ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ
20 އޯގަސްޓު 2026 | ބުރާސްފަތި 06:18ހެންމަތީ ވިދާޅުވެފައި ވަނީ، ތެލުގެ އާމްދަނީ އާއި ޓެކްސްގެ އާމްދަނީ ދަށްވުމުގެ ސަބަބުން އީރާންގެ އިޤްތިސަދަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް. އޭނާ ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާއި ހާލަތު ރަނގަޅު ކުރުމަށް ކުރާ ޝަކުވާތަކަށް ފުރިހަމަ އަށް އިހުތިރާާމް ކުރެވޭ ކަމަށް


އީރާންގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަބްދުލް ނާސިރު ހެންމަތީ | ސޯޝަލް މީޑިއާ
މިއަހަރުގެ ޖޫން މަހު އެމެރިކާ އާއި އީރާންއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭންކިން އަދި އިޤްތިސާދީ ބައެއް ހުރަސްތައް ވަގުތީ ގޮތުން ދޫކޮށްލި ނަމަވެސް، ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް ދޫކޮށްފައިނުވާ ކަމަށް އެ ޤައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަބްދުލް ނާސިރު ހެންމަތީ ވިދާޅުވެއްޖެ އެވެ.
އީރާންގެ ދައުލަތުގެ ބްރޯޑްކާސްޓަރ އައިއާރުއައިބީ އަށް ދެއްވި ބަސްދީގަތުމެއްގައި ހެންމަތީ ވިދާޅުވީ، އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން ބްލޮކް ކޮށްފައިވާ ފައިސާގެ ތެރެއިން، އެއްވެސް މިންވަރެއް މިހާތަނަށް ދޫކޮށްފައި ނުވާ ކަމަށެވެ. އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަ ކުރުމަށް ޖޫން މަހު އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
މީގެ އިތުރުން ހެންމަތީ ވިދާޅުވެފައި ވަނީ، ތެލުގެ އާމްދަނީ އާއި ޓެކްސްގެ އާމްދަނީ ދަށްވުމުގެ ސަބަބުން އީރާންގެ އިޤްތިސާދަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާއި، ހާލަތު ރަނގަޅު ކުރުމަށް ކުރާ ޝަކުވާތަކަށް ފުރިހަމަ އަށް އިހުތިރާާމް ކުރެވޭ ކަމަށެވެ. އަދި ތެލުގެ އާމްދަނީ އާއި ޓެކްސްގެ އާމްދަނީ އަދި ސޯޝަލް ސެކިއުރިޓީގެ އާމްދަނީ އެއްފަހަރާ ދަށްވުމުން ޤައުމުގެ އިޤްތިސާދުގެ ހުރިހާ ދާއިރާތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.
އީރާންގެ އިޤްތިސާދަށް ދަތިތައް ކުރިމަތުވަމުން އަންނަނީ، އެމެރިކާ އިން އެ ޤައުމާ ދެކޮޅަށް އިޤްތިސާދީ ހުރަސްތައް ކުރިމަތި ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެވެ. މި ހުރަސްތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތެޔޮ ވިއްކުމާއި، ބޭރުގެ ބޭންކުތަކުގައި ހުރި ފައިސާ ބޭނުން ކުރުމުގައި އީރާން އަށް ވަނީ ބޮޑެތި ދަތިތަކެއް ދިމާވެފައި އެވެ.
ޖޫން މަހު އެކުލަވާލި އެއްބަސްވުމުގެ ދަށުން ބައެއް ހުރަސްތައް ވަގުތީ ގޮތުން ނައްތާލުމަށް ނިންމި ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އީރާން އަށް އެންމެ ބޭނުންވާ ފައިސާގެ ލުއިތަކެއް ނުލިބި އޮތުމަކީ އެ ޤައުމުގެ އިޤްތިސާދަށް އިތުރު ބުރައެއް ކަމަށް ބެލެވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










