ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު އަބްދުއްރަހީމް ދިފާއު ކުރައްވައިފި
23 އޯގަސްޓު 2026 | އާދީއްތަ 07:17އެއް މައްސަލައެއްގައި އެއް ޕެޓިޝަނަށް ވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ހުރިހާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ސަރުކާރާ ދެކޮޅަށް ހުށަހަޅާ ޕެޓިޝަންތަކުގެ ބާރު ކަނޑުވާލައި، އެފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން ރާވައިގެން ކުރި ކަމެއް. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 56 މެންބަރުންގެ އަޣުލަބިއްޔަތުން


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ | ރައްޔިތުންގެ މަޖިލިސް
އެއް މައްސަލައެއްގައި އެއް ޕެޓިޝަނަށް ވުރެ ގިނައިން ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ދިފާއު ކުރައްވައިފި އެވެ.
އާދިއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ޕެޓިޝަން ހުށަހެޅުމުގެ ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ފުރުސަތު ލިބެނީ ހަމައެކަނި ޕީއެންސީއަށް ނޫން ކަމަށާއި މީގެ ސަބަބުން ހުރިހާ ފަރާތްތަކަށް އިތުރު ފުރުސަތު ފަހިވެގެންދާ ކަމަށެވެ.
ކުރިން އޮތީ އެއް މައްސަލައެއްގައި އެއް ފަރާތަކުން އެކަނި ޕެޓިޝަން ހުށަހެޅޭ ގޮތަށްކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް ފުރުސަތު ދެވޭތޯ ކަމަށެވެ.
އިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާނެ ދެންމެ ތި ބަހުސްކުރެއްވީ ރައްޔިތުން ހުށަހެޅުއްވި ޕެޓިޝަނަށް، އެ ޕެޓިޝަނަށް ބަހުސްކުރައްވަމުން ގެންދަވަމުން ތި ވިދާޅުވަނީ އެ ޕެޓިޝަނަށް ބަހުސް ކުރަން ދެކޮޅު ހަދަނީ އޭ. އެހެންވީމަ އެއީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލެވެނީ ކަމަށް އަޅުގަނޑަށް ގަބޫލުކުރަނީއަބްދުއްރަހީމް އަބްދުﷲ
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސް ވަނީ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރުމަށް ހުށަހަޅުއްވާފައި އެވެ. އެގޮތުން އުނިކުރަން އެދިވަޑައިގެންނެވި މި މާއްދާގައި ބުނެފައި ވަނީ، މަޖިލީހަށް ކުރިން ހުށަހަޅައިގެން ކުރިއަށްދާ ޕެޓިޝަނެއްގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ކަމެއްގައި އަލުން އެފަދަ ފިޔަވަޅެއް އެޅުމަށް އެދި ޕެޓިޝަން ހުށަނޭޅޭނެ ކަމަށެވެ.
އާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޕީއެންސީގެ ސުޕަރ މެޖޯރިޓީން ހުށަހަޅާފައިވާ މި އިސްލާހު ފާސްކޮށްފައި އެވެ. އަދި އެޔަށްފަހު މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ވޯޓަށް އެހުމުން އެކަން މަޖިލީހުން 56 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވެ އެވެ. ގަވާއިދު ބަދަލުކުރުމާ ދެކޮޅަށް 9 މެންބަރަކު ވޯޓު ދެއްވި އެވެ.
މިއީ ރައްޔިތުންގެ އަޑު އިއްވަން ހުށަހަޅާ ޕެޓިޝަންތަކުގެ ބާރު ގެއްލުވާލައި، އެއް މައުޟޫއެއްގައި ދެ ޕެޓިޝަން އޮތުމުން އެކަންކަން މަޖިލީހުގެ ތެރޭގައި "ގަޑުބަޑު" ކޮށް، ޕެޓިޝަންތައް ފެއިލް ކޮށްލުމަށް ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މި ބަދަލު ގެނައުމުން، ކުރިއަށް އޮތް ތަނުގައި ސަރުކާރާ ދެކޮޅަށް ކޮންމެ ޕެޓިޝަނެއް ހުށަހެޅިޔަސް، އެހިނދުން ހަމަ އެ މައުޟޫއެއްގައި ސަރުކާރުން ޕެޓިޝަނެއް ހުށަހަޅައި، އެ ޕެޓިޝަންތައް "ބްލޮކް" ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.











