމަށް. އަދި އެ މީހުން ރައްޖޭގައި ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި


ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު | ރާއްޖެ އެމްވީ
ދިވެހިރާއްޖެ އިން ވެލި ފުކެއް ވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް މި ސަރުކާރުން ބުނުމަށް ފަހު، ޓައުންޝިޕްގެ މަޝްރޫއު އަށް އެ ދެނީ ނ. އަތޮޅުން އެއް ބައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޓީވީޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ ޓައުންޝިޕްގެ މަޝްރޫއު އަށް ނ. އަތޮޅުން ބައެއް އަދި ލ. އަތޮޅުން ބައެއް ދިނުމަކީ ރާއްޖޭގެ ގައުމިއްޔަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
މެންބަރު ޒިޔާދު ވިދާޅުވީ ޓައުންޝިޕްގެ ސަބަބުން އެސްއީޒެޑްގެ ގާނުނަށް ގެނައި ބަދަލުތަކުން ރާއްޖޭގައި ވަޒަންވެރިވުމަށް އަންނަ ބޭރު މީހުން ދައުލަތަށް ޓެކްސް ދައްކާކަށް ނުޖެހޭ ކަމަށެވެ. އަދި އެ މީހުން ރައްޖޭގައި ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
މިގޮތުން ދިވެއްސަކު ހިޔާ ފުލެޓަކަށް ފައިސާ ދައްކާ ނިމޭ އިރު ދައުލަތަށް 5 އިންސައްތަ އާއި 8 އިންސައްތައިގެ އިންޓްރެސްޓް ދައްކަން ޖެހޭ ކަމަށް ފާހަގަ ކުރައްވާ، މެންބަރު ޒިޔާދު ވިދާޅުވީ ޓައުންޝިޕްގައި ދިރިއުޅޭ މީހުންގެ އަތުން ނަގަން ހަމަޖެހިފައިވަނީ އެއް އިންސައްތަ ކަމަށެވެ.
ދިވެއްސަކު ހިޔާ ފުލެޓަށް މި ދައްކަންޖެހެނީ 25000 ޑައުން ޕޭމަންޓް. ޖުމްލަ ގޮތެއްގައި ގަނެ ނިމޭއިރު އިންނާނެ އަށް ޕަސެންޓް ފަސް ޕަސެންޓްގެ އިންޓްރެސްޓް. އެކަމަކު ބޭރު މީހާއަށް އެއް ޕަސެންޓް. ބޭރު މީހާއަށް ބޭނުން ކަމެއް އެތާ ކުރެވޭ. އެއްވެސް ޓެކްސް އަކަށް އެމީހުން ފޯލް އެއް ނުވޭހުސައިން ޒިޔާދު
މެންބަރު ޒިޔާދު ވިދާޅުވީ ނ. އަތޮޅުގައި ހުންނަ ރިސޯޓުތަކަށް ލިބޭ ކޮންމެ 100 ޑޮލަރަކުން 40 ޑޮލަރު ދައުލަތައް ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް ޓައުންޝިޕުން ސަރުކާރަށް ދައްކަންޖެހެނީ 100 ޑޮލަރުން ހަމައެކަނި ދެ ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ނ. އަތޮޅަކީ ރާއްޖޭގެ އެންމެ ލަގްޒަރީ އެއް އަތޮޅު. ޖެހިގެން އޮތް ޝިޔާމް ވޯލްޑް އަށް ދައްކާ ކޮންމެ 100 ޑޮލަރަކުން 40 ޑޮލަރު އެބަ ދައްކަންޖެހޭ ދައުލަތަށް. މި މީހުން ދައްކަން ޖެހެނީ 2 ޑޮލަރުހުސައިން ޒިޔާދު
މެންބަރު ޒިޔާދު ވިދާޅުވީ ނ. އަތޮޅު ފަދަ ޓޫރިޒަމްގެ ވިޔަފާރި ފުޅާ އަތޮޅެއްގައި މި މަޝްރޫއު ހިންގުމަށް ވުރެ ޓޫރިޒަމްގެ ދާއިރާ އިން ދަތިތަކާ ކުރިމަތިލާ އަތޮޅުތަކުގައި މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމުން ރައްޔިތުންނަށް މާ ބޮޑަށް ފައިދާ ވާނެ ކަމަށެވެ.
ނަމަވެސް މިފަދަ ބޮޑު ލުއިތަކާ އެކު ދިވެހިރާއްޖޭގައި ބޭރުގެ ބަޔަކު ވަޒަންވެރި ކުރުމުން އެނގިގެން ދަނީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ދަށްވެފައިވާ މިންވަރު ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނ. އަތޮޅު ދިގުފަރުގައި އަލްޓްރާ ލަގްޒަރީ ރިސޯޓްތަކެއް ގާއިމު ކުރުމަށް މަޝްރޫއުގެ މަސައްކަތްތައް ވަނީ ހަވާލުކޮށްފަ އެވެ. އަދި ދައުލަތަށް މި ރިސޯޓުތަކުން ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި އަހަރަކު 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިގެންދާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
ނަމަވެސް މި ހިނގާ ސަރުކާރުން އެސްއީޒެޑްގެ ގާނޫނަށް ގެނައި ކުއްލި ބަދަލާ އެކު މި މަޝްރޫއަށް ވަނީ ސަސްޓައިނަބަލް ޓައުންޝިޕްގެ ދަރަޖަ ދީފަ އެވެ. އަދި ގާނޫނަށް ގެނަސްފައިވާ އިސްލާހުތަކުގެ ސަބަބުން ޓައުންޝިޕްގައި ވަޒަންވެރިވެ އުޅޭ ބޭރު މީހުންނަށް އެތައް ބައިވަރު ލުއިތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ސަރުކާރަށް މި ކަމުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފަ އެވެ.











