"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް 8 ދުވަސް: އެމްއެންޑީއެފްއިން ބުނަނީ ގެއްލުނު ދިވެހިން ހޯދަން ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނުކުރާނީ ސަރުކާރުން ކަމަށް
13 އޯގަސްޓު 2026 | ބުރާސްފަތި 13:26ހުވަދޫ ކަނޑަށް ބަންޑުންޖަހާލި "ފްރެންޑް 4" ދޯނިން ގެއްލުނު ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ކައްޕި ހޯދުމަށް 9400 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، އަށް ދުވަސްވީއިރު ވެސް އެމީހުން ފެނިފައެއް ނުވޭ. މި ހާދިސާއާ ގުޅިގެން ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނި ނަމަވެސް، އެކަމުގެ އެއްވެސް ތަފްސީލެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވޭ. މީގެއިތުރުން، ގެއްލުނު މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވާފައި ނުވާތީ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި


"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން | ސޯޝަލް މީޑިއާ
ހުވަދޫ ކަނޑަށް "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް އަށް ދުވަސް ވެގެން ދިޔައިރު، އަދިވެސް ގެއްލުނު 3 ދިވެހީން ނުފެންނަ ކަމަށާއި ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނު ކުރާނީ ސަރުކާރުން ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
ހުވަދޫ ކަނޑަށް ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގެ އަދާހަމަ ހޯދަން އެމްއެންޑީއެފްއަށް ރާއްޖެޓީވީން ގުޅުމުން ބުނެފައިވަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރާއްޖެއިން ބޭރު މީހުންގެ އެހީ ލިބިއްޖެ ނަމަ އެކަން އިއުލާން ކުރާނީ ސަރުކާރުން ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު އެމްއެންޑީއެފް މީޑިއާއަށް ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާއަކީ 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ 22:37 ހާއިރު ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް އަޑިއަށް ދިޔަ ހާދިސާއެކެވެ. ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފައިވެ އެވެ. ނަމަވެސް ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފަ އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން އޮގަސްޓް 10 ވަނަ ދުވަހު އެމްއެންޑީއެފްއިން "އެކްސް" ގައި ކުރ ޕޯސްޓެއްގައި ބުނެފައިވަނީ 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
މީގެއިތުރުން، ގެއްލުނު މީހުން ހޯދަން ބޭރު ދުނިޔޭގެ އެހީ ހޯދަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނި ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ތަފްސީލެއް އަދިވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަދި އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއަށް ގުޅުމުން ޖަވާބު ދީފައި ނުވެ އެވެ.
މި ހާދިސާގައި ޕޮލިސް ސާޖަންޓް އަލީ ނާފިއު އާއި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދު ކަނޑަށް ގެއްލިފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އާއިލާތަކަށް ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައި ނުވާ ކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.











