ވޯލްޑް ކަޕްގެ ފައިނަލްއިން ބަލިވުމަކީ، މެސީ ރިޓަޔަރކުރަން ޖެހޭ ސަބަބެއް ނޫން: ޑި މާާރިއާ
27 ޖުލައި 2026 | ހޯމަ 06:17އާޖެންޓީނާ އާއެކު 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމަށް ފަހު ޤައުމީ ޓީމުން ރިޓަޔަރ ކޮށްފައިވާ ޑި މާރިއާ އުންމީދު ކުރާ ގޮތުގައި، އޭނާ އާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު މެސީ އޭނާގެ ކެރިއަރު ނިންމާލާނީ އެހެން ގޮތަކަށް. އެގޮތުން ޑި މާރިއާ ބުނީ، މެސީ ކުޅުމުގައި ދެމިހުންނަން ބޭނުން ވަންދެން، އޭނާގެ ކެރިއަރު ކުރިއަށް ގެންދެވޭނެ ކަމަށް


އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި، ކުރިން އެ ޓީމަށް ކުޅުނު އެންހެލް ޑި މާރިއާ | ރޮއިޓާސް
ފީފާ ވޯލްޑް ކަޕްގެ ފައިނަލް އިން އާޖެންޓީނާ ބަލިވި ނަމަވެސް، އެއީ އެ ޤައުމުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ރިޓަޔަރވާން ޖެހޭ ސަބަބެއް ނޫން ކަމަށް، އާޖެންޓީނާގެ އެންހެލް ޑި މާާރިއާ ބުނެފި އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ ވަނީ ސްޕެއިން އަތުން ބަލިވެފައި އެވެ. އެ ފައިނަލް އަށް ފަހު މެސީގެ ބައިނަލްއަޤުވާމީ ކެރިއަރާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައި އެވެ. އެގޮތުން މިއީ އުމުރުން 39 އަހަރުގެ މެސީ އޭނާގެ ކެރިއަރުގައި ކުޅުނު ވޯލްޑް ކަޕްގެ ފަހު މެޗު ކަމަށް ބެލެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް، ޤައުމީ ޓީމުން ރިޓަޔަރ ކުރުމާ ގުޅޭ ގޮތުން މެސީ މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.
އާޖެންޓީނާ އާއެކު 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމަށް ފަހު ޤައުމީ ޓީމުން ރިޓަޔަރ ކޮށްފައިވާ ޑި މާރިއާ އުންމީދު ކުރާ ގޮތުގައި، އޭނާ އާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު މެސީ އޭނާގެ ކެރިއަރު ނިންމާލާނީ އެހެން ގޮތަކަށެވެ. އެގޮތުން ޑި މާރިއާ ބުނީ، މެސީ ކުޅުމުގައި ދެމިހުންނަން ބޭނުން ވަންދެން، އޭނާގެ ކެރިއަރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޑި މާރިއާގެ ނަޒަރުގައި މެސީ އަށް އަދިވެސް ގިނަ އަހަރުތަކެއް ވަންދެން ފުޓުބޯޅަ ކުޅުމުގައި ދެމި ހުރެވިދާނެ އެވެ. އެއާ އެކު ޑި މާރިއާ ބުނެފައި ވަނީ، އުމުރަކީ އެއްވެސް މުހިންމު ކަމެއް ނޫންކަން، މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ ދެއްކު ކުޅުމުން ސާބިތުވާން އޮތް ކަަމަށެވެ. އަދި އުމުރުން 39 އަހަރުގައި ވެސް މެސީ ސާބިތު ކޮށްދީފައި ވަނީ އޭނާ އަކީ އަދިވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، އަދި ތާރީޚުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.
2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރި ޓީމުގައި ވެސް ހިމެނުނު ޑި މާރިއާ ދެކޭ ގޮތުގައި، މިފަހަރުގެ ވޯލްޑް ކަޕްގެ ތަށި ނުލިބުނު ނަމަވެސް، އާޖެންޓީނާގެ ކުޅުންތެރިން ދެއްކީ ފަޚުރުވެރި ކުޅުމެކެވެ. އަދި އާޖެންޓީނާ އަށް މިއީ އުފާވެރި މުބާރާތެއް ކަމަށާއި، އާޖެންޓީނާ އަށް ތާރީޚީ ކަންކަން ކުރެވިއްޖެ ކަމަށް ޑި މާރިއާ ވަނީ ބުނެފައި އެވެ.
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، 1962 ވަނަ އަހަރު ބްރެޒިލް އިން ހޯދި ރެކޯޑު މުގުރާލުމުގެ ފުރުސަތު ވެސް އާޖެންޓީނާ އަށް އޮތެވެ. އެއީ ޖެހި ޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ ރެކޯޑެވެ. 1958 ވަނަ އަހަރު ޗެމްޕިއަންކަން ހޯދައި، 1962 ވަނަ އަހަރު ބްރެޒިލް އިން ތަށި ދިފާއު ކުރި ފަހުން، މިހާތަނަށް އެއްވެސް ޓީމަކަށް މުބާރާތުގެ ތަށި ދިފާއު ކުރެވިފައި ނުވެ އެވެ.










