ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް
24 އޯގަސްޓު 2026 | ހޯމަ 04:00މެޗުން މޮޅުވެ ބާސެލޯނާ އިން ފެށުން ވަރުގަދަ ކޮށްފައިވާއިރު، ލީގުގައި އެ ޓީމުގެ ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ކުޅޭނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް. އޭގެ ފަހުން ތިން ވަނަ މެޗުގައި ކުޅޭނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް


މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ގެޓީ އިމޭޖަސް
ސްޕެނިޝް ލީގުގެ އައު ސީޒަންގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުން ބޮޑު މޮޅެއް ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ފެށުން ވަރުގަދަ ކޮށްފި އެވެ.
އެލްޗޭގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ދަންވަރު ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކޮށްފައި ވަނީ 5-0 އިންނެެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ދެ ވަނަ ހާފުގައި އެވެ.
މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލީޑު ނަގައިދިނީ ރަފީނިއާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ކަރީމް އަޑަޔޭމީ އެވެ.
މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން 71 ވަނަ މިނެޓުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ފާމިން ލޮޕޭޒް އެވެ. އެ ލަނޑު ޖެހިތާ އަށް މިނެޓު ފަހުން ލޮޕޭޒް ވަނީ ބާސެލޯނާގެ ފަސް ވަނަ ލަނޑު ވެސް ޖަހައިފަ އެވެ.
މެޗުން މޮޅުވެ ބާސެލޯނާ އިން ފެށުން ވަރުގަދަ ކޮށްފައިވާއިރު، ލީގުގައި އެ ޓީމުގެ ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ކުޅޭނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ. އޭގެ ފަހުން ތިން ވަނަ މެޗުގައި ކުޅޭނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށެވެ. ބާސެލޯނާ އަކީ ފާއިތުވި ދެ ސީޒަންގައި ވެސް ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވާ ޓީމެވެ.










