ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި
18 އޯގަސްޓު 2026 | އަންގާރަ 11:30ސަރުކާރުން ބޭނުންވާ މުހިއްމު ބިލުތަކެއްގެ މަސައްކަތް ނިންމުމަށްޓަކައި މަޖިލީހުގެ މިދައުރު ދެވަނަ ފަހަރަށް ދަންމާލާފައިވާއިރު، މީގެ ތެރޭގައި ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު ހިމެނޭ. މަޖިލީހުގެ މަސައްކަތްތައް ސަރުކާރުގެ މަސްލަހަތަށް ބައްޓަންކުރަމުންދާ ކަމަށް ބުނެ ބައެއް މެންބަރުންނާއި އާންމު ރައްޔިތުންގެ މެދުގައި މިކަމާ ގުޅިގެން ކަންބޮޑުވުން ވަނީ އިތުރުވެފައި


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ރިޔާސަތުގައި | ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ދެވަނަ ފަހަރަށް ދަންމާލައި، ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާ ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހަށް ހެދުމަށް ފާސްކޮށްފި އެވެ.
މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު އެންމެ ފުރަތަމަ ދަންމާލަން ފާސްކުރީ މިދިޔަ ބުދަ ދުވަހުގަ އެވެ. އެ ދުވަހު ފާސްކުރީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހު ފަހު ޖަލްސާ ބޭއްވުމަށެވެ.
މި ދައުރު ދެވަނަ ފަހަރަށް ދަންމާލުމަށް ހުށަހެޅުއްވީ ރިޔާސަތުގައި ހިންނަވާ، މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް އެވެ. އެ ހުށަހެޅުއްވުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް 9 މެންބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ދަންމާލީ ވެސް މުހިއްމު މަސައްކަތްތައް ހުރިކަމަށް ބުނެ އެވެ. ނަމަވެސް އެފަހަރު ވެސް ކުރިއަށް ގެންދިޔައީ ހަމައެކަނި ސަރުކާރުގެ މަސްލަހަތު ހިމެނޭ މަސައްކަތްތަކެވެ. އެގޮތުން ދައުރު ދަންމާލައިގެން ކުރިއަށް ގެންދިޔައީ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތެވެ.
މި ފަހަރު ދައުރު ދެފަހަރު ވެސް ދަންމާލަން ނިންމީ ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ ކަމަށް ބެލެވެ އެވެ. އޭގެ އިތުރުން ވެސް ސަރުކާރުގެ މަސްލަތަހު ހިމެނޭ ބައެއް ބިލުތަކުގެ މަސައްކަތްތައް ނުނިމޭތީ ކަމަށް ވެސް ބެލެވެ އެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ސަރުކާރުގެ މެންބަރުން ގެންދަނީ އެ ބިލުގައި ހުރި ކަންކަން ދިފާއު ކުރަމުންނެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ ޖަލްސާތަކެއް ކެންސަލްކޮށް ހަމައެކަނި ސަރުކާރުން ބޭނުންވާ ވަކި ބިލްތަކުގެ މަސައްކަތްތައް އަވަސްއަރުވާލައިގެން ނިންމަމުންދާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.
މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ މަސްލަހަތަށް އިސްކަން ދެމުން ދިއުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހިމެނޭ އެހެނިހެން މުހިއްމު ކަންކަމަށް ލިބެންޖެހޭ އިސްކަން ނުލިބި ހުއްޓުމަށް މަގުފަހިވެގެންދާކަމަށް ބައެއް މެންބަރުން ފާހަގަކުރެ އެވެ.
ދައުރު ދިގުދަންމާލުމުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބޭނެކަމަށް ސަރުކާރު ފަރާތުން ބުނާއިރު، މި ފުރުސަތު ބޭނުންކުރާނީ ކޮން ކަންކަމަށްކަން ރައްޔިތުން ދަނީ ބަލަމުންނެވެ.











