ވައުދު ފުއްދައި ކުކުރޭލާ، ސްޕެއިންގެ ކޯޗު ފުއެންޓޭގެ ޓެޓޫ ޖަހައިފި
29 ޖުލައި 2026 | ބުދަ 10:04ކުކުރޭލާ ވަނީ އޭނާގެ ހަށިގަނޑުގައި ޖެހި ފުއެންޓޭގެ ޓެޓޫ ސޯޝަލް މީޑިއާގައި އާންމު ކޮށްފައި. އެ ޓެޓޫގައި ފެންނަނީ ވޯލްޑް ކަޕްގެ ތަށި ހިފައިގެން ފުއެންޓޭ ހުންނަ މަންޒަރު. އަދި އެ ފޮޓޯގެ ފަހަތުން 26 ނަންބަރު ވެސް ފެންނަން ހުރޭ. ޓެޓޫ ޖަހާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތަކާ އެކު ކުރި ޕޯސްޓުގައި ކުކުރޭލާ ބުނެފައި ވަނީ އޭނާގެ ވައުދު ފުއްދައިފި ކަމަށް


ސްޕެއިންގެ ޑިފެންޑަރު މާާކް ކުކުރޭލާ އޭނާގެ ގައިގައި އެ ޓީމުގެ ކޯޗު ފުއެންޓޭގެ ޓެޓޫ ޖަހާފައި | ސޯޝަލް މީޑިއާ
ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ޑިފެންޑަރު މާކް ކުކުރޭލާ، އޭނާގެ ވައުދު ފުއްދައި އެ ޤައުމުގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭގެ ޓެޓޫ އޭނާގެ ހަށިގަނޑުގައި ޖަހައިފި އެވެ.
މިއީ ދާދި ފަހުން އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ނިމުނު ފީފާ ވޯލްޑް ކަޕްގެ ތެރޭގައި ކުކުރޭލާ ވެފައިވާ ވައުދެކެވެ. އެގޮތުން އޭނާ ވަނީ، ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި ނަމަ، ފުއެންޓޭގެ ޓެޓޫ ޖަހާނެ ކަމަށް ވައުދުވެފައި އެވެ.
ކުކުރޭލާ ވަނީ އޭނާގެ ހަށިގަނޑުގައި ޖެހި ފުއެންޓޭގެ ޓެޓޫ ސޯޝަލް މީޑިއާގައި އާންމު ކޮށްފައި އެވެ. އެ ޓެޓޫގައި ފެންނަނީ ވޯލްޑް ކަޕްގެ ތަށި ހިފައިގެން ފުއެންޓޭ ހުންނަ މަންޒަރެވެ. އަދި އެ ފޮޓޯގެ ފަހަތުން 26 ނަންބަރު ވެސް ފެންނަން ހުރެ އެވެ. ޓެޓޫ ޖަހާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތަކާ އެކު ކުރި ޕޯސްޓުގައި ކުކުރޭލާ ބުނެފައި ވަނީ އޭނާގެ ވައުދު ފުއްދައިފި ކަމަށެވެ.
ވޯލްޑް ކަޕްގެ ފައިނަލް އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުއެންޓޭ ވަނީ ސަމާސާ ގޮތެއްގައި އެ ވާހަކަ ދައްކައިފަ އެވެ. އެގޮތުން އޭނާގެ ޓެޓޫ ޖަހާނެ ކަމަށް ކުކުރޭލާ ބުނެފައިވާ ވާހަކަ، ފުރިހަމަ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ފުއެންޓޭ ބުންޏެވެ. އެއީ އޮޅުމަކުން ބުނެފައިވާ ވާހަކައަކަށް ވީ ނަމަވެސް، އެކަމުގެ ސަބަބުން ބޮޑު އުފަލެއް ލިބޭ ކަމަށް ވެސް ފުއެންޓޭ ބުނެފައިވެ އެވެ.
ކުކުރޭލާ އަކީ އަބަދު ވެސް ތަފާތު ކަންކަން ކުރުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. އަބަދު ވެސް އޭނާގެ އިސްތަށިގަނޑު ދިގުކޮށް ހުންނަ ހުރުމާ ގުޅޭ ގޮތުން ދާދި ފަހުން ކުކުރޭލާ ބުނެފައި ވަނީ، އެގޮތަށް އިސްތަށިގަނޑު ބަހައްޓަނީ އޯޓިޒަމް ހުންނަ އޭނާގެ ދަރިފުޅަށް ދަނޑު މަތިން އޭނާ ހޯދުމަށް ފަސޭހައަކަށް ކަމަށެވެ.
ވޯލްޑް ކަޕްގެ ތެރޭގައި ކުކުރޭލާ ވަނީ ޗެލްސީ ދޫކޮށް، ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައިފަ އެވެ. ވޯލްޑް ކަޕްގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުކުރޭލާ، ކުރިއަށް އޮތް ސީޒަންގައި ފެނިގެން ދާނީ ރެއާލް މެޑްރިޑުންނެވެ.










