ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި
9 އޯގަސްޓު 2026 | އާދީއްތަ 05:46ސަޕްލައި ދޯންޏެއް ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ސަރުކާރުން މިހާރު ދަނީ މަޝްވަރާ ކުރަމުން. މި އޮޕަރޭޝަނަށް ބޭނުންވާ ފަންނީ އެއްބާރުލުން ހޯދުމަށް ޚާރިޖީ ގުޅުންތައް މެދުވެރިކޮށް މަސައްކަތް ކުރާއިރު، ދޯނި އަޑިއަށް ގޮސްފައިވަނީ ފީނައިގެން ނުދެވޭހާ ފުން ސަރަހައްދަކަށް. ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ދަނީ ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައިގެން އެމީހުން ހޯދުމުގެ މަސައްކަތް ވިލަރެސް ކުރަމުން


ހުވަދޫ ކަނޑަށް ގެއްލުނު 3 މީހުން | ސޯޝަލް މީޑިއާ
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ސިފައިންގެ މީހާއާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ހޯދުމަށް ބޭރުގެ އެހީ ހޯދަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ގެއްލިފައިވާ 3 މީހުންނާއި އެމީހުންގެ އާއިލާތަކަށް އަދި ގާތްތިމާގެ މީހުންނަށް ހަމްދަރުދީ ފޮނުވައި، ހޮނިހިރު ދުވަހުގެ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ފޮރިން މިނިސްޓްރީން ބުނީ، ގެއްލުނު 3 މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގީ 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ 22:37 ހާއިރު ކަމަށްވާއިރު، 8 އޮގަސްޓް 2026 ވަނަ ދުވަހާ ހަމައަށް މިހާދިސާއާ ގުޅޭގޮތުން ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އެއްވެސް އިސްބޭފުޅެއް އެއްޗެއް ވިދާޅުވެފައިނުވެ އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް، ފޮރިން މިނިސްޓްރީން ބުނީ، ފްރެންޑް 4 ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މި ހާދިސާގައި ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތަށްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މިހާރު ކުރިއަށްދާ ސާރޗް އޮޕަރޭޝަނަށާއި އަޑިއަށް ދިޔަ އުޅަނދާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށް ރާއްޖޭގެ ބައިލެޓްރަލް ޕާޓްނަރުން ނުވަތަ ޚާރިޖީ ގުޅުންތައް ގާއިމުކޮށްފައިވާ ގައުމުތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ކަމާބެހޭ ހުރިހާ އިދާރާތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، ގެއްލުނު މީހުން ހޯދުމަށް ކުރިއަށްދާ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތްތައް ވިލަރެސް ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ މި ސަޕްލައި ދޯނި އެއްކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ. އަދި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފައިވެ އެވެ.
ކަނޑާއި ވައިގެ މަގުން ސަލާމަތްކުރާ ފަރާތްތަކުން އެމީހުން ހޯދުމުގެ އޮޕަރޭޝަނެއް ހިންގަމުންދާއިރު، އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި، އެމްއެންޑީއެފް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި، ގެއްލުނު މީހުން ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ ބަލާފަ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ އޮފިސަރެއް ވިދާޅުވީ، މި އޮޕަރޭޝަން ވަރަށް ބޮޑަށް ފުޅާކުރި ނަމަވެސް ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި، ގާތްގަނޑަކަށް 5400 ފޫޓު ހުންނާނެ ކަމަށެވެ. އަދި އެ ދޯނި ހިލަވެއްޔާއެކު އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އެ ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 98 ފޫޓު ހުރި މިދޯނި ބަންޑުން ޖަހާލިއިރު، ގެއްލުނު ތިން މީހުން އެންމެފަހުން ތިބީ، ދޯނި ދިޔަވާތީ ޕަންޕް ސެޓަޕް ޖަހައިގެން ދިޔަ ހިއްކުމުގެ މަސައްކަތުގަ އެވެ. އަދި ބޮޑަށް ބެލެވެނީ ދޯނި ބަންޑުން ޖަހާލިއިރު، އޭގައި އެމީހުން ތާށިވީ ކަމަށް އެ އޮފިސަރު ވިދާޅުވި އެވެ.











