Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން ހަނގުރާމަ

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026 | ބުދަ 12:26

އީރާނާ މެދު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި އަދި އޮޅުންބޮޅުން ބޮޑު ސިޔާސަތުތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި. ޓްރަމްޕް ދައްކަވާ ހަގީގަތާ ޚިލާފު ވާހަކަފުޅުތަކުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ފުށުއަރާ ފަދަ އިންޒާރުތައް އޭނާ ދެއްވަމުން ގެންދަވާއިރު، މީގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅީގެ މިލްކުވެރިކަން ހޯދުމާއި އެމެރިކާއާ އެކުވެރި ގައުމުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ހިމެނޭ

ރާއްޖެ އެމްވީ | 19 އޯގަސްޓު 2026 | ބުދަ 12:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަނީ | އެލަމީ

މި ހަފުތާގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެދުއިރުމަތީގެ ދެވަނަ ގައުމަކާ ދެކޮޅަށް އެމެރިކާ އިން ހަނގުރާމައަށް ދާނެކަމުގެ އިންޒާރު ދެއްވައި، ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކުވެރިކަން އޮތް ސަރަހައްދަކަށް ހެދުމުގެ ޚިޔާލު ފާޅުކުރައްވާފަ އެވެ. މީގެ އިތުރުން، އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސަރުކާރުން ކުރިން ދެމުންދިޔަ މެސެޖުތަކާ ފުށުއަރާ ވާހަކަފުޅުތަކެއް ވެސް ވަނީ ދައްކަވާފަ އެވެ.

ޓްރަމްޕަކީ އާދަޔާޚިލާފު ވާހަކަފުޅުތައް ދެއްކެވުމުގައި އާ ބޭފުޅެއް ނޫނެވެ. ނަމަވެސް، އީރާނުގެ ހަނގުރާމައަކީ މިފަދަ ވާހަކަތައް ތަކުރާރުކޮށް އިވޭ، އަދި އޭގެ ސަބަބުން ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ ކަމެކެވެ.

 އެމަނިކުފާނުގެ ބައެއް ވާހަކަފުޅުތައް ހުންނަ ގޮތުން، ހިނގަމުންދާ ކަންކަމާ މެދު މާބޮޑު ސަމާލުކަމެއް ނުދެއްވާ ނުވަތަ ކަންކަން ހިނގާގޮތް ރަނގަޅަށް އޮޅުންނުފިލާ ހުންނަވާ ކަމަށް ބެލެވެ އެވެ. އަދި ބައެއް ފަހަރު، އަމަލީ ގޮތުން ކުރަން ނުކުޅެދޭ ފަދަ ކަންކަން ހުށަހަޅުއްވަ އެވެ. މީގެ އިތުރުން، ހަގީގަތާ ޚިލާފު ކަންކަމަކީ ހަގީގަތް ކަމުގައި ދެއްކެވުމަށް ވެސް އެތައް ފަހަރަކު މަސައްކަތް ކުރައްވާފައިވެ އެވެ.

 ގާތްގަނޑަކަށް ހަ މަސް ދުވަސް ވެފައިވާ މި ހަނގުރާމައިގެ ތެރޭގައި ޓްރަމްޕް ދައްކަވާފައިވާ އެންމެ އާދަޔާޚިލާފު ބައެއް ވާހަކަފުޅުތައް ތިރީގައި އެވަނީ އެވެ.

އީރާނުގެ ލީޑަރުންނަކީ 'ބުއްދިވެރި' ބައެއްގެ ގޮތުގައި ސިފަކުރެއްވުން

 ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގައި ޖޫން 16 ވަނަ ދުވަހު ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން މި މުއާމަލާތް ކުރަނީ ވަރަށް ބުއްދިވެރި ބަޔަކާ ކަމަށް ގަބޫލުކުރެވޭ" ކަމަށެވެ. އަދި އެއީ މުއާމަލާތް ކުރަން ފަސޭހަ، ވަރުގަދަ އަދި ސްމާޓް ބައެއް ކަމަށާއި، އެއީ ހަރުކަށި ފިކުރުގެ ބައެއް ނޫން ކަމަށާއި އެމީހުން ބޭނުންވަނީ ގައުމަށް އެހީތެރިވާން ކަމަށް ވެސް ވިދާޅުވި އެވެ.

 މި ވާހަކަފުޅުތަކަކީ މާބޮޑަށް އުންމީދީ ވާހަކަތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެވެ. އަދި ޓްރަމްޕްގެ މި ވާހަކަފުޅުތައް ބަދަލުވާކަށް މާގިނަ ދުވަހެއް ނުނެގި އެވެ.

 މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އޭގެ އެންމެ ތިން ހަފުތާ ފަހުން ޓްރަމްޕް ވަނީ އެ ލީޑަރުންނަކީ "މޮޔަ"، "ނުބައި"، "ބަލިމަޑު"، "މަކަރުވެރި" އަދި "ކުނި" ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

 ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓެއްގައި ޓްރަމްޕް ވިދާޅުވީ، "އެމީހުން ކޮންމެ ދުވަހަކު އެއްބަސްވުމާ ޚިލާފުވޭ. އެމީހުން ހަދަނީ ދޮގު. އެމީހުން އޮޅުވާލާ." މިފަދައިންނެވެ.

އޭޕްރީލް މަހު އީރާނުން 'ހުރިހާ ކަމަކަށް އެއްބަސްވި' ކަމަށް ވިދާޅުވުން

 އޭޕްރީލް 17 ވަނަ ދުވަހު ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ހުރިހާ ޝަރުތުތަކަކަށް އީރާނުން އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަމާސް އާއި ހިޒްބުالله ފަދަ ޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުމާއި، ޔުރޭނިއަމް ރައްކާކުރުން ހުއްޓާލައި، ދާއިމީކޮށް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

 ނަމަވެސް، މީގެ ތެރެއިން އެއްވެސް ކަމެއް ހަގީގަތަކަށް ނުވެ އެވެ. އަދި އީރާނުން އެފަދަ ކަމަކަށް އެއްބަސްވި ކަމުގެ އެއްވެސް ހެއްކެއް ވެސް ނެތެވެ.

 ޖޫން މަހު އީރާނާއި އެމެރިކާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނު އިރުވެސް، އޭގެ ތެރޭގައި ޓްރަމްޕް އެ ވިދާޅުވި އެއްވެސް ކަމެއް ހިމެނިފައެއް ނުވެ އެވެ.

އެއްބަސްވުމަކާ ހަމައަށް ދެވެނީ ކަމަށް ތަކުރާރުކޮށް ވިދާޅުވުން

އީރާނުން އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށާއި، ވަރަށް އަވަހަށް އެފަދަ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ދައުވާ ކުރައްވަމުން ގެންދެވި އެވެ.

މީގެ މާ ކުރިން، އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ވެސް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަވަމުން، އީރާނާއެކު ކުރެވޭ މަޝްވަރާތައް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އެއްބަސްވުން ފައިނަލްކޮށް ފުރިހަމަކުރުމަށް ބޭނުންވަނީ ދެ ހަފުތާ ކަމަށް ވިދާޅުވެފަ އެވެ. އަދި ގިނަ ދުވަސްތަކެއްވީ މި މައްސަލަ ހައްލަކާ ގާތްވުމަކީ ލިބޭ ޝަރަފެއް ކަމަށް ވިދާޅުވެ އޭނާ އެ ވާހަކަ ނިންމަވާލެއްވި އެވެ.

ނަމަވެސް، އެ ވިދާޅުވާ ހައްލެއް އަދިވެސް ފެންނާކަށް ނެތެވެ.

ޖޫން މަހުގެ މެދާ ހަމައަށް އައިއިރު، ރައީސް ޓްރަމްޕް ވަނީ މިފަދަ މޭރުމަކުން 36 އަށްވުރެ ގިނަ ފަހަރު ވާހަކަދައްކަވާފަ އެވެ. އަދި އޭގެ ފަހުން ވެސް އޭނާ ގެންދަވަނީ އެފަދަ ދައުވާތައް ކުރައްވަމުންނެވެ. މިއާ ޚިލާފަށް، އީރާނުން ދަނީ އެ ގައުމަކީ އެއްވެސް ވަރަކަށް މާޔޫސްވެފައިވާ ގައުމެއް ނޫންކަން ހާމަކުރަމުންނެވެ. އެގޮތުން، ތެހެރާނަށް ފައިދާވާނެ ގޮތަށް އެކުލަވާލާފައިވާ ފަހުމުނާމާއާ ޚިލާފުވުން ފަދަ ކަންކަން އީރާނުން ދަނީ ކުރަމުންނެވެ.

ހުރްމުޒް ކަނޑުއޮޅިން ފީނެގުމުގައި އީރާނާއެކު ޖޮއިންޓްވެންޗަރ އެއް އުފެއްދުން

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއިން ނެގުމުގެ ޚިޔާލު ޓްރަމްޕް ނެރުއްވުމުގެ މާ ކުރިން، އޭނާ ވަނީ އެހެން ޚިޔާލެއް ވެސް ހުށަހަޅުއްވާފަ އެވެ. އެއީ އެ މުހިންމު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމަށްޓަކައި އީރާނާއެކު އެމެރިކާއިން ބައިވެރިވުމެވެ.

އޭޕްރީލް 8 ވަނަ ދުވަހު އޭބީސީ ނިއުސްގެ ޖޮނަތަން ކާލްއާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން މި ވިސްނަނީ މިކަން 'ޖޮއިންޓް ވެންޗަރ' އެއްގެ ގޮތުގައި ކުރުމަށް. މިއީ އެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، އެހެން މީހުންގެ ކިބައިން އެތަން ރައްކާތެރިކުރުމަށް އޮތް މަގެއް،" ކަމަށެވެ. އަދި އެއީ "ވަރަށް ފުރިހަމަ ކަމެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަކުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމަކީ "ޣައިރު ގާނޫނީ" އަދި "ދުނިޔެއަށް އޮތް ނުރައްކަލެއް" ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ކުރިން ވިދާޅުވެފައިވާ ވާހަކަފުޅު ހަނދުމަފުޅު ހުރިހެންނެއް ހިޔެއް ނުވެ އެވެ.

ގަލްފްގެ ގައުމުތަކުން ހަނގުރާމައިގައި ބައިވެރިވެފައިވާކަމަށް ވިދާޅުވުން

ގަލްފްގެ ގައުމުތަކުން ހަނގުރާމައިގައި ބައިވެރިވެފައި ނުވި ނަމަވެސް، އެ ގައުމުތަކުން ހަނގުރާމައަށް ވަދެފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. މާރިޗު 9 ވަނަ ދުވަހު ޓްރަމްޕް ވިދާޅުވީ، އީރާނުން ހަމަލާދޭން ފެށުމާ ހަމައަށް މެދުއިރުމަތީގެ އަވަށްޓެރި ގައުމުތައް އޮތީ "ވަކި ފަރާތަކަށް ނުޖެހި" ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، "އަވަށްޓެރި ގައުމުތައް މިހާރު ވަނީ އަޅުގަނޑުމެންގެ ކޮޅަށް އަރައި، އީރާނަށް ހަމަލާދޭން ފަށާފައި. އަދި އެކަން ކުރަނީ ވަރަށް ކާމިޔާބުކަމާއެކު. ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި އެހެން ގައުމުތަކަށް ބެއްލެވިޔަސް އެކަން އެނގޭނެ،" ކަމަށެވެ.

ނަމަވެސް، ހަގީގަތުގައި މިފަދަ ކަމެއް ހިނގާފައެއް ނުވެ އެވެ. ގަލްފްގެ ގައުމުތަކުން ދަނީ މި ހަނގުރާމައިގެ ތެރެއަށް ނުވަދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، މިދިޔަ މަހު ސައުދީ އަރަބިއްޔާ ވަނީ ކޮންމެވެސް މިންވަރަކަށް މި ކަމުގެ ތެރެއަށް ވަދެވިފަ އެވެ.

މީގެ ފަސް މަހަށްވުރެ ކުރިން، ހަނގުރާމަ "ގާތްގަނޑަކަށް ނިމިއްޖެ" ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެ ދުވަހު ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، "ހަނގުރާމަ މިހާރު އޮތީ ވަރަށް ބޮޑަށް ފުރިހަމަވެފައި، ގާތްގަނޑަކަށް ނިމިފައި،" ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ހަނގުރާމަ ފެށުނުތާ އެންމެ 10 ދުވަސްވީ ތަނާ އެވެ. ނަމަވެސް މިހާރު މި ހަނގުރާމައަށް 172 ދުވަސް ވެއްޖެ އެވެ.

އީރާނަށް ބައެއް މިސައިލްތައް ގެންގުޅުމުގެ ހައްގު އޮންނަންވާނެ ކަމަށް ވިދާޅުވުން

އީރާނަށް ބައެއް މިސައިލްތައް ގެންގުޅުމުގެ ހައްގު އޮންނަންވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޖޫން 17 ވަނަ ދުވަހު އީރާނާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "އެހެން މީހުންގެ އަތުގައި ވެސް ހުންނާތީ، އެމީހުންގެ އަތުގައި ވެސް ބައެއް މިސައިލް ހުންނަން ޖެހޭނެ،" ކަމަށެވެ. އަދި މިސައިލަކީ މައްސަލައެއް ނޫން ކަމަށާއި، ސަބަބަކީ އެއީ މުޅި ދުނިޔެ ގޮއްވާލާ އެއްޗަކަށް ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ޓްރަމްޕް ވިދާޅުވީ، "ނިސްބަތުން ބަލާއިރު، އެއީ މައްސަލައެއް ނޫން ކަމަށް އަޅުގަނޑު ދެކެން،" ކަމަށެވެ.

މިއީ ހަނގުރާމަ ފެށުނުއިރު ޓްރަމްޕް ދެއްކެވި ވާހަކަފުޅާ މުޅިން ތަފާތު، އޮޅުންބޮޅުން ބޮޑު ވާހަކަތަކެކެވެ. އޭރު އޭނާ ވިދާޅުވީ އެންމެ ބޮޑު އެއް އަމާޒަކީ އީރާނުގެ މިސައިލް ސިނާއަތް މުޅިން ސުންނާފަތިކޮށްލުން ކަމަށެވެ. އަދި އީރާނުގެ މިސައިލްތަކަކީ އެ ސަރަހައްދަށާއި، އެތަނުގައި ތިބި އެމެރިކާ ސިފައިންނަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ވަނީ މީގެ ކުރިން ސިފަކުރައްވާފަ އެވެ.

އީރާން އަލުން ބިނާކުރުމަށް އެމެރިކާއިން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވުން

އީރާނު އަލުން ބިނާކުރުމަށް އެމެރިކާއިން އެހީތެރިވެދިނުމުގެ ޚިޔާލު ވެސް ޓްރަމްޕް ވަނީ ނެރުއްވާފައެވެ. މާރިޗު 9 ވަނަ ދުވަހު އޭނާ ވިދާޅުވީ، "މިއީ އާ ގައުމެއް ބިނާކުރުމުގެ ފެށުން،" ކަމަށެވެ.

އަދި އޭޕްރީލް 6 ވަނަ ދުވަހު އޭނާ އިތުރަށް ވިދާޅުވީ، "އެ ގައުމު އަލުން ބިނާކުރުމުގައި އަޅުގަނޑުމެން އެހީތެރިވެދީފާނެ،" ކަމަށެވެ.

ޓްރަމްޕް މިފަދަ ވާހަކަފުޅުތަކެއް މި ދެއްކެވީ، ބޭރު ގައުމުތައް، ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތައް ބިނާކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަކީ ބޭކާރު ކަމެއް ކަމަށް ވިދާޅުވެ، އެތައް އަހަރެއް ވަންދެން އެކަމަށް ފާޑުވިދާޅުވުމަށްފަހުގަ އެވެ.

ނަމަވެސް، ޓްރަމްޕްގެ އެހެން ގިނަ ޚިޔާލުތަކެކޭ އެއްފަދައިން، މި ޚިޔާލު ވެސް އޭނާ ވަރަށް އަވަހަށް ދޫކޮށްލެއްވި ކަމަށް ފެނެ އެވެ.

އީރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލު އެމެރިކާ އަށް އޮތްކަމަށް ވިދާޅުވުން

އީރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް އޮތް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ހަނގުރާމައިގެ ކުރީކޮޅު ޓްރަމްޕާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، އީރާނުގެ ވައިގެ ސަރަހައްދުގައި އެމެރިކާއަށް ބޭނުން ގޮތަކަށް އުޅެވޭނެ ކަމަށާއި، ތެހެރާނަށް އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް، މިހެން ވިދާޅުވެފައިވަނިކޮށް އޭޕްރީލް މަހުގެ ކުރީކޮޅު އެމެރިކާގެ ދެ ޖެޓް ވަނީ ވައްޓާލާފަ އެވެ.

އެހެންނަމަވެސް، ޓްރަމްޕް ގެންދެވީ އެ ދައުވާ ތަކުރާރު ކުރައްވަމުންނެވެ. ޖޫން މަހު އޭނާ ވިދާޅުވީ، "އީރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ އަޅުގަނޑުމެންގެ އަތުގައި،" ކަމަށެވެ. އަދި ޖުލައި މަހު އޭނާ ވިދާޅުވީ، އީރާނުގެ އަސްކަރީ ބާރެއް ނެތް ކަމަށާއި، ވައިގެ ސިފައިންނާއި އެންޓި-އެއާކްރާފްޓް ނިޒާމުތައް ވެސް ނެތިގޮސްފައިވާ ކަމަށެވެ.

އެކަމަކު، އޭގެ އެންމެ ފަސް ދުވަސް ފަހުން، ޓްރަމްޕް ތުރުކީން ފުރާވަޑައިގަންނަވަނިކޮށް، އީރާނުން އެއާ ފޯސް ވަން ވައްޓާލަފާނެ ކަމުގެ ބިރަށްޓަކައި، ސަރުކާރުން ވަނީ ސިއްރިއްޔާތުގައި އޭނާ ކުޑަ ބޯޓަކަށްލާ ފުރުވާލާފަ އެވެ.

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު އޮތީ އެމެރިކާގެ އަތުގައި ކަމަށް ވިދާޅުވުން

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއަށް އޮތް ކަމަށް ވެސް ޓްރަމްޕް ވަނީ ދައުވާކުރައްވާފައެވެ. ފާއިތުވި ހަފުތާތަކުގައި ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ހުރްމުޒް ކަނޑުއޮޅި އޮތީ "ހުޅުވާލެވިފައި" ކަމަށާއި އެތަނުގެ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށެވެ.

ބުދަ ދުވަހު ޓްރަމްޕް ވިދާޅުވީ، "އެމީހުންގެ (އީރާނުގެ) ކޮންޓްރޯލެއް ނެތް. ފުރިހަމަ ކޮންޓްރޯލް އޮތީ އަޅުގަނޑުމެންގެ އަތުގައި. އެއީ އަޅުގަނޑުމެންގެ ތަނެއް،" ކަމަށެވެ.

ހަގީގަތުގައި، އެމެރިކާއިން ދަނީ އެ ކަނޑުއޮޅީގައި ހުރި އީރާނުގެ ބަނދަރުތައް ބްލޮކްކޮށް، ތެހެރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރަމުންނެވެ. ނަމަވެސް، އީރާނުން އުޅަނދުފަހަރަށް ހަމަލާދެމުންދާތީ، އެ ކަނޑުއޮޅި އެއްކޮށް ހުޅުވާލުމަށް ޓްރަމްޕަށް ވަނީ ނުކުޅެދިފަ އެވެ. އަދި އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުގެ މިންވަރު އަދިވެސް ހުރީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ މާ ދަށުގަ އެވެ.

އަސްލު ހަގީގަތަކީ، ހުރްމުޒް ކަނޑުއޮޅިއަކީ މިވަގުތު އީރާނަށް އޮތް އެންމެ ބޮޑު ބާރެވެ. އެތަނުގެ ކޮންޓްރޯލް ހަގީގަތުގައި ވެސް އެމެރިކާއަށް އޮތް ނަމަ، ހަނގުރާމައިގެ މަންޒަރު ފެންނާނީ މިއަށްވުރެ މާ ތަފާތުކޮށެވެ.

ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވުން

ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކުވެރި ސަރަހައްދަކަށް (ޓެރިޓަރީއަކަށް) ހެދުމުގެ ވާހަކައަކީ ހަމައެކަނި ޓްރަމްޕް ސޯޝަލް މީޑިއާގައި ދޫކޮށްލި ވާހަކައެއް ނޫނެވެ. ހޯމަ ދުވަހު އޭނާ ވިދާޅުވީ، "އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް މޮޅު ޚިޔާލެއް. އެތަން އޮތީ އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށުގައި. އެއީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމުގެ ޚިޔާލު އަޅުގަނޑަށް ވަރަށް ކަމުދޭ،" ކަމަށެވެ.

ނަމަވެސް، މިއީ އެއްވެސް ގޮތަކަށް އަމަލީ ގޮތުން ކުރެވޭނެ ކަމެއް ކަމަކަށް ނުފެނެ އެވެ. އެމެރިކާގެ ފުރިހަމަ ކޮންޓްރޯލް މިހާރު ވެސް އެތަނުގައި ނެތްއިރު، ދާއިމީ ގޮތެއްގައި އެތަން ހިފަހައްޓައިގެން ތިބުމަށްޓަކައި ނުތަނަވަސްކަން ބޮޑު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިން ގިނަ ދުވަހު ބައިތިއްބަން ޖެހޭނެ އެވެ. މިއީ ހަނގުރާމަ ދެމިގެންދާނީ އެންމެ ހަތަރު ހަފުތާ ނުވަތަ ހަ ހަފުތާއަށް ކަމަށް ވިދާޅުވެ، "ނިމުމެއް ނެތް ހަނގުރާމަތަކަށް" ފާޑުވިދާޅުވާ ރައީސެއްގެ ފަރާތުން ފެންނަ ވަރަށް އާދަޔާ ޚިލާފު އަމާޒެކެވެ.

އެހެންނަމަވެސް، ޓްރަމްޕަކީ މިފަދަ ވާހަކަތައް ވަރަށް ގިނައިން ދައްކަވާ ބޭފުޅެކެވެ. މިދިޔަ އަހަރު ވެސް އޭނާ ވަނީ ޣައްޒާގެ ކޮންޓްރޯލް ނެގުމުގެ ޕްލޭނެއް ކުޑަ ދުވަސްކޮޅަކަށް ގެންގުޅުއްވާފަ އެވެ. ނަމަވެސް އެކަމަށް އެއްވެސް ތަރުހީބެއް ނުލިބުމުން، އޭގެ ފަހުން އެ ވާހަކައެއް ނުދައްކަވަ އެވެ.

އޮމާން އަށް ބޮންއަޅާނެ ކަމަށް ވިދާޅުވުން

މީގެ އިތުރުން، އޮމާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ. މި ހަފުތާގައި ފޮކްސް ނިއުސްގެ ޓްރޭ ޔިންގްސްޓްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އޮމާނުން އަޅުގަނޑުމެންގެ މަގަށް ހުރަސްއަޅާނަމަ، އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދޭނަން،" ކަމަށެވެ.

ޓްރަމްޕް މިފަދަ އެތައް އިންޒާރުތަކެއް ދެއްވަމުން ގެންދަވާއިރު، މޭ މަހު ފުރަތަމަ ފަހަރަށް ދެއްވި އަދި ހޯމަ ދުވަހު ތަކުރާރު ކުރެއްވި މި އިންޒާރުގެ ސަބަބުން ސަރަހައްދުގެ ބައިވެރިން ތިބީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފަ އެވެ.

އޮމާނަކީ ތާރީޚީ ގޮތުން އެމެރިކާގެ ބައިވެރިއެކެވެ. އަދި އީރާނާއެކު ކުރެވޭ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެކެވެ. ހޯމަ ދުވަހު ޓްރަމްޕް އޮމާނަށް އިންޒާރު ދެއްވި ނަމަވެސް، މީގެ ކުރިން އޭނާ ސޮއިކުރައްވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅީގެ ކުރިމަގުގެ އިދާރީ ކަންކަމާއި ކަނޑުގެ ޚިދުމަތްތަކާ ގުޅޭގޮތުން އޮމާނުން ތެހެރާނާއެކު "މަޝްވަރާ ކުރާނެ" ކަމަށެވެ.

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިއޮމާންއީރާން ހަނގުރާމަ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ

19 އޯގަސްޓު 2026
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ
19 އޯގަސްޓު 2026

ޔޫއޭއީ އަށް އީރާން އިން މިސައިލް ހަމަލާތަކެއް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި

19 އޯގަސްޓު 2026
ޔޫއޭއީ އަށް އީރާން އިން މިސައިލް ހަމަލާތަކެއް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި
18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
18 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް

18 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
17 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

17 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟

17 އޯގަސްޓު 2026
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟
17 އޯގަސްޓު 2026

ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި

17 އޯގަސްޓު 2026
ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި
17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް