ވޯލްޑް ކަޕްގައި އިންގްލެންޑު އަތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، އާޖެންޓީނާ އިން ޚާއްސަ ދުވަހެއް ކަނޑައަޅައިފި
6 އޯގަސްޓު 2026 | ބުރާސްފަތި 15:17މިއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އިން އިންގްލެންޑު ބަލިކުރިތާ ބަރާބަރު 40 އަހަރު ފަހުން ލިބުނު ކާމިޔާބީ އެއް. އެ މެޗަށް ފަހު އާޖެންޓީނާ އާއި އިންގްލެންޑާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަން އަނެއްކާ ވެސް ވަނީ ފެންމަތިވެފައި


ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ގެޓީ އިމޭޖަސް
މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑު އަތުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ވަނަ ދުވަހަކީ، ޤައުމީ ފުޓުބޯޅަ ޓީމުތަކުގެ ދުވަސް ކަމުގައި އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ކަނޑައަޅައިފި އެވެ.
ޖުލައި 15 ވަނަ ދުވަހަކީ އެމެރިކާގެ އެޓްލާންޓާގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގައި އާޖެންޓީނާ އިން އިންގްލެންޑުގެ މައްޗަށް ކުރި ހޯދި ދުވަހެވެ.
އެ މެޗަކީ 1966 ވަނަ އަހަރަށް ފަހު، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލް އަށް ދިޔުމަށް އިންގްލެންޑުން ކުރަމުން ދިޔަ އުންމީދުތަކާ ވެސް ގުޅިފައި އޮތް މެޗެވެ. އެ މެޗުގެ 55 ވަނަ މިނެޓުގައި އެންތަނީ ގޯޑަންގެ ލަނޑުން އިންގްލެންޑުން ކުރި ހޯދި އެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތު އިންގްލެންޑުން ޑިފެންސް އަށް ބުރަވެ ކުޅެމުން ދަނިކޮށް، އާޖެންޓީނާ އިން 85 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށް، 92 ވަނަ މިނެޓުގައި ލަނޑު ޖަހައިގެން މެޗުން މޮޅުވި އެވެ.
މިއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އިން އިންގްލެންޑު ބަލިކުރިތާ ބަރާބަރު 40 އަހަރު ފަހުން ލިބުނު ކާމިޔާބެކެވެ. އެ މެޗަށް ފަހު އާޖެންޓީނާ އާއި އިންގްލެންޑާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަން އަނެއްކާ ވެސް ވަނީ ފެންމަތިވެފައި އެވެ.
އެގޮތުން އާޖެންޓީނާގެ ބައެއް ކުޅުންތެރިން ވަނީ "ލަސް މަލްވީނަސް ސޮން އާޖެންޓީނާސް" ނުވަތަ، ފޯކްލޭންޑު ރަށްތަކަކީ އާޖެންޓީނާގެ މިލްކެއް ކަމަށް ލިޔެފައިވާ ބެނާއެއް ހިފައިގެން އުފާ ފާޅުކޮށްފައި އެވެ.
ދެކުނު އެޓްލާންޓިކް ކަނޑުގައި އޮންނަ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ފޯކްލޭންޑް ރަށްތަކަކީ ޒަމާނުއްސުރެ ދެ ޤައުމުގެ ދެމެދުގައި މިލްކުވެރިކަމުގެ ދެބަސްވުން އުފެދިފައިވާ ސަރަހައްދެކެވެ. ޖެނެރަލް ލިއޮޕޯލްޑޯ ގަލްޓިއޭރީގެ އަސްކަރީ ވެރިކަމުގައި 1982 ވަނަ އަހަރު އާޖެންޓީނާ އިން ވަނީ މި ރަށްތަކަށް އަރައިގަނެފައި އެވެ. 74 ދުވަހަށް ދިގު ދެމިގެން ދިޔަ އެ ހަނގުރާމައިގައި އާޖެންޓީނާގެ 655 ސިފައިންނާއި އިނގިރޭސިވިލާތުގެ 255 ސިފައިން މަރުވިއިރު، އެ ރަށްތަކުގައި ދިރިއުޅޭ ތިން މީހަކު ވެސް މަރުވި އެވެ.
ފޯކްލޭންޑުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން 2013 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓެއްގައި، އެ ރަށްތަކުގެ ރައްޔިތުންގެ 99.8 އިންސައްތަ މީހުން ވޯޓު ދީފައި ވަނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ދެމި ތިބުމަށެވެ.
އިންގްލެންޑު ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލް އަށް ދިޔަ ނަމަވެސް، ފައިނަލްގައި ވަނީ ސްޕެއިން އަތުން ބަލިވެފައި އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑަށް ލިބުނީ ތިން ވަނަ އެވެ.










