"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!
10 އޯގަސްޓު 2026 | ހޯމަ 08:37ހުވަދޫ ކަނޑަށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް، އެމީހުން އަދިވެސް ފެނިފައެއް ނުވޭ. މި ހާދިސާގައި ސަރުކާރުގެ އިސްވެރިން ހަނުތިއްބެވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ދޯނި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގެ ސަބަބުން އެމީހުން ހޯދުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި


އެމްއެންޑީއެފްގެ އުޅަނދެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ | އެމްއެންޑީއެފް
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ސިފައިންގެ މީހާއާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ހޯމަ ދުވަހު އެމްއެންޑީއެފުން ބުނީ، ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 7512 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށާއި، ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެއީ ޖުމްލަ 9482.1 އަކަ ނޯޓިކަލް މޭލެވެ.
އެމްއެންޑީއެފުން ބުނީ، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވާ ކަމަށެވެ. ހުވަދޫ ކަނޑަށް މި 3 މީހުން ގެއްލިފައިވާއިރު، ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމާފައިވާކަން އިއުލާންކުރީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މި ހާދިސާ ހިނގީ 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ 22:37 ހާއިރު ކަމަށްވާއިރު، 8 އޮގަސްޓް 2026 ވަނަ ދުވަހާ ހަމައަށް މިހާދިސާއާ ގުޅޭގޮތުން ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އެއްވެސް އިސްބޭފުޅެއް އެއްޗެއް ވިދާޅުވެފައިނުވެ އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ މި ސަޕްލައި ދޯނި އެއްކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ. އަދި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފައިވެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ އޮފިސަރެއް ވިދާޅުވީ، މި އޮޕަރޭޝަން ވަރަށް ބޮޑަށް ފުޅާކުރި ނަމަވެސް ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި، ގާތްގަނޑަކަށް 5400 ފޫޓު ހުންނާނެ ކަމަށެވެ. އަދި އެ ދޯނި ހިލަވެއްޔާއެކު އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އެ ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 98 ފޫޓު ހުރި މިދޯނި ބަންޑުން ޖަހާލިއިރު، ގެއްލުނު ތިން މީހުން އެންމެފަހުން ތިބީ، ދޯނި ދިޔަވާތީ ޕަންޕް ސެޓަޕް ޖަހައިގެން ދިޔަ ހިއްކުމުގެ މަސައްކަތުގަ އެވެ. އަދި ބޮޑަށް ބެލެވެނީ ދޯނި ބަންޑުން ޖަހާލިއިރު، އޭގައި އެމީހުން ތާށިވީ ކަމަށް އެ އޮފިސަރު ވިދާޅުވި އެވެ.











