ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ
26 ޖުލައި 2026 | އާދީއްތަ 10:18ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަށް އިޝާރާާތްކޮށް ޑި މާރިއާ ބުނީ، ފައިނަލް އިން މޮޅުވުމުގައި ބައެއް ފަހަރު ނަސީބު އެހީތެރި ވެދޭނެ ކަމަށް. އެހެން ނަމަވެސް، އާޖެންޓީނާގެ ކުޅުންތެރިން ވަނީ އެ ޤައުމުގެ ނަން އުސް މިން ތަކަށް އުފުލައި ދީފައި ކަމަށް ވެސް ޑި މާރިއާ ވަނީ ބުނެފައި


އާޖެންޓީނާގެ ޤައުމީ ޓީމާ އެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ އެންހެލް ޑި މާރިއާ | ގެޓީ އިމޭޖަސް
މިފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާ އިން އިންގްލެންޑު ބަލި ކުރި ހިސާބުން، އެ ޓީމަށް ވޯލްޑް ކަޕް ނިމިފައިވާ ކަމަށް އެންހެލް ޑި މާރިއާ ބުނެފި އެވެ.
އާޖެންޓީނާގެ ޤައުމީ ޓީމާ އެކު 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރި ޑި މާރިއާ ބުނެފައި ވަނީ، މިފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާ އިން އިންގްލެންޑުގެ މައްޗަށް ހޯދި ތާރީޚީ ކާމިޔާބީ އަކީ މުޅި އާޖެންޓީނާ އަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ. މިހާރު އާޖެންޓީނާ ޤައުމީ ޓީމުން ރިޓަޔަރ ކޮށްފައިވާ ޑި މާރިއާ ބުނީ، އެކަމުގެ ސަބަބުން އިންތިހާ އަށް އުފާކުރާ ކަމަށެވެ.
މީގެ އިތުރުން ޑި މާރިއާ ބުނީ، އާޖެންޓީނާގެ މުޅި ޓީމުން ދެއްކި ހިތްވަރަށް އޭނާ އަބަދު ވެސް ޝުކުރުވެރި ވާނެ ކަމަށެވެ. ސެމީ ފައިނަލްގައި އިންގްލެންޑްއާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތްކޮށް ޑި މާރިއާ ބުނީ، އެ މެޗުގެ ކޮންމެ ވަގުތަކީ ވެސް ވަރަށް ހާސްވި ވަގުތެއް ކަމަށެވެ. ނަމަވެސް، އާޖެންޓީނާގެ ކުޅުންތެރިން ކަށިން ހިތްވަރު ނެރެ، ކާމިޔާބާ ހަމައަށް ވާސިލުވި ކަމަށް އޭނާ ވަނީ ފާހަގަކޮށްފައި އެވެ.
ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަށް އިޝާރާާތްކޮށް ޑި މާރިއާ ބުނީ، ފައިނަލް އިން މޮޅުވުމުގައި ބައެއް ފަހަރު ނަސީބު އެހީތެރި ވެދޭނެ ކަމަށެވެ. އެހެން ނަމަވެސް، އާޖެންޓީނާގެ ކުޅުންތެރިން ވަނީ އެ ޤައުމުގެ ނަން އުސް މިން ތަކަށް އުފުލައި ދީފައި ކަމަށް ވެސް ޑި މާރިއާ ވަނީ ބުނެފައި އެވެ.
އިތުރަށް ވާހަކަ ދައްކަމުން ޑި މާރިއާ ބުނެފައި ވަނީ، މުބާރާތުގެ ފައިނަލްއާ ހަމައަށް ދިޔުމުގެ ކުރިން ވެސް އާޖެންޓީނާގެ ކުޅުންތެރިން ވަނީ، ދުވަހަކު ވެސް ހަނދާނުން ފޮހެލަން ދަތި ކަންތައްތަކެއް ކޮށްދީފައި ކަމަށެވެ. ޑި މާރިއާ ދެކޭ ގޮތުގައި، ސެމީ ފައިނަލްގައި ފަހަތުން އަރައި އިންގްލެންޑު ބަލި ކުރި ހިސާބުން، އާޖެންޓީނާ އަށް މިފަހަރުގެ ވޯލްޑް ކަޕް ނިމިއްޖެ އެވެ.
ޑި މާރިއާ ވަނީ އާޖެންޓީނާ އާއެކު ކޮޕާ އެމެރިކާ ދެ ފަހަރު ކާމިޔާބު ކޮށްފައި އެވެ. އަދި ފީފާ ވޯލްޑް ކަޕް އާއި، ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ ވެސް ކާމިޔާބު ކޮށްފައިވެ އެވެ. އާޖެންޓީނާ އިން މި ތިން ތަށި ކާމިޔާބު ކުރުމުގައި ވެސް ޑި މާރިއާ ވަނީ އިސް ދައުރެއް އަދާކޮށްފައި އެވެ.










