ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
18 އޯގަސްޓު 2026 | އަންގާރަ 07:22މި ބިލުގައި ރަށްރަށާއި ފަޅުތައް ދޫކުރާނެ ދާއިރާތަކާއި އަކަމީޓަރަކަށް ޖެހޭ ކުލީގެ ރޭޓުތަކުގެ އިތުރުން ގަވާއިދާ ހިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ އުސޫލުތައް ހިމަނާފައިވޭ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިފަދަ ތަންތަން 50 އަހަރާ ހަމައަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް މި ބިލުން ލިބިދޭ


ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ | މަޖިލިސް
ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.
މި ބިލާ ގުޅޭގޮތުން މުޅި މަޖިލީހުގެ ސަބް ކޮމިޓީ (އިޤްތިސާދީ ކޮމިޓީން) ނިންމި ގޮތުގެ ރިޕޯޓު ފާސް ކުރުމަށް ފެންނަކަމަށް މުޅި މަޖިލީހުގެ ކޮމިޓީގެ 66 މެމްބަރަކު ވޯޓު ދެއްވިއިރު، ނުފެންނަކަމަށް 9 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އެ ބިލުގައި 8 ބާބު ހިމެނޭއިރު 75 މާއްދާ ހިމަނާފައިވެ އެވެ. ބިލުގައި ބުނީ، ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ އެހެނިހެން ބޭނުންތަކާއި އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށެވެ.
އެގޮތުން ސިނާއީ ބޭނުންތަކާއި އިގުތިސާދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކަށް 3 ރުފިޔާ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50 ރުފިޔާ އެވެ. އަދި އިޖުތިމާއީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2 ރުފިޔާ އެވެ.
ފަޅު ކުއްޔަށް ދޫކުރެވޭނެ ގޮތް ބަޔާންކޮށް ބިލުގައި ބުނީ ފަޅެއް ކުއްޔަށް ދެވޭނީ ލާޖް-ސްކޭލް ސިނާއީ މަސައްކަތްތަކާއި މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތަކުގެ އިތުރުން، ލާޖް-ސްކޭލް އިގުތިސާދީ މަސައްކަތްތަކާއި އެކުއަކަލްޗަރ ނުވަތަ އެކުއަކަލްޗަރއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ކަމަށެވެ.
އެފަދަ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުގެ ކުއްޔެއްގެ ގޮތުގައި އޮތީ އަކަމީޓަރަކަށް 3 ރުފިޔާ އެވެ. މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރި އެވެ.
ބިލުގައި ބުނީ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ. އެގޮތުން 21 އަހަރަށް ކުއްޔަށް ދިނުމުގެ ބާރު ދީފައިވާއިރު އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް ލިބިގެންވާ ކަމަށް ބިލުގައިވެ އެވެ.
ކުއްޔަށް ދިނުމުގެ އިތުރުން ރަށްރަށް ވަރުވާއަށް ލިޔެދެވޭނެ ހާލަތްތަކާއި އުސޫލުތައް ވެސް އެ ބިލުގައިވެ އެވެ.
އެ ބިލުގައި ބުނީ އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރި ކަމެއްގެ މިންވަރަށް ބަލައި، ފިޔަވަޅު އެޅުމުގެ ބާރު ކަމާ ބެހޭ މިނިސްޓްރީ އަށް ނުވަތަ ކައުންސިލަށް ލިބިގެންވާ ކަމަށެވެ.
އެގޮތުން ވަރުވާއަށް ލިޔެފައިވާ ފަޅުރަށަކާ ގުޅޭ ގޮތުންނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކުއްޔަށް ދީފައިވާ ފަޅެއް ނުވަތަ ފަޅުރަށަކާ ގުޅޭ ގޮތުން ނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެ ނޫން ފަޅުރަށްރަށާ ގުޅޭ ގޮތުން ނަމަ، 5 ލައްކާއާ ހަމައަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.











