ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު
21 އޯގަސްޓު 2026 | ހުކުރު 14:13ނ. އަތޮޅުގައި ތަރައްގީކުރާ "ޕްރޮޖެކްޓް އައިލާ" އަށް އެސްއީޒެޑްގެ ދަރަޖަ ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދިނުމަށް އޭސީސީ އަށް ހުށަހަޅާފައިވޭ. އަދި މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް ވަނީ މި މަޝްރޫއުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ބޭރުގެ މުއްސަނދިންނަށް ނާޖާއިޒު ފައިދާ ލިބޭނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައި


ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ އަންނަ ސިނގުރުޅީގައި، އެމަނިކުފާނު އެ ބޭނުންފުޅުވާ ގޮތަކަށް، އެހެން އެއްވެސް ކަމަކަށް ވިސްނުންފުޅެއް ނެތި ނިންމެވުންތައް ނިންމަވާ ބޭފުޅެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅު ދިގުފަރާއި ދެކުނުފަރު 262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ޕްރޮޖެކްޓު އައިލާ ނަމުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާއިރު، ރިސޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް ރައީސް މުއިއްޒުގެ ސަރުކާރުން އެސްއީޒެޑުގެ ގާނޫނަށް ކުއްލިޔަކަށް ބަދަލު ގެނެސް، ސަސްޓެއިނަބަލް ޓައުންޝިޕް ނަމުގައި އައު ގިންތިއެއް ތައާރަފްކޮށް މި ރިސޯޓު ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ދީފައިވާތީ، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވަނީ އެ މައްސަލަ އޭސީސީ އަށް ވެސް ހުށަހަޅާފަ އެވެ.
މިކަމާ ގުޅިގެން ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒަކީ އަންނަ ސިނގުރުޅީގައި ކަންކަން ނިންމަވާ ބޭފުޅެއް ކަމަށާއި، ކަމަކަށް ހިފާލައްވައިފި ނަމަ އެމަނިކުފާނު އެކަމެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ޕެޓިޝަނާ ގުޅޭ ގަވާއިދު ވެސް ބަދަލު ކުރީ އެގޮތުގެ މަތިން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
މި އަރާ ސިނގުރުޅީގައި ކަންކަން ކުރަމުން ދަނީ. މިހާރު ވަރަށް ގިނަ ކަންކަން ހުންނާނެ އަރައިގަންނަ ރުޅިގައި ކުރަން ހިފާފައި. މިހާރު މިކަން ކުރަން ހިފާފައި މި ހުރީ. އެންމެ ފަހުން މި ބަދަލު ކުރި ކުރުމަކީ ޕެޓީޝަނެއް ލަނީ ރައްޔިތުން، ލީމަ ގާނޫނަށް ހަމަ ކުއްލިއަކަށް ހަމަ އެ ދުވަހުން ދުވަހަށް ގަވާއިދަށް ބަދަލު ގެނަސް ދެން އޮތް އެއްޗެއް ވެސް ލެވޭ ގޮތަށް ހަދާފަ އޮތީ. ވަރަށް އަވަސް ވާނެ އެކަހަލަ ކަންކަން އަންނަލެއްހުސައިން ޒިޔާދު
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި މި މަޝްރޫއު ވަގުތުން ހުއްޓުވައި ތަހުގީގު ކޮށްދިނުމަށް އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލަށް އެޑްރެސް ކުރައްވައި ބުރާސްފަތި ދުވަހު މާޒް ސަލީމް ވަނީ އޭސީސީއަށް ސިޓީއެއް ފޮނުވާފަ އެވެ. އޭސީސީ އަށް ފޮނުވި ސިޓީގައި ބުނީ، ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލުކުރަން ފެށިތާ އެއްމަސް ދުވަސް ނުވަނީސް، ކުރިން ހިނގަމުން ދިޔަ ރިސޯޓު ޕްރޮޖެކްޓު ކަމަށްވާ އައިލާ ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ދީ އެ މަޝްރޫއު ސަސްޓެއިނަބަލް ޓައުންޝިޕަކަށް ބަދަލުކުރުމަކީ އެތައް ސުވާލެއް އުފެދޭ ކަމެއް ކަމަށެވެ. އެގޮތުން 262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފިނަމަ މިފަދަ ރިސޯޓަކުން ބިމުކުއްޔާއި ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އިންކަމް ޓެކްސްގެ ގޮތުގައި ސަރުކާރަށް ސީދާ އާމްދަނީގެ ގޮތުގައި އަހަރަކު 70 މިލިއަން ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ލިބުމުގެ ފުރުސަތު އޮތްކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އެހެންނަމަވެސް އެސްއީޒެޑްގެ ދަށުން ކުޑަވެގެންދާ ޓެކްސް އަދި ކަސްޓަމްސް ޑިއުޓީން ލިބިދޭ ބޮޑެތި ލުއިތަކުގެ ސަބަބުން، ރިސޯޓެއްގެ ގޮތުގައި ލިބިދޭ އާމްދަނީގެ ވަރަށް ކުޑަ މިންވަރެއް ނޫނީ ދައުލަތަށް ނުލިބޭނެކަމަށް ވެސް ބުނެފައިވެ އެވެ.
އަދި ރާއްޖޭގެ އާންމު ބާޒާރުން ދިވެއްސަކު ގޯތި ގެދޮރު ގަންނައިރު 8 ޕަސެންޓުގެ ޖީއެސްޓީއެއް ސަރުކާރަށް ދައްކަންޖެހޭއިރު، މި ޓައުންޝިޕްތަކުގެ ތެރޭގައި ހިންގާ މުއާމަލާތްތަކުން ނަގާ ޓެކްސް 1 ޕަސެންޓާއި ގާތްކުރާ މިންވަރަކަށް ކުޑަވުމުގެ ފުރުސަތު އޮތްކަމަށް ވެސް މި ސިޓީގައި ބުނެފައިވެ އެވެ.
އެހެންކަމުން ދިވެހިރާއްޖެއިން ގެދޮރު ގަންނަ ދިވެހި ރައްޔިތަކަށްވުރެ، މި ޕްރޮޖެކްޓު އެސްއީޒެޑްގެ ޕްރޮޖެކްޓަކަށް ކުއްލިޔަކަށް ބަދަލުކޮށް މި ޕްރޮޖެކްޓުގެ ތެރެއިން ލަގްޒަރީ ޕްރޮޕަޓީ ގަންނަ ބޭރުގެ މުއްސަނދިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރުމަށް ރޭވިފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.
މި ސިޓީގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއިން ބޭރުގެ މީހުންނަށް ރަށްވެހިކަން ލިބިދޭ ވިސާ ޕްރޮގްރާމް އެވޯޑުކުރެވުނު ހެންލީ އެންޑް ޕާޓްނާސް އަކީ މިފަދަ އިންވެސްޓްމަންޓު މައިގްރޭޝަން ޕްރޮގްރާމްތަކާއި ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށްވާއިރު، މި ކުންފުންޏަށް މި ޕްރޮޖެކްޓް އެވޯޑުކުރެވުނީ ކޮންގޮތަކުންތޯ ބަލާން ޖެހޭކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރިގެން މި ޕްރޮޖެކްޓު ހުއްޓުވައި، އަވަސް މަސްއަލައެއްގެ ގޮތުގައި ތަހުޤީޤުކޮށްދެއްވުމަށް އޭސީސީ އަށް ފޮނުވި ސިޓީގައި ވަނީ އެދިފަ އެވެ.











