މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:18ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިޔުއެއްގައި މާޓިޏޭޒް ބުނީ، ބާސެލޯނާ ފަދަ ބޮޑު ކުލަބަކުން އޭނާ ހޯދުމަށް ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށް. ނަމަވެސް، މުސްތަޤުބަލާ މެދު އޭނާ ނިންމާފައިވާ ނިންމުމަކީ ސާފު ނިންމުމެއް ކަމަށާއި، އޭނާ ބޭނުން ވަނީ އިންޓަރގައި ދެމި ހުންނަން ކަމަށް ވެސް މާޓިނޭޒް ބުނެފައިވޭ


އިންޓަރ މިލާން އަށް ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒް | ރޮއިޓާސް
އިޓާލިއަން ލީގުގެ އިންޓަރ މިލާން އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އަށް، ސްޕެއިންގެ ބާސެލޯނާ އިން ހުށަހެޅުމެއް ލިބުނު ކަށާއި، ނަމަވެސް އޭނާ ބޭނުންވީ އިންޓަރގައި މަޑުކުރަން ކަމަށް މާޓިނޭޒް ބުނެފި އެވެ.
މީޑިއާ ތަކުގައި ވެސް ވަނީ ބާސެލޯނާ އިން މާޓިނޭޒް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް، އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި އެވެ.
އެކަމާ ގުޅޭ ގޮތުން ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިޔުއެއްގައި މާޓިޏޭޒް ބުނީ، ބާސެލޯނާ ފަދަ ބޮޑު ކުލަބަކުން އޭނާ ހޯދުމަށް ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ނަމަވެސް، މުސްތަޤުބަލާ މެދު އޭނާ ނިންމާފައިވާ ނިންމުމަކީ ސާފު ނިންމުމެއް ކަމަށާއި، އޭނާ ބޭނުން ވަނީ އިންޓަރގައި ދެމި ހުންނަން ކަމަށް ވެސް މާޓިނޭޒް ބުނެފައިވެ އެވެ.
މީގެ އިތުރުން މާޓިނޭޒް ބުނެފައި ވަނީ އިންޓަރގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން އުފަލުން ކަމަށާއި، އެ ކުލަބު ދެކެ އޭނާ އިންތިހާ އަށް ލޯބިވާ ކަމަށެވެ. ކުލަބުގެ އިސްވެރިންނާއި، ޓީމުގެ ކުޅުންތެރިންނާއި، މުވައްޒަފުންގެ އިތުރުން، ޓީމުގެ ސަޕޯޓަރުންނާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ވެސް މާޓިނޭޒް ބުންޏެވެ. އެކަން ފާހަގަކޮށް މާޓިނޭޒް ބުނީ، އިންޓަރ އިން އޭނާ ބަހައްޓަން ބޭނުންވާ ހިނދެއްގައި އޭނާ ހުންނާނީ އެ ކުލަބުގައި ކަމަށެވެ.
އިންޓަަރގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ މާޓިނޭޒް ބުނީ، އޭނާގެ ހުރިހާ ވެސް ވިސްނުމަކީ އެ ކުލަބާ އެކު ކާމިޔާބީ ހޯދުން ކަމަށެވެ. އަދި ކުލަބުގެ ސަަޕޯޓަރުންގެ ފަރާތުން ލިބޭ ލޯތްބާއި އިހުތިރާމް އަކީ އޭނާ ކުލަބުގައި މަޑުކުރަން ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައި އެވެ.
އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އިންޓަރ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި އަދި ބާކީ ތިން އަހަރު އޮތްއިރު، އިންޓަރ އިން މާޓިނޭޒް ދޫކޮށްލަން ބޭނުން ނުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މާޓިނޭޒް ވަނީ މިހާތަނަށް އިންޓަރ އަށް ކުޅެދީފައިވާ 378 މެޗުގައި 175 ލަނޑު ޖަހައިފަ އެވެ.










