ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު
20 އޯގަސްޓު 2026 | ބުރާސްފަތި 13:03ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ހޯދުމަށް ސަރުކާރުން ތައްޔާރުކުރި ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ބިރުދައްކަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި. މިފަދަ އަމަލުތަކުގެ ސަބަބުން ސަރުކާރަށް އޮތް ތާއީދު އޮޅި، އޭގެ ގެއްލުން ލިބޭނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ވިދާޅުވި


ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނަށް ސޮއި ކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު | އެމްޑީޕީ ސެކްރިޓޭރިއެޓް
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ ބިލާ އެއްކޮޅަށް ސަރުކާރަށް ތާއީދު ކުރާ ކަމަށް ބުނާ މީހުން ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރާ ފަރާތްތައް ކަމަށް ބުނާ މީހުން ތައްޔާރުކޮށްފައިވާ މި ޕެޓިޝަނުގައި ސޮއި ކުރުމަށް އެސްއޯއީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމަށާއި ރަށްރަށުގައި ތިބި އެސްއޯއީތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށެވެ.
ކަމެއްގައި ތާއީދު އޮތް ކަން ދައްކަން އާންމު ރައްޔިތުންނަށް ބިރު ދައްކައިގެން ސޮއި ހޯދާ ނަމަ، އެކަމުގެ ގެއްލުން ކުރާނީ ސަރުކާރަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން، މިހެން ކަންތައް ކުރުމުން ތާއީދު އޮތް މިންވަރު ސަރުކާރަށް އޮޅޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ބިންތައް ކެބިނެޓުގެ ނިންމުމަކަށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންދަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އީ - ޕެޓިޝަނަށް 2140 އަށް ވުރެ ގިނަ މީހުންގެ ސޮއިކޮށްފައިވެ އެވެ. މިކަމާއި ގުޅިގެން އެއް މައްސަލައަކާ ގުޅޭގޮތުން އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކޮށް، މަޖިލީހުން ވަނީ ފާސްކޮށްފައި އެވެ. އަދި ސަރުކާރުން ވަނީ ހަމަ މި ބިލާއި އެއްކޮޅަށް ޕެޓިޝަނެއް ހަދައި، އެޔަށް ސޮއި ހަމަކުރުމުގެ މަސައްކަތް ފަށާފައި އެވެ.











