ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް
27 ޖުލައި 2026 | ހޯމަ 04:36އުމުރުން 32 އަހަރުގެ ޕަރޭޑަސް ދާދި ފަހުން ދިން އިންޓަވިޔުއެއްގައި ބުނެފައި ވަނީ، މިފަހަރުގެ ވޯލްޑް ކަޕްގައި މެސީގެ ފަހު މެޗާ ކުރިމަތިލާން ޖެހިދާނެތީ ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް. އަދި ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅޭނެ ފަހު މެޗު ކަމަށް މެސީ އަމިއްލަ އަށް ނިންމާފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައި


ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން މިޞްރާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ އާއި ޕަރޭޑަސް | ގެޓީ އިމޭޖަސް
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމުގެ އިޝާރާތެއް އެ ޓީމުގެ މިޑްފީލްޑަރު ލިއާންޑްރޯ ޕަރޭޑަސް ދީފި އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވިއިރު، ފައިނަލް މެޗަށް ފަހު މެސީ ވަނީ ދަނޑުމަތީގައި ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށްފައި އެވެ. އެކަމަށް އިޝާރާތްކޮށް ޕަރޭޑަަސް ބުނެފައި ވަނީ، އެ މެޗަކީ އާޖެންޓީނާގެ ޖާޒީގައި މެސީ ފެންނާނެ ފަހު މެޗު ކަމަށް އޭނާ ޤަބޫލު ކުރާ ކަމަށެވެ.
އުމުރުން 32 އަހަރުގެ ޕަރޭޑަސް ދާދި ފަހުން ދިން އިންޓަވިޔުއެއްގައި ބުނެފައި ވަނީ، މިފަހަރުގެ ވޯލްޑް ކަޕްގައި މެސީގެ ފަހު މެޗާ ކުރިމަތިލާން ޖެހިދާނެތީ ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އަދި ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅޭނެ ފަހު މެޗު ކަމަށް މެސީ އަމިއްލަ އަށް ނިންމާފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައި އެވެ.
މެސީގެ ރިޓަޔާމަންޓާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕަރޭޑަސް ބުނީ، މެސީ ގައުމީ ޓީމުގައި އިތުރަށް މަޑު ކުރުމަކީ މުޅި ޓީމުގެ ވެސް އުންމީދެއް ކަމަށެވެ. ނަމަވެސް، އެއީ މެސީ އަމިއްލަ އަށް ނިންމަން ޖެހޭ ނިންމުމެއް ކަމަށާއި، އޭނާ އުފާވާ ކޮންމެ ގޮތަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ވެސް ލިބޭނެ އުފަލެއް ކަމަށް ޕަރޭޑަސް ވަނީ ބުނެފައި އެވެ.
މެސީގެ އިތުރުން، ޕަރޭޑަސް ވަނީ އޭނާގެ އަމިއްލަ މުސްތަގުބަލާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނި ގޮތުގައި ގައުމީ ޓީމުގައި ކުރިއަށް ދާނެ ތޯ ނުވަތަ، ނޫން ތޯ ނިންމާނީ ކޯޗު ލިއޮނަލް ސްކަލޯނީއާ މަޝްވަރާ ކުރުމަށް ފަހު އަދި އެކަމާ ވަރަށް ބޮޑަށް ވިސްނުމަށް ފަހު އެވެ.
އާޖެންޓީނާގެ ޤައުމީ ޓީމަށް މިހާރު ވެސް ވަނީ ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. އެގޮތުން ތަޖުރިބާާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި އެވެ. މެސީ އާއި ޕަރޭޑަސް ފަދަ މުހިންމު ކުޅުންތެރިން ޓީމާ ވަކިވެއްޖެނަމަ، ސްކަލޯނީގެ ކޯޗު ކަމުގެ ދަށުން އާޖެންޓީނާ އިން ހޯދި ކާމިޔާބުގެ ދައުރަށް ނިމުމެއް އަންނާނެ އެވެ.
މިވަގުތު އާޖެންޓީނާގެ ކޯޗު ސްކަލޯނީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާާނީ އަލުން ޓީމު ބިނާ ކުރުމެވެ. ސްކަލޯނީ ވަނީ، މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން މުސްތަޤުބަލާމެދު ވަކި ނިންމުމެއް ނިންމާނެ ކަމަށް ބުނެފައި އެވެ. އާޖެންޓީނާ އިން ދެން ކުރިމަތިލާނީ 2028 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތާ އެވެ. ފާއިތުވި ދެ އަހަރު ވެސް ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާގެ އަމާޒަކަށް ވާާނީ، ތިން ވަނަ ފަހަރަށް އެ ތަށި ހޯދުމެވެ.










