ރޮޑްރީ ހުރީ ބާސެލޯނާ އާއެކު ޗެމްޕިއަންސް ލީގު ހިމެނޭހެން ހުރިހާ ތައްޓެއް ކާމިޔާބު ކުރުމުގެ އުންމީދުގައި
18 އޯގަސްޓު 2026 | އަންގާރަ 05:09މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި ރޮޑްރީ މިހާރު ވަނީ، ބާސެލޯނާ އަށް ބަދަލުވުމުގެ ކަންކަން ފުރިހަމަ ކުރުމަށް ސްޕެއިން އަށް ގޮސްފައި. ބާސެލޯނާ އަށް ދިޔުމަށް ފަހު ވާހަކަ ދައްކަމުން ރޮޑްރީ ބުނީ، ބާސެލާނާގައި ހުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށް


ބާސެލޯނާ އަށް ބަދަލުވުމުގެ ކަންކަން ފުރިހަމަ ކުރުމަށް ރޮޑްރީ ސްޕެއިންގައި | ސޯޝަލް މީޑިއާ
ސްޕެއިންގެ ބާސެލޯނާ އާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހިމެނޭހެން، ސީޒަންގެ ހުރިހާާ މުބާރާތްތަކެއް ކާމިޔާބު ކުރުމަށް އުންމީދު ކުރާ ކަމަށް ރޮޑްރީ ބުނެފި އެވެ.
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި ރޮޑްރީ މިހާރު ވަނީ، ބާސެލޯނާ އަށް ބަދަލުވުމުގެ ކަންކަން ފުރިހަމަ ކުރުމަށް ސްޕެއިން އަށް ގޮސްފައި އެވެ. ބާސެލޯނާ އަށް ދިޔުމަށް ފަހު ވާހަކަ ދައްކަމުން ރޮޑްރީ ބުނީ، ބާސެލާނާގައި ހުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.
ބާސެލޯނާ އާއެކު ހުރިހާ ތައްޓެއް ކާމިޔާބު ކުރަން ބޭނުންވާކަން ފާހަގަކޮށް ރޮޑްރީ ބުނީ، ޗެމްޕިއަންސް ލީގު ހިމެނޭހެން ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރުމަކީ އުންމީދެއް ކަމަށެވެ. ބާސެލޯނާގެ ކުޅުންތެރިންނާ އެކު މަސައްކަތްކޮށް، ބާސެލޯނާ އަށް ކާމިޔާބު ހޯދައި ދިނުމަށް ރޮޑްރީ ހުރީ ކެތް މަދުވެފައި އެވެ. ރޮޑްރީ ބުނީ ބާސެލޯނާގައި އޮތް ޓީމަކީ ކާމިޔާބު ހޯދޭނެ ފެންވަރުގެ ޓީމެއް ކަމަށާއި، ބާސެލޯނާގައި ތިބީ ހުނަރުވެރި ކުޅުންތެރިންތަކެއް ކަަމަށެވެ.
ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން އެންމެ ފުރަތަމަ ހުށަހެޅި ދެ ބިޑު ވެސް ސިޓީ އިން ރިޖެކްޓު ކޮށްފައިވާއިރު، ބާސެލޯނާ އިން ހުށަހެޅި ތިން ވަނަ ބިޑު އެ ކުލަބުން ވަނީ ޤަބޫލު ކޮށްފައި އެވެ. ބާސެލޯނާ އިން ވަނީ ރޮޑްރީ ހޯދުމަށް ގާތް ގަނޑަކަށް 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފަ އެވެ. މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާ އިން ހޯދާ އެންމެ މުހިންމު ކުޅުންތެރިޔާ އަށް ވާނެ އެވެ.
ރޮޑްރީ ވަނީ ސިޓީގައި ހޭދަކޮށްފައިވާ ހަތް ސީޒަންގެ ތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ އެ ޓީމަށް ކުޅެދީފައިވާ 298 މެޗުގައި 28 ލަނޑު ޖަހައިފަ އެވެ. އަދި ސިޓީ އާއެކު އޭނާ ވަނީ 13 ތައްޓެއް ވެސް ކާމިޔާބު ކޮށްފައި އެވެ. ސްޕެއިން އާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ރޮޑްރީ ކާމިޔާބު ކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.










