ގެއްލުނު މީހުން ހޯދުމުގައި އެމެރިކާ ސިފައިން އެހީވި ކަމަށް އެމްއެންޑީއެފްއިން ބުނެފި
17 އޯގަސްޓު 2026 | ހޯމަ 11:47ހުވަދޫ ކަނޑަށް ބަންޑުންޖަހާލި "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާ ނޭވީގެ ޚާއްސަ މަތިންދާބޯޓެއް ބޭނުންކޮށްގެން 6300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި. އެމްއެންޑީއެފުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދަކާއި ކައިރި އަތޮޅުތަކުގެ ފަރުތައް ބަލާފައިވީ ނަމަވެސް، ގެއްލުނު ސިފައިންގެ މީހާއާއި ފުލުސް މީހާގެ އިތުރުން ދޯނީގެ ކެޕްޓަން އަދި ފެނިފައެއް ނުވޭ


ފްރެންޑް 4 ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ބަލާފައިވާ ސަރަހައްދު | އެމްއެންޑީއެފް
ހުވަދޫ ކަނޑަށް ތިން ދިވެހީން ގެއްލުނު ހާދިސާގައި، އެމީހުން ހޯދަން އެމެރިކާ ސިފައިންގެ އެހީ ލިބުނު ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ހޯމަ ދުވަހު އެމްއެންޑީއެފް އިން ބުނެފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެމަތިން އެމެރިކާ ސަރުކާރުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަހައްދު މަތިން އާދިއްތަ ދުވަހު ބަލާފައިވާ ކަމަށެވެ. މިއީ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އަދި ސަރވެއިލަންސަށް ބޭނުންކުރާ ޚާއްސަ މަތިންދާބޯޓެއް ކަމަށާއި، މި މަތިންދާބޯޓުން އާދިއްތަ ދުވަހު 6300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން މިކަން އިއުލާން ކުރި ނަމަވެސް ކުރިން ބުނެފައިވަނީ ގެއްލުނު މީހުން ހޯދަން ބޭރުގެ ފަރާތެއްގެ އެހީތެރިކަން ލިބިއްޖެނަމަ، އެކަން އިއުލާން ކުރާނީ ސަރުކާރުން ކަމަށެވެ.
2026 އޮގަސްޓް 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި އަދި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. އަދި އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މިހާދިސާގައި ގެއްލިފައިވަނީ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް އަލީ ނާފިއު އަދި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އެވެ. މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފައިވެ އެވެ.










